ހަބަރު

ސުޕްރީމް ކޯޓުން މަސައްކަތް ކުރަނީ އިންތިހާބު ފިކްސް ކުރަން: ހަސަން ލަތީފް

Feb 26, 2019
12

ސުޕްރީމް ކޯޓުން 2013 ވަނަ އަހަރުވެސް ވަނީ އިންތިހާބުގެ ތާރީހު ތަކަށް ބަދަލުގެނެސް ވަކި ބަޔަކު ބޭނުންވާ ގޮތަށް އިންތިހާބު "ފިކްސް" ކޮށްފައި ކަމަށާއި މިއަދުވެސް ފެނިގެންދަނީ އެގޮތަށް އަމަލުކުރަމުންދާ މަންޒަރު ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޕްރައިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރެވޭނެ ގޮތް ހަދައި، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމަށް ވަނީ އަމުރުކޮށްފަ އެވެ.

ހުކުމާއި ގުޅިގެން އެމްޑީޕީގެ ލީޑާޝިޕުން މިއަދު ވަނީ އިލެކްޝަން ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރައްވައި އެޕާޓީގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އީސީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ސުޕްރީމް ކޯޓުން ވަނީ 2013 ވަނަ އަހަރުވެސް ތާރީހުތަކަށް ބަދަލު ގެނެސްފައި ކަމަށާއި ވަކި ބަޔަކު ބޭނުންވާ ގޮތަށް އިންތިހާބު ފިކްސް ކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

"އަނެއްކާވެސް އެބޭފުޅުން އެފެއްޓެވީ އެކަހަލަ މަޝްރޫއެއް ކަމަށް ބެލެވެނީ، އެއީ އެއްގޮތަކަށްވެސް ސުޕްރީމް ކޯޓުން ކޮށްގެންވާނެ ކަމެއް ނޫން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ، އަމިއްލަ ގޮތުން ބަލިވި މެންބަރުން ކުރިމަތިލާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި ނަމަވެސް އަޅާނެ ފިޔަވަޅުތަކެއް ނިންމާފައިނުވާ ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީން ނިކުންނަ ކެނޑިޑޭޓަކަށް މެންބަރުން ތާއީދު ކުރަންޖެހޭނެ ކަމަށާއި އެކަމާ ހިލާފްވެއްޖެނަމަ އެމީހަކަށް ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ، މިކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މިފަހަރު ބޭއްވިގެންދިޔަ ޕްރައިމަރީއަކީ ވަރަށްވެސް ދެފުށްފެންނަ ގޮތަށް ބޭއްވިގެންދިޔަ ޕްރައިމަރީއެއް ކަމަށެވެ.

އެމްޑީޕީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އަސްލަމް ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރެއްވީ އިއްޔެގެ ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ހުރި ކަންބޮޑުވާކަމާއި ތާރީހުތަކަށް އައިސްދާނެ ބަދަލުތަކާއި ގުޅޭ ގޮތުން ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ކަމަށެވެ.

"އިލެކްޝަން ކޮމިޝަނުން އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި ކުރިމަތިލުމުގެ ތާރީހުގެ އިތުރަށް އެހެން ތާރީހުތަކަށް ބަދަލުގެންނަން ނުނިންމާ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ކޮންމެ އިންތިހާބަކަށް ހުޅުވާލުމަށްފަހު ވަރަށް މިނިވަންކަމާއެކު ވަކި ނުފޫޒެއްނެތި ބޭނުން ކޮންމެ ބަޔަކަށް އެއިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެން ޕްރައިމަރީއެއް ބޭއްވުމަށްފަހު އެމްޑީޕީ އިން ކެނޑިޑޭޓުން އައްޔަން ކުރާ ކަމަށެވެ. ނަމަވެސް އެހުކުމުގެ ސަބަބުން ޕްރައިމަރީއެއްގެ ބޭނުން ކެނޑިފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"އެގޮތަށް ބާއްވާ ޕްރައިމަރީއެއްގެ ބޭނުން އުސޫލެއްގެ ގޮތުން ކެނޑިގެން މިދިޔައީ، ޕާޓީ އިން އަދިވެސް ގަބޫލުކުރާ އުސޫލަކީ ވަކި މީހަކު ބޭނުންވާ، ވަކި ކެނޑިޑޭޓަކު ސެލެކްޓްކުރާ ޕާޓީގެ އާންމު މެންބަރުންނަށް ވޯޓަކަށް ހުޅުވާލެވިގެން ނެގޭ ކެނޑިޑޭޓަކު ޕާޓީން ނެރޭ އުސޫލަކަށް،"

އަސްލަމް ވިދާޅުވީ، އީސީއިން ވަކި ތާރީހުތަކެއް ކަނޑައަޅާފައިވަނިކޮށް ސުޕްރީމް ކޯޓުން އެތާރީހުތަކަށް ބަދަލުގެނައުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ، އެކަމުގެ ސަބަބުން އީސީގައި އޮންނަ މިނިވަން މުސްތަގިއްލުކަން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.