ހަބަރު

ސުޕްރީމްކޯޓްގެ މަގުސަދަކީ މި ޕާޓީއަށް ގެއްލުން ދިނުން: އެމްޑީޕީ

މަޖިލިސް އިންތިހާބުގެ ތާރީހުތަކަށް ބަދަލު އަންނަ ގޮތަށް ސުޕްރީމްކޯޓުން އަމަލުކޮށްފައިވަނީ އެމްޑީޕީއަށް އަމާޒުކޮށްގެން، މަޖިލިސް އިންތިހާބުގައި އެ ޕާރޓީއަށް ގެއްލުން ދިނުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިންތިހާބީ ތާރީހުތަކަށް ބަދަލު ގެނެސް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ހުކުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީން ބުނީ ވާދަވެރި ޕްރައިމަރީއެއް ބާއްވާ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން އެ ޕާޓީއިން ހޮވާފައި ވަނިކޮށް، ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ދިނުމަކީ އެ ޕާޓީއަށް މަޖިލިސް އިންތިހާބުގައި ގެއްލުން ދިނުމުގެ ގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމެއް ކަމަށެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް، އެ އިންތިހާބަށް ވާދަކުރުމަށް ގާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތަށް ސްޕްރީމް ކޯޓުން ބަދަލު ގެނެސް، މީގެ ކުރިއެކޭ އެއްފަދައިން އަނެއްކާ ވެސް ސްޕްރީމް ކޯޓުން އިންތިހާބުގެ ތެރެއަށް ވަނުމުގެ އަމަލު ހިންގަން ފަށާފައިވާތީ އެޕާޓީން ކަންބޮޑުވާ ކަމަށެވެ.

"ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމެރީ އިން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަނުކުރެވޭނޭ ގޮތަށް މިދިއަ ސަރުކާރުން ފާސްކުރި ގާނޫނަށް ސްޕްރީމް ކޯޓުން ވާގިވެރިވުމުގައި މިހުރިހާ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވުމާއެކު ކުއްލިއަކަށް އަނެއްކާ ވެސް އިންތިހާބީ ތާރީހުތަކަށް ބަދަލު އަންނާނޭ ގޮތްތަކަށް ޢަމަލުކުރެއްވުމަކީ ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ހޯއްދަވައިދެއްވުމަށް ކުރެއްވި ކަމެއްކަމުގައި މި ޕާރޓީ އިން ދެކެމެވެ" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ސްޕްރީމް ކޯޓަކީ ސޫއު މޯޓޯގެ އުސޫލުން އަމިއްލައަށް އެކިއެކި ގާނޫނުތައް ނަންގަވައިގެން އެ ގާނޫނުތަކުގެ މާއްދާތަކާއި ބާބުތައް މީގެ ކުރިން ބާތިލުކުރައްވާފައިވާ ކޯޓެއްކަން ފާހަގަކުރާ ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ. އެހެން ނަމަވެސް އިއްޔެއާ ހަމަޔަށް ވެސް މިދިޔަ ސަރުކާރުން ފާސްކުރި އެ ގާނޫނުގެ މާއްދާ ބާތިލުކޮށްފައިނުވާއިރު، ކުއްލިއަކަށް މަޖިލިސް އިންތިހާބާ ދިމާކޮށް އެ ގާނޫނުގެ މާއްދާ ބާތިލް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެމްޑީޕީއިން ބުނީ، ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީހުތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމަކީ ކޮންމެހެން ލާޒިމުކަމަކަށްވާތީ، އެގޮތަށް އަމަލުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދޭންޖެހޭ ކަމަށެވެ.