ހަބަރު

ސުޕްރީމް ކޯޓުގެ ބާރު ކުޑަކޮށް ބޮޑެތި ބާރުތައް ރަޖިސްޓްރާއަށް ދެނީ

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީއިން ގެންނަން ނިންމާފައިވާ ބަދަލުތައް ހާމަކޮށްފި އެވެ. އެ އިސްލާހުތައް ހާމަ ކުރެއްވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކް ޝޮޕްގަ އެވެ.

އެމްޑީޕީއިން ޝަރުއީ ދާއިރާއަށް ގެންނަން ނިންމާފައިވާ އިސްލާހުތައް މިރޭ ހާމަކޮށްދެއްވާފައިވަނީ އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސެއިންނެވެ. ހިސާން ވިދާޅުވި ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އަދި ކޯޓުތަކުގެ އޮނިގަނޑާއި މަސައްކަތް ކުރާ ގޮތަށް އެ ޕާޓީން ބޮޑެތި ބަދަލުތަކެއް ގެންނަން ވިސްނަ އެވެ.

ހިސާން ހާމަ ކުރެއްވި ގޮތުގައި ޑީޖޭއޭއަކީ ސުޕްރީމް ކޯޓާ ވަކިން އޮންނަ ޑިޕާޓްމެންޓެއް ގޮތަށް ކަނޑައަޅާނެ އެވެ. ސުޕްރީމް ކޯޓުން ދަށުން ހިނގާ ތަނެއްގެ ބަދަލުގައި ޑީޖޭއޭ ވެގެން ދާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބުދާރީވާ ތަނެއްގެ ގޮތުގައި ކަމަށެވެ. އެ ޑިޕާޓްމެންޓްގެ ވެރިޔާގެ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާއެއް އައްޔަން ކުރާނީ ވެސް މަޖިލީހުން ކަމަށެވެ.

މިހާރު އޮންނަ ގޮތުން ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ބަލަހައްޓާ ޑީޖޭއޭއަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިންގާ ތަނެކެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަނޑައަޅަނީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.

ހިސާން ވިދާޅުވި ގޮތުން އެ ޕާޓީއިން ގެންނަން ނިންމާފައިވާ ބަދަލުތަކުގައިވާ ގޮތުން ކޯޓުތަކަށް ރަޖިސްޓްރާއިން ވެސް އައްޔަން ކުރާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އެވެ. އަދި ކޯޓުތަކުގެ މުވައްޒަފުންގެ އޮނިގަނޑު ވެސް ކަނޑައަޅާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަމެވެ. އެކަންކަމުގައި ކޯޓުގެ ދައުރެއް ނޯންނާނެ އެވެ. މިހާރު ކޯޓުތަކުގެ ރަޖިސްޓްރާއިން ކަނޑައަޅަނީ އެ ކޯޓުންނެވެ.

ގާޒީންނަށް މައްސަލަތައް ހަވާލުކުރާނީ ރަޖިސްޓްރާ

މީގެއިތުރުން ޝަރުއީ ކޯޓުތަކުގެ ރަޖިސްޓްރާއިން ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ހިސާން ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ ދައުރެއް ނެތި، މައްސަލަތައް ބަލައިގަތުމާމެދު ރަޖިސްޓްރާއިން ގޮތެއް ނިންމާނެ އެވެ. އެއީ މިހާރު ރަޖިސްޓްރާއިން ފަނޑިޔާރުން އަންގާ ގޮތަށް މައްސަލަތައް ބަލައިގަތުމާމެދު ގޮތް ނިންމުން މައްސަލަ ހުށަހަޅައި ފަރާތަށް ހައްގުތަކެއް ގެއްލޭތީ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ރަޖިސްޓްރާ ނިންމާ ނިންމުން އެ ކޯޓެއްގެ ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފު ކުރެވޭނެ އެވެ. އެކަމަކު މިހާރު އޮންނަ ގޮތުން އެ ހައްގު ގެއްލޭ ކަމަށް ހިސާން ވިދާޅުވި އެވެ. ހިސާން ވިދާޅުވީ ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރަށް އިސްތިއުނާފުކުރުމުން އެކަމުގައި ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވަން ޖެހޭނެ ކަމަށެވެ.

އޭގެއިތުރުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ފަނޑިޔާރުންނަށް އައްޔަން ކުރުމުގެ ބާރު ވެސް ރަޖިސްޓްރާއިންނަށް ދޭން ވަނީ ނިންމާފަ އެވެ. މައްސަލަތައް މިހާރު އެކި ފަނޑިޔާރުންނަށް ހަވާލު ކުރަނީ އެ ކޯޓެއްގެ އިސް ފަނޑިޔާރެވެ. ނަމަވެސް ހިސާން ވިދާޅުވި ގޮތުން އެއީ ވަކި މައްސަލައެއް ވަކި ފަނޑިޔާރަކު ބެލުމުގެ ޝަކުވާ ބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ، އެމްޑީޕީއިން ގެންނަން ބޭނުންވާ ބަދަލަކީ ކޯޓުތަކަށް މައްސަލަތައް ހުށަހެޅޭ ކިޔު ތަރުތީބެއް ބަލަހައްޓައި ކިޔު ތަރުތީބު އުސޫލެއް ހަދައި ފަނޑިޔާރުންނަށް މައްސަލަތައް ހަވާލުކުރެވެ. އޭރަށް އިސް ފަނޑިޔާރު، ވަކި މައްސަލައެއް ވަކި ފަނޑިޔާރަކަށް ދިނުން ވެސް ހުއްޓުވޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުން ވަކި ޒާތެއްގެ މައްސަލަތަކަށް ވަކި ބެންޗެއް ކަނޑައެޅެން ހުއްޓުވަން ފަނޑިޔާރުންގެ ބެންޗު ކަނޑައަޅަން ޖެހޭ ކޯޓުތަކުގައި ބެންޗު ކަނޑައަޅާނީ ވެސް ރަޖިސްޓްރާ އެވެ. މިހާރު ކޯޓުތަކުގެ އިސް ފަނޑިޔާރުން ކުރައްވާ ހުރިހާ އިދާރީ މަސައްކަތެއް ވެސް ކުރާނީ ރަޖިސްޓްރާ އެވެ. އޭރަށް ފަނޑިޔާރުންނަކީ ހަމައެކަނި ޝަރީއަތް ހިންގެވުމަށް ހުސްވެ ތިއްބަވާ ބަޔަކަށް ވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

އިންޓެންޝަން ޓު އެޕީލް، އިސްތިއުނާފަށް 30 ދުވަސް

އިސްތިއުނާފީ މުއްދަތުތަކަށް ވެސް ބަދަލު ގެންނަން އެމްޑީޕީއިން ވަނީ ނިންމާފަ އެވެ. މިހާރު ދަށު ކޯޓުގެ ހުކުމް މަތީ ކޯޓުގައި އިސްތިއުނާފު ކުރުމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ކުރު ކަމަށް އެމްޑީޕީއިން ގަބޫލުކުރެ އެވެ.

އެގޮތުން އެމްޑީޕީއިން ވަނީ އިންޓެންޝަން ޓު އެޕީލް ނޯޓިސް ހުށަހެޅޭނެ ގޮތް ހެދުމަށް ނިންމާފަ ކަމަށް ހިސާން ވިދާޅުވި އެވެ. އެ ނޯޓިސް ދަށު ކޯޓުން ހުކުމް ކުރާތާ 10 ދުވަހުގެ ތެރޭގައި ހުށަހެޅޭނެ އެވެ. އޭގެ ފަހުން އިސްތިއުނާފު މަތީ ކޯޓަށް ލިޔުންތަކާއެކު ހުށަހަޅަން 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އިސްތިއުނާފު ހުށަހަޅަން ވެސް ޖެހޭނީ ސީދާ އިސްތިއުނާފު ކުރާ ކޯޓަށެވެ.

ސުޕްރީމް ކޯޓުން ބޮޑެތި ބާރުތަކެއް ނެގުން

ހިސާން ވިދާޅުވި ގޮތުން އެމްޑީޕީގެ ވިސްނުމަކީ ސުޕްރީމް ކޯޓުން ބޮޑެތި ބާރުތަކެއް ނެގުމެވެ. އެގޮތުން އެ ކޯޓަށް އަމިއްލައަށް އިސް ނަގައިގެން އެއްވެސް މައްސަލައެއް ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅަން ވަނީ ނިންމާފަ އެވެ. އަދި ދަށު ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓަށް ނުނެގޭނެ ކަމަށް ވެސް ކަނޑައަޅާނެ އެވެ.

އޭގެ އިތުރުން ހުޅުވާލާފައިވާ އަޑުއެހުމެއް ނެތި ސުޕްރީމް ކޯޓުން އެއްވެސް ހުކުމެއް އަދި އަމުރަކާ ހަމައަށް ވެސް ވާސިލް ނުވެވޭނެ ގޮތް ހެދުމަށް ވަނީ ވިސްނާފަ އެވެ. ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުން އިރުޝާދާއި ލަފާ ވެސް ދެވިގެން ނުވާނެ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި، ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

ގާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ސުޕްރީމް ކޯޓުން ނެގުމަށް ވަނީ ނިންމާފަ އެވެ. އެ ބާރު ދިނުމަށް ނިންމާފައިވަނީ ބާ ކައުންސިލަކަށެވެ. އެ ކައުންސިލް ހެދުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

ޑިސްޓްރިކް ކޯޓުތައް އުފެއްދުން

ހިސާން ވިދާޅުވި ގޮތުން އެމްޑީޕީގެ ވިސްނުމަކީ ހައިކޯޓު ދެކުނު ގޮއްޕާއި އުތުރު ގޮފި އުވާލުމެވެ. އެއީ ވަރަށް ހަރަދު ބޮޑު ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ހިސާބެއްގެ މީހުން އުތުރު ނޫނީ ދެކުނު ގޮއްޕަށް މައްސަލަތައް އިސްތިއުނާފު ކުރެވޭ ގޮތަށް އޮތުން ހަމަނުޖެހޭ ކަމަށެވެ.

އެމްޑީޕީގެ ވިސްނުން ހުރީ ޑިސްޓްރިކް ކޯޓުތަކެއް ހެދުމަށެވެ. އަދި އެ ކޯޓުތަކުގައި އިސްތިއުނާފު ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށެވެ. ޑިސްޓްރިކް ކޯޓުތައް ހަދަން ނިންމާފައިވަނީ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގަ އެވެ.

ޑިސްޓްރިކް ކޯޓަކީ މާލޭ ސްޕީރިއާ ކޯޓުތަކާ އެއް މެންޑޭޓެއް އޮންނަ ކޯޓުތަކަށް ހަދާނެ އެވެ. އެގޮތުން އެ އަތޮޅެއްގައި ހިނގާ ކަންކަމާ ގުޅޭ މައްސަލަތައް މާލޭގެ ކުރިމިނަލް ކޯޓަށް ނޫނީ އެހެން ވެސް ސްޕީރިއާ ކޯޓަކަށް ހުށަހެޅުމުގެ ބަދަލުގައި އެ އަތޮޅެއްގެ ޑިސްޓްރިކް ކޯޓަށް ހުށަހަޅައިގެން ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

މީގެއިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ގޮތް އެމްޑީޕީއިން ހަދާނެ އެވެ. އަދި ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގެ ބާރެއް ޖޭއެސްސީއަށް ނޯންނާނެ އެވެ. ފަނޑިޔާރުންގެ ފެންވަރު ބެލުމަކީ ޖޭއެސްސީއަށް ލާޒިމް ކަމެއްގެ ގޮތުގައި ވެސް ހަދާނެ ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ފަނޑިޔާރުންގެ ފެންވަރު ބަލައި، އެމީހުން މުސާރަ އާއި އިނާޔަތްތަކަކީ ޕާފޯމެންސްއަށް ބަލައިގެން ކަނޑައެޅޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅާނެ އެވެ.

ޝަރުއީ ދާއިރާގެ އިތުރުން ވެސް އެމްޑީޕީއިން އެހެން ގިނަ ދާއިރާތަކަށް ބޭނުންވާ އިސްލާހުތައް މިއަދު ހާމަކޮށްފައިވެ އެވެ. ޖުމްލަ 16 ކަރުދާހެއް އެ ވޯކްޝޮޕްގައި ހުށަހަޅާފައިވެ އެވެ. އެމްޑީޕީއިން ބޭއްވި އެއް ދުވަހުގެ ވޯކް ޝޮޕް މިރޭ ނިންމާލާފައިވާއިރު އެ ވޯކް ޝޮޕް ނިންމާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވި އެވެ.