ހަބަރު

ދައުލަތުގެ ހަޒާނާއަށް ސުޕްރީމް ކޯޓަކަށް އަތެއް ނުލެވޭނެ: ނަޝީދު

Mar 30, 2019
11

ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލު ނުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 13 މިލިއަން ޑޮލަރު (200 މިލިއަން ރުފިޔާ)، އެ ކުންފުންޏަށް ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމާއެކު، ސުޕްރީމް ކޯޓަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމާޒުކުރައްވައިފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ވިލިފުށީ ދާއިރާއަށް ވާދަކުރައްވާ ހަސަން އަފީފުގެ ކެމްޕެއިންގައި ތ. މަޑިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ނަޝީދު ވިދާޅުވީ ދިވެހި ދައުލަތް އެކުލެވިފައި އޮންނަ ގޮތް ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށެވެ.

"450 މިލިއަން މަސް ދުވަހުގެ ތެރޭގައި ވަކި ފުރަދަކަށް ދޭށޭ ބުނެ ކޯޓުން މި ހުކުމް އިއްވަނީ. ސަރުކާރުގެ ކޮން ފައިސާއެއްތޯ. އެއީ ތިބޭފުޅުންގެ ފައިސާ، ޓެކްސް ފައިސާ، ބަޖެޓުގައި ޖަހައިގެން ބަޖެޓު ފާސްކޮށްގެން މި ހަރަދެއް ކުރެވެނީ،" ސަރުކާރުން އެއްވެސް ހަރަދެއް ކުރެވެނީ އެ އަހަރަކަށް ފާސްކުރެވޭ ދައުލަތުގެ ބަޖެޓުންކަން ފާހަގަކުރައްވަމުން މިފަހަރު މަޖިލީހަށް ކުރިމަތިލައްވާ ނަޝީދު ވިދާޅުވި އެވެ.

"2019 ވަނަ އަހަރަށް ބަޖެޓު ފާސްކޮށް ނިމިއްޖެ. އޭގައި ނެތް ގާސިމް އިބްރާހިމް އަށް 450 މިލިއަން ރުފިޔާ ދޭކަށެއް ބަޖެޓަކު. ނަގަން އޮތީ ތިބޭފުޅުން އަތުން ނަގާ ޓެކްސް ފައިސާއިން. ބަޖެޓުގައި ނެތް ފައިސާއެއް ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް އަދި ސަރުކާރަކަށް ނުވެސް ދެއްވޭނެ. ހައްގެތް ވެސް ނެތް."

ނަޝީދު ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓު ތަންފީޒު ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށްވާއިރު، ގާނޫނު އަސާާސީން ސުޕްރީމް ކޯޓަށް ދެވިފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓަށް ނުފޫޒު ފޯރުވުމުގެ ހައްގެއް ނެތް ކަމަށެވެ.

"ދައުލަތުގެ ބަޖެޓު ތަންފީޒު ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް، ޒިންމާއެއް، ވާޖިބެއް. އެކަމަކާއި ސުޕްރީމު ކޯޓަކަށް ނުބެހެވޭނެ. ގާނޫނުއަސާސީއަކުން ކޯޓަކަށް އެ ހައްގެތް ނުލިބޭ. ސުޕްރީމު ކޯޓަކަށް ރާއްޖޭގެ ހަޒާނާއަކަށް އަތެއް ނުލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

"މިއީ މިހާރު ވައްކަން ކުރަން މާރަނގަޅު ގޮތެއް. ތިޔަ ބޭފުޅުން އަތުން ލާރިކޮޅު މި އަތުލަނީ ޓެކްސްގެ ގޮތުގައި. އަތުލީމަ ކޯޓުން ހައެއްކަ ހުކުން އިއްވާލައިފާ އޭނާއަށް 450 މިލިއަން، މީނައަށް އަނެއް ދެ ބިލިއަން. އޭނައަށް އަނެއް ހަ ބިލިއަން."

ޑަބްލިއުއެލްޓީއިން ކޯޓަށް ދިޔައީ ސަރުކާރު ހިއްސާވާ ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް)އިން ޑަބްލިއުއެލްޓީއަށް ތިން ރަށެއް 2007 ވަނަ އަހަރު ދިނުމަށް ނިންމުމަށްފަހު ވެސް އެ ރަށްތައް ދޫނުކުރި މައްސަލާގަ އެވެ.

އެކަމާއި ގުޅިގެން ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، ނަޝީދު ވިދާޅުވި ގޮތުގައި އެއިމްސް ކުންފުންޏަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި އެއާޕޯޓް އަޅަން އުފެއްދި ކުންފުންޏެއް ކަމަށެވެ. އެ މަސައްކަތަށް އެ ކުންފުންޏަށް ރަށްތަކެއް ދިނީ އެއާޕޯޓް އެޅުމަށް ނަމަވެސް، އެންމެ އެއާޕޯޓެއްވެސް އަޅާފައިނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރަށްތައް ލިބުނު، އެއިމްސް އިން ރަށްތައް ވިއްކި. އެންމެ އެއާޕޯޓެއް ވެސް ނާޅާ، ފައިސާއެއް ވީގޮތެއް ނޭނގޭ. ދެން މިހާރު ރަށްތައް ގަތް ފަރާތްތަކުން މި ބުނަނީ އެ ރަށްތައް ގަންނަން ދިން ފައިސާ ވެސް ދޭށޭ. ރަށް ވެސް ތިމަންނާ އަތުގައި ބާއްވާފައި އެ ލާރިކޮޅުވެސް ތިމަންނާއަށް ދޭށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން ސުޕްރީމް ކޯޓުން މި ބުނަނީ އެލާރި ކަލެއަށޭ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން، ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ހިނގާ ގޮތެއްވެސް ނޫން."

އެމްޑީޕީ އިން މިފަހަރު މަޖިލީސް އިންތިހާބަށް ހުށަހަޅާފައިވާ "އެޖެންޑާ 19" ގެ ދަށުން ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ހުށަހަޅާފައިވަނީ އެ ސަބަބުތަކަށްޓަކައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ޑަބްލިއުއެލްޓީއަށް ދޭން އަމުރުކުރި 13 މިލިއަން ޑޮލަރަކީ ފައިނޭންސް ކޯސްޓްގެ ގޮތުގެ ބަދަލުގެ ހޯދަން އެދުނު އަދަދެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ އެ އަދަދަކީ ޑަބްލިއުއެލްޓީގެ ފަރާތުން ވިލާ ކުންފުނީގެ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ނެގި ލޯނެއް، އިންޓްރެސްޓާއެކު އަރާފައިވާ މިންވަރުކަން އޮޑިޓް ރިޕޯޓުން ސާފުވާ ކަމަށެވެ.

ޑަބްލިއުއެލްޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް އިއްވާފައިވާއިރު، 16.9 މިލިއަން ޑޮލަރު ދޭން ހައިކޯޓުން ކުރި ހުކުމް ދައުލަތުން ވެސް ވަނީ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފަ އެވެ.