ހަބަރު

ޕްލާސްޓިކް ފުޅިއާއި ކޮތަޅު، ރައީސް އޮފީހުގައި ބޭނުންކުރުން ހުއްޓާލައިފި

އިއާދަ ނުކުރެވޭ ޕްލާސްޓިކް ފުޅިއާއި ކޮތަޅު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން ހުއްޓާލައިފި އެވެ.

ޕްލާސްޓިކްގެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ ގޮތުން ރައީސް އޮފީހުން މިއަދު ފެށި މި ހަރަކާތް އިފްތިތާހުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް ޕްލާސްޓިކުން ރައްކާތެރިކުރުމަކީ ރައީސް ސޯލިހްގެ މެނިފެސްޓޯގެ އަމާޒެކެވެ.

ރާއްޖޭގެ ކަނޑުތަކާއި ގުދުރަތީ ވެއްޓަށް ޕްލާސްޓިކްގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައީސް އޮފީހުން މިއަދު ފެށި މި ހަރަކާތް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދިވެހި މަސްވެރިކަމާއި ފަތުރުވެރިކަން ކަނޑުފަޅާއި ގޮޑުދޮށްތަކުގެ މައްޗަށް ބިނާވެފައިވާ އިރު ޕްލާސްޓިކްގެ ސަބަބުން އެ ތަންތަން މުޅިން ހަލާކުވެގެން ހިނގައިދާނެ ކަމުގެ ބިރު ރާއްޖެއަށް އެބަ އޮތް ކަމަށެވެ. އެހެންކަމުން އެއްފަހަރަށްވުރެ ގިނައިން ބޭނުން ނުކުރެވޭ ޕްލާސްޓިކް ތަކެތި ބޭނުންކުރުން ހުއްޓާލަންޖެހިފައިވާ ކަމަށާއި ރައީސް އޮފީހުން މިއަދު ފެށި މި ހަރަކާތް އެކަމަށް ވަރަށް ބޮޑު ހިއްވަރެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޕްލާސްޓިކް ފުޅިއާއި ކޮތަޅުގެ ބަދަލުގައި މީގެ ފަހުން ރައީސް އޮފީހުގައި ބޭނުންކުރާނީ، މަލްޓި ޕާޕަސް ފުޅިއާއި ކޮތަޅެވެ.

"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުން. މި އަދު މި ފެށި ހަރަކާތަކީ ޕްލާސްޓިކްގެ ނުރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ބޭނުން ނުކުރަން ރައީސް އޮފިހުން ނިންމާފައިވާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ރިކޯޑް އަދަދަކަށް މި ބާވަތުގެ ވެއްޓަށް ގެއްލުންދޭ ޕްލާސްޓިކް އުފެއްދުންތައް ބޭނުންކުރެ އެވެ. ބޯން ބޭނުންކުރާ މިނަރަލް ވޯޓާ ބަންދުކުރާ ފުޅި އަކީ މިފަދަ ޕްލާސްޓިކް ތަކެތީގެ ތެރޭގައި އެންމެ ގިނައި ބޭނުންކޮށް އުކާލެވޭ އެކައްޗެވެ. މިހާރުވެސް ރާއްޖޭގައި ދުވާލަކަށް 860 މެޓްރިކްޓަނުގެ ކުނި ކަނޑުތަކަށް އަޅާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި މާލޭގައި އެކަނިވެސް ދުވާލަކު 280،000 ޕްލާސްޓިކް ފެންފުޅި ބޭނުންކުރެ އެވެ.