ވާހަކަ

އީޝަލް

އޮއްސެމުން އައި އިރާއެކު އުދަރެސް ފެންނަނީ ރަނާއި ރަތުގެ ކުރެހުމެއް ފަދައިންނެވެ. ދޫނި ސޫފާސޫފީގެ އަޑުތަކުން މާޙައުލަށް އާދަޔާ ޚިލާފު ދިރުމެއް ގެނެސްދީފައިވެއެވެ. އެ ސޮރުމެން ވެސް އެނބުރި ހާލިތަކަށް އަންނަނީއެވެ. އަލިކަމުގެ ވަގުތު ނިމި އަނދިރިކަން ދުނިޔެއަށް އަތްގަދަ ކުރަނީކަމުގައި އިޢުލާން ކުރަމުންނެވެ. އިރުގެ ހޫނުކަން މުޅިން ކެނޑި ފަޒާގައި ތެތްފިނިކަމެއް ހިފަންފަށައިފިއެވެ. ވަށައިގެންވަނީ ބޯ ގަސްތަކެވެ. ދިގުކޮށް ހެދިފައިވަނީ ތަފާތު ވިނަތަކެވެ. މަޑުމަޑު ވައިރޯޅިތަކުގެ ބީހުން ގަހުގެ ފަތްތަކާއި ބިމުން މައްޗަށް ދިގުކޮށް ހެދިފައި ހުރި ވިނަތަކުން ސިއްރެއްނުވެއެވެ. މުރަނަވެފައި ހުރި ފަތްތައް ފުނޑުފުނޑުވަމުން ދާ ފަދަ އަޑެއް ދުރުން އިވެމުންދިޔައެވެ. މަޑުމަޑުން އެ އަޑު އައީ ކައިރިވަމުންނެވެ. ކުއްލިއަކަށް ފެނުނީ ބޯޖަންގަލީގެ ތެރެއިން ނުކުމެގެން އަންނަ އަންހެންކުއްޖާއެވެ. ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު އޮތީ މިނިވަންކޮށް ދޫކޮށްލާފައެވެ. ވައި ރޯޅިތަކުގެ ސަމާސާގައި އިސްތަށިތައް ފަރާތްފަރާތައް އުދުހިގަނެއެވެ. ހުދު ދޮންކަމެއް ލިބިފައިވާ ހަންގަނޑާއި ޅަދޮޅު ހަށިގަނޑެއްގެ ވެރިއެކެވެ. މޫނުގެ ކިއްސަރު ފުރިހަމަވެފައި ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވާ ދެ ލޯ ފެނި އަޖައިބުވާހާވެއެވެ. ސިހުރުވެރި ތޫނު ކަޅިރަވައެކެވެ. ލާނެތްކަން އެކުލެވިފައިވާ އަޑަކުން ހީނލާ ކޮންމެ ފަހަރަކު އެ ފެހިކުލައިގެ ކަޅިން އާދަޔާ ޚިލާފު ވިދުމެއް ފާޅުވެލައެވެ. އޭނާގެ ދެފައިގެ ދަށުގައި ހިކިފަތްތައް މުގުރެމުންދިޔައީ އެއްވެސް ރަހުމެއްނެތިއެވެ. އެ އަންހެންކުއްޖާގެ ކުޑަ ވެސް ފަރުވާލެއް އެކަމަކަށް ނެތެވެ. ލައިގެން ހުރި ބިސްތޮށި ކުލައިގެ ހެދުން ދިގެއެވެ. އެހެންނަމަވެސް އުނަގަނޑުން ތިރީގެ ވަކި ހިސާބަކުން ހެދުން އޮތީ ފޮތި އެލުވާފައި އޮތް ފަދަ ގޮތަކަށް ބައިބަޔަށް ފަޅާލާފައެވެ. ދުވަމުން އައިއިރު ހެދުމުގެ ބައިތައް ފޭވެ ލާފައި ހުރި ފަޔަށް ހިފާފައިވާ ހަރުވާޅު ފެންނަމުންދިޔައެވެ. ދިގު އަތްކުރި ފުޅާވެފައި ކަންގަނޑު އެލިފައި އޮތެވެ. ހެދުމުގެ ބައިއެއްގައި އޭނާ ކުޑަކޮށް ހިފައިލައި އުފުލާލީ އިހުނަށްވުރެ ހަލުވިކަމާއެކު އައުމަށެވެ. ހީވަނީ ފިލަން ދުވަނީ ހެނެވެ.

"އީޝަލް! ދެން ސަކަރާތް ހުއްޓާލަބަލަ! ލައްކަ އިރު ބޭރުތެރޭގައި އުޅެވިއްޖެއެއްނު، އެނބުރިދާންވީ ވަގުތު ޖެހިއްޖޭ އީޝާލް" ދުވަމުން އައި އަންހެންކުއްޖާގެ ރަކި ހުނުމުގެ ތެރެއިން އޭނާގެ ފަހަތުން ބަރު ފިރިހެން އަޑެއް އިވުނެވެ. ނަމަވެސް ގަސްތަކުގެ ތެރެއިން އިވެމުންދިޔައީ އެންމެ މީހެއްގެ ދުވުމުގެ އަޑެވެ. އެއީ ހަމައެކަނި އީޝަލްގެ ފިޔަވަޅުގެ އަޑެވެ.

ފަޅު ރަށުގެ އަތިރި މައްޗަށް އީޝަލްއަށް ނުކުމެވުމާއެކު އިތުރަށް ދުވެފައި ދާނޭ ދިމާލެއް ނެތެވެ. ކުރިމަތިން ފެންނަން އޮތީ ރާޅުޖަހަމުން ދިޔަ މޫދެވެ. އޭރު އީޝަލްގެ ފަހަތުން ހަތަރު މޮއްގަނޑު ޖަހައިގެން އޮތް ޖަނަވާރެއް އަންނަތަން ފެނެއެވެ. ފެނިގެއްލިދާ އުސޫލުން އެހާ ބާރަށް އެ ސޮރު ދުވަމުން އަންނައިރު ވެސް ބިންމައްޗަށް ވެރިފައި ހުރި ފަތްތަކުން ފަތެއް މުގުރިގެންދާ އަޑެއް ނުގޮވައެވެ. އޭގެ ބަދަލުގައި ވަޔާއެކުވެ އޭގެ ފައިދަށުން ފަތްތައް ބުރައިގެން ދެއެވެ. އަތިރިމައްޗަށް ފައިބަމުން ދިޔަ އީޝަލް އެ ސޮރަށް ފެނުމާއެކު ކުރީ ދެ މޮއްގަނޑު ހިއްލާލައި ހަށިގަނޑު ތެދުކޮށްލިއެވެ. އެއާއެކު ފިރިހެނެއްގެ ސިފަ ޖެހުނެވެ. ނަމަވެސް އިންސާނުންގެ ސިފައަށް ވުރެ ހުތުރެވެ. އޭނާގެ ނޭފަތް ހުރީ އެތެރެއަށް ވަދެފައެވެ. ދެލޯ ހުރީ ދެފަރާތަށް ދެމިފައެވެ. ހީވަނީ ހިޔަޅު އެއްޗެހީގައި ހުންނަކަހަލަ ލޮލެއްހެންނެވެ. ލޮލުގެ ކަޅިހުރީ ބުޅަލުގެ ކަޅިހެންނެވެ. މަޑު އޮރެންޖު ކުލައެއްގައެވެ. ކުރިމަތީ ހުރި އަންހެންކުއްޖާ ޖައްސާލި ވައްތަރުން އޭނާގެ ގާތަށް ހިނިއައެވެ. ނަމަވެސް ހީނލިއިރު އަނގަ ދެފެރާތަށް ދެމިގެން ދިޔަދިޔާނުން ކަންފަތާ ހަމައަށް ދެމިފައި ހުއްޓެވެ. ކޮޅުތޫނު ދަތްތަކުގެ ބުޑު ހުރީ އޮރެންޖު ފާޑު ކުލައެއް އަރާފައެވެ. ނަމަވެސް ދަތްތަކުގެ ކޮޅު ވަރަށް ހުދެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ މަޑުނޫކުލަ ފާޑަކަށެވެ. ކުޑަކޮށް ބޭރަށް ދިއްވެފައި ހުރި ކަންފަތުގެ ވޮށި ކައިރިންނާއެކު ބޭރު ފަރާތުގައި ހުރީ ކެހެރި ފަޅާފައެވެ. ކެހެރި ހުރީ ފުއްލާ އެއްޗެހީގެ ކަންފަތުގައި ހުންނަ ގޮތަށެވެ.

"އަދި މަޑުކޮށްލަބަލަ، މިޒަރެން ގާތު އަހަރެން އަތުލާށޭ ބުނީމެއްނު. ގެއަށް ދާނީ އޭރުން" ޅަކުއްޖަކު ފަދައިން ހީނގެންފައި އީޝަލް ބުނެލިއެވެ. އަދި ކައިރީގައި ހުރީ ރުކުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ އޭގެ ނިވަލަށްވަދެ ބޯއަރިކޮށްގެން ބަލަން ހުއްޓެވެ. ހީވަނީ މިޒަރެންގެ ހަރަކާތަކަށް ހުސިޔާރުވެ ހުރިހެންނެވެ.

"ބައްޕައާއި ބޮޑުދައިތައަށް އެނގިއްޖެއްޔާ ވާނޭ ގޮތް އެނގެއެއްނު.... އީޝަލްގެ ބައްޕަ ރުޅި އަންނާނީ އަހަރެންދެކެ. އެއަށްވުރެ ބޮޑަށް އީޝަލްގެ ބޮޑުދައިތަ އަހަރެންދެކެ ރުޅި އަންނާނެ... އޭނާގެ ރުޅިއާ އަހަރެން ކުރިމަތިލާނީ ކިހިނެއް؟ ހެޔޮނުވާނެ ކުއްޖާފުޅާ! ސަކަރާތް ހުއްޓާލާފައި ހިނގާ ދާން... މި ހިސާބަށް އައުން އޮތީ މަނާ ވެސް ކޮއްފައެއްނު" މިޒަރެންގެ އަޑުގައި ހާސްކަންވިއެވެ.

"ބައްޕައެއްނެތެއްނު... ބޮޑުދައިތައަށް ކިހިނެއް އާދެވޭނީ، ކޮއިލުން ބޭރަށް ނުކުންނާނޭ ވަގުތެއް ވެގެންނު އަހަރެންގެ ކަމެއް ބެލޭނީ، މިޒަރެން ކީއްވެތަ ބޮޑުދައިތަދެކެ އެހާ ބިރެއްގަންނަނީ" އީޝަލް ރުކުގެ ނިވަލުގައި ބޯދިއްކޮށްގެން ހުރެ ވާހަކަދެއްކިއެވެ.

"ބަލްޤިސް... ބަލްޤިސްއަކީ ޖެހިލުންކުޑަ އަންހެނެއް" މާޒީގެ ކުޑަދޮރުން ހަނދާންތަކެއް ކުލަވުމުން މިޒަރެންނަށް މަޢުނަވީގޮތަކަށް ހިނިތުންވެވުނެވެ. އޭނާއަށް ބަލްޤިސްއަކީ ޚާއްޞަ ފަރާތެކެވެ.

"ވާހަކަ ގިނަނުކުރޭ އީޝަލް... ދެން ހިނގާ" މާޒީގެ ދޮރުފަތް ލައްޕާލައި އީޝަލްއަށް ސަމާލުކަން ހުއްޓާލި މިޒަރެން ބުންޏެވެ. އީޝަލް އެ މަސައްކަތް ކުރަނީ މިޒަރެންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލަންކަން އޭނާއަށް އެނގުނީއެވެ.

"އާދޭ އަތުލަން" ހީނލަމުން އީޝަލް ބުނެލިއެވެ.

ވިދުވަރެއް ފަދައިން ގެއްލިފައި އީޝަލް ހުރި ރުކުގެ ކައިރިން ފާޅުވި މިޒަރެން ކުރިއަށް ޖެހިލާ އިޝާލްގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް ހުސިޔާރުވެ ހުރި އީޝަލް ހަލުވިކަމާއެކު ފަހަތަށް ފިޔަވަޅު އަޅާލާފައި އެރީ މައްޗަށެވެ. އެހިނދު ކުއްލިއަކަށް އިވިގެންދިޔައީ އޮޑިދޯނި ފަހަރުގެ ރިޔަލުގައި ވައިއެޅި ހެލިލާގޮތުން އިވޭ ފަދަ އަޑެކެވެ. އޭރު އީޝަލްގެ ބުރަކަށިން ހުޅުވާލާފައި އޮތް ދެ ވަރަ ދުރަށް ފެތުރިފައި އޮތެވެ. ހުދުއަލިކަމުގެ ތެރެއިން ވަރައިގެ އަސްލު ސިފަވަކިކުރުން އުދަނގުލެވެ. ލަސް ހަރަކާތުގައި ވައިގެ ތެރޭ ދެ ވަރަ ހަރަކާތްކޮށްކޮށް ހުއްޓެވެ. ފަޒާގައި މަޑު ބޫން އަޑެއް ހަރުލަމުންދިޔައެވެ. ފަހަތަށް ގޮސް ކުރިއަށް ވަރަ ލެނބިލާ ކޮންމެ ފަހަރަކު އެހިސާބުގައި ހުރި ރުއްތަކުގެ ފަންތައް ވަޔާ ހެލިލައެވެ. ހަމައެއާއެކު މޫދުގައި ބާންޏެއް އުފެދިގެންދެއެވެ.

"ދެން އަތެއް ނުވާނެ... މިޒަރެން މަޑުކޮށްލާ، ކުޑަކޮށް ބަލާލާފައި އަންނާނަން، އަޑުނީވޭހާ ދުރަކަށް ނުދާނަން، ބައްޕަ ގާތު ނުބުނާތި" އީޝަލް މިހެން ބުނެ ދުރަށް އުދުހިގަންނަން އުޅުނެވެ. މިޒަރެންގެ މޫނުމަތިން ފާޅުވީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ފާޑެއްގެ ބިރެކެވެ.

"ނޫން އީޝަލް" މިޒަރެންނަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އޭނާ ހާސްވީ އީޝަލްއާ މެދުއެވެ. އެކުއްޖާގެ ފަހަތުން އޭނާއަށް ނުދެވޭނޭކަން އެނގޭތީއެވެ. އުދުހުމުގެ ބާރަކީ އޭނާއަށް ލިބިފައިވާ ބާރެއްނޫނެވެ. އީޝަލްގެ ތުއްތު އިރުން ފެށިގެން އޭނާއާއެކު އެންމެ ގިނަ ވަގުތެއް ހޭދަކޮށްފައިވަނީ މިޒަރެންނެވެ.

މިޒަރެންގެ ޅައުމުރުން ފެށިގެން އޭނާ ގެނެސްގެން ބޮޑުކުރީ ޒިޔަޒެލްއެވެ. އެއީ ކުޅަދާނަ ހުނަރުވެރި ހަކީމެކެވެ. މުޢައްލިމެކެވެ. ފޮތްތެރިއެކެވެ. ފަށުއި ޢިބާރާތްތަކުން ސަނާ ކިއުމަކީ އޭނާގެ ޠަބީޢީކަމެއް ކަހަލައެވެ. މިޒާޖުގައި އަބަދުވެސް ހިތްތިރިކަމާއި ސަމާސާކަން ހުރެއެވެ. އެކި ނަސްލުގެ ޖިންނީންގެ ޚަބަރުތައް އޮޅުންފިލުވައި އެ މީހުންގެ ތެރެއިން އުނގެނުމާއި ބޭނުންޖެހިފައިވާ ޖިންނީންނަށް އެހީތެރިވެއެވެ. ދުރަށް އޭނާގެ ނަން ފެތުރިފައިވެއެވެ. މިޒަރެންނަށް ލިބިފައިވާ ހުނަރަކީ ޒިޔަޒެލްގެ ތަޢުލީމެވެ. ދަރިއަކު ފަދައިން މިޒަރެން ގެންގުޅުނު ނަމަވެސް ޒިޔަޒެލްގެ ހިތާއި ނަފްސާ އެންމެ ގާތް ފަރާތަކީ މީކާޢިލްއެވެ. އީޝަލްގެ ބައްޕައެވެ. މީކާޢިލްއަކީ ބާރުހުރި ބޮޑު ގަބީލާއެއްގެ ރަސްކަމުގެ ތެރެއިން އައިސްފައި ހުރި ޝާހީ ޖިންނިއެކެވެ. ޒިޔަޒެލް ބުނާ ގޮތުން ނަމަ އޭނާއަކީ މީކާޢިލްގެ ބޮޑުބޭބެގެ މަޤާމުގައި ހުރި ޖިންނިއެވެ. މީކާޢިލްއަކީ ވަރުގަދަ ޖެހިލުންވާ ފަދަ ޝަޚުޞިއްޔަތެކެވެ.

"އީޝަލް، ހެޔޮނުވާނެ ކޮއިފުޅާ... އިރުއޮއްސުމާއެކު ޒިޔަޒެލް ވެސް ހޯދާނެ، އަނެއްކޮޅުން މީކާޢިލްއަށް ސިއްރެއްނުވާނެ، މިގަޑީގައި ތަފާތު ނަސްލުތައް ފެތުރިގަންނާނެ، އެމީހުންގެ ލޯތަކަށް ފާޅުނުވާން މީކާޢިލް އޮތީ ބުނެފައެއްނު" އަތިރިމަތީގެ މަޑުފަސްގަނޑުގައި ހިނގަމުން އީޝަލް ފެންނަން ހުރި ދިމާއަށް އައި މިޒަރެން ވާހަކަދެއްކިއެވެ. މީގެ ކުރިން އޭނާގެ ފައިތިލައިގެ ނިޝާން ފާޅުނުވި ނަމަވެސް މިހާރު ފަސްގަނޑުގައި ފިޔަވަޅުގެ ނިޝާން ފެންނަން ހުއްޓެވެ.

"ދެން މި މިޒަރެން ބިރުގަންނަވަރުން ވެސް ދޯ... ބައްޕައަކަށް ނޭނގޭނެ... މަޑުކުރޭ ތިތާ، އެބަ އަންނަން" ހުޅުވާލާފައި އޮތް ދެ ވަރައިގެ އެހީގައި ކޮޅަށް ހުރި އީޝަލް ދެއަތް އުރާލައި ދެ ފަރާތަށް ބޯހޫރާލިއެވެ. އަދި މަޑުކޮށްލުމެއްނެތި ރާޅުފަށް ފެންނަ ހިސާބު ބަލަމުން ދުރަށް އުދުހިގަތެވެ.

ރަށްމަތިން އުދުހިފައި އަންނަ ކާޅުތަކާއި އެހެނިހެން ދޫނިތައް ގަސްގަހަށް ތިރިކުރާތަން ފެނެއެވެ. ހުޅުގަނޑުފަރާތުން އަނދިރިކަން އަރައި ރަށް ކާލަމުން އަންނަ ފަދައެވެ. އަތިރި މައްޗަށް އައުމަކީ މަދު ފަހަރަކު އީޝަލްއަށް ލިބޭ ފުރުޞަތެކެވެ. އޭނާގެ ގިނަ ވަގުތު ހޭދަކުރަނީ ޒިޔަޒެލްއާއެކު އެ މީހުން ދިރިއުޅޭ ސަރަޙައްދުގައެވެ. ބައެއް ފަހަރު އޭނާގެ ބައްޕައާއެކު ދުރު މަންޒިލުތަކަށް ދަތުރު ކުރެއެވެ. އެހެންނަމަވެސް އެކަނި އުޅޭނޭ ފުރުޞަތެއް އީޝަލްއަކަށް ނުލިބެއެވެ. ޢާއިލާގެ މީހަކު ގާތުގައި ނެތްވަގުތެއްނަމަ އަބަދުވެސް އޭނާ ފެންނަ ހިސާބުގައި މިޒަރެން ހުންނާނެއެވެ. ފިލަން މަސައްކަތް ކުރަނީ އެހެންވެއެވެ. ކުރުމުގެ ހުއްދަ އޮންނަ ކަންތައްތަކަށްވުރެ ގިނައީ އީޝަލްއަށް މަނާވެފައި އޮންނަ ކަންތައްތަކެވެ. އެ ހުރިހާކަމެއްގެ އަސްލަކީ އޭނާގެ ބައްޕަ ފަދައިން އެ ނަސްލުގެ ފުރިހަމަ ޖިންނިއަކަށް އޭނާ ނުވުމެވެ. އީޝަލްގެ މަންމައަކީ އިންސިއެކެވެ. މަންމަގެ މަހާނަ ހުރި ތަނަށް ކޮންމެ ހަނދުމަހުން އެއްފަހަރު އޭނާގެ ބައްޕައާއެކު ޒިޔާރަތްކުރެއެވެ. އެ މަންމައާ ބެހޭ ގޮތުން ސުވާލެއް ކުރަން ހިތަށް އެރި ނަމަވެސް އެއީ އީޝަލްއަށް އޭނާގެ ބައްޕައާ ދައްކަން އެންމެ އުނދަގޫ މައުޟޫޢުއެވެ. އިންސީގެ ދުނިޔޭގައިނަމަ މިހާރު އީޝަލްއަށް ނަވާރަ އަހަރު ފުރިއްޖެއެވެ. ޒުވާންކަމާއި އާދަޔާ ޙިލާފު ރީތިކަމެއް ލިބިފައިވެއެވެ. ޖިންނީންގެ ތެރޭގައި އުޅޭ ސިފަ ރީތި، އިންސާނުންނާ އެންމެ ވައްތަރު ޢައިބުތައް މަދު ނަސްލަކީ އެއީއެވެ. އާދަޔާ ޚިލާފު ރީތިކަމެއް އެބައިމީހުންނަށް ލިބިފައިވެއެވެ. އެމީހުންގެ ބޮޑެތި ވަރަތަކުގައި އުހަށް ދަތުރުކުރެއެވެ. އެއް ނަސްލެއް ވިޔަސް އިތުބާރު ނުކުރުމަށް އީޝަލްއަށް މީކާޢިލް އަބަދުވެސް ހަނދާންކޮށްދެއެވެ. ފެންނަ ކޮންމެ ޖިންނިއަކާ ވާހަކަނުދެއްކުމަށް ބުނެއެވެ. ޖިންނީންނަކީ ނިކަން ފަސޭހައިން ވާހަކައި ހޯދައި އެ ވާހަކަތައް ހިފައިގެން ދަތުރުކުރާ ބައެއްކަން އީޝަލް ކުޑަކުޑައިރުއްސުރެ ޒިޔަޒެލްގެ ގާތުން އައީ އަޑު އަހަމުންނެވެ.

ހިނިތުންވެލައިގެން ވައިގެ ތެރޭގައި އޮތް އީޝަލްއަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ ފައި ހައްޔަރުވުމުންނެވެ. ކުރިއަކަށް ނުދެވުނެވެ. އެނބުރި ބަލާލި ހިނދު އީޝަލްގެ ދެ ލޯ ބޮޑުވެއްޖެއެވެ. ހިތުގެ ހިނގުން އަވަސްވިއެވެ.

"ބައްޕާ" ދަތްކުނޑިވިކާލައިގެން ހުރި މީކާޢިލް ފެނުމާއެކު އީޝަލްއަށް ބުނެލެވުނެވެ. މީކާއިލްގެ އަތް އޮތީ އީޝަލްގެ ކަނާތުފައިގެ ކުޑަހުޅުގައެވެ. އީޝަލްގެ ވަރައާ ބަލާފައި މީކާޢިލްގެ ވަރަ ބޮޑުވެފައި ދުރަށް ފެތުރިފައި އޮތެވެ. ހިތަށް ބިރުވެރިކަން ވަންނަހާ ވެއެވެ. އިސްކޮޅުން ވެސް ދިގުވެފައި ބިޔައެވެ. (ނުނިމޭ)