ވިޔަފާރި

ނައިޓް މާކެޓުގައި ހަ ސައިޒެއްގެ މޭޒު، ދޫކުރުން 4 ވަނަ ދުވަހު

Dec 2, 2018

އަންނަ އަހަރުގެ ނައިޓް މާކެޓު ބޭއްވުމުގެ ގޮތުން އަންނަ އަންގާރަ ދުވަހު މޭޒު ދޫކުރަން ތައްޔާރުވެފައިވާއިރު، މި އަހަރު ހަ ސައިޒެއްގެ މޭޒު ހުންނާނެ ކަމަށް ބުނެފި އެވެ.

ނައިޓް މާކެޓު އިންތިޒާމު ކުރާ ލިކަމެކް ކުންފުނިން ބުނީ މި އަހަރުގެ ނައިޓް މާކެޓުގައި އެންމެ ކުދި މޭޒުތައް ވިއްކާނީ 6،000ރ. އަށް ކަމަށެވެ. އަދި އެންމެ ބޮޑެތި ސްޓޯލްތަކުގެ އަގު އުޅެނީ 90،000ރ. ގަ އެވެ. މިގޮތުން ސްޓޯލްތަކުގެ އަގު އުޅެނީ ހަ ސްކެއާ މީޓަރާއި 90 ސްކެއާ މީޓަރުގެ ސްޓޯލްތަކެވެ.

ނައިޓް މާކެޓަށް މޭޒު ދޫކުރާނީ އަންގާރަ ދުވަހުގެ 10:00 އިން ހަވީރު 4:00 އަށް ޝީ ބިލްޑިންގްގެ ތިންވަނަ ފަންގިވިލާގަ އެވެ. މި އަހަރުގެ ނައިޓް މާކެޓުގެ މޭޒު ދޫކުރާ ފަރާތަކަށް ނެގޭނީ އެންމެ ގިނަވެގެން ދެ މޭޒެވެ. މިގޮތުން މޭޒު ދޫކުރާ ދުވަހު 100 ނަމްބަރު ދޫކުރާނެ އެވެ.

ނައިޓް މާކެޓުު ބާއްވާ ލިކަމެކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ލަބީބް ވިދާޅުވީ އަންނަ އަހަރުގެ އެޕްރީލް 18-27 އަށް ދަރުބާރުގޭގައި ކުރިއަށްދާ ނައިޓް މާކެޓުގައި 218 މޭޒު ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

"ދަރުބާރުގެ އާއި ދަރުބާރުގެ ކައިރީގައި މި އަހަރު ނައިޓް މާކެޓު ބާއްވާނީ. މިފަހަރު ދަރުބާރުގޭގައި ނައިޓް މާކެޓު ބޭއްވުމުން ތަފާތު ޝޮޕިން އެކްސްޕީރިއަންސެއް އޮންނާނެ،" ލަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ދޫކުރާ 100 ނަމްބަރު ހުސްވުމުން ފަހުން އަންނަ މީހުން ވެއިޓް ލިސްޓް ކުރާނެ ކަމަށެވެ.

"ފަހުން އަންނަ މީހުން ވެއިޓް ލިސްޓް ކުރުމަށްފަހު، އިތުރު ޖާގަ ލިބިއްޖެނަމަ ފުރުސަތު ލިބޭނެ،" ލަބީބް ވިދާޅުވި އެވެ.

ނައިޓް މާކެޓަކީ ކުރިން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބާއްވަމުންދާ އިވެންޓެވެ.

މި އަހަރުގެ ނައިޓް މާކެޓު ބާއްވާ ލިކަމެކް ކުންފުނިން ބުނީ މޭޒު ނަގަން އަންނައިރު އައިޑީކާޑު ގެންނަން އެ ކުންފުނިން އެދެ އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9409999 އަށް ގުޅުމަށް އެ ކުންފުނިން އެދެ އެވެ.