ހަބަރު

ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ގޮވާލައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސޮއި ކުރައްވާފައިވާ ހަތަރު ޕާޓީގެ އެއްބަސްވުމާ އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީއިން ހިލާފުވެފައިވާތީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގޮވާލައްވައިފި އެވެ.

އެގޮތަށް ގޮވާލެއްވީ، ޕީޕީއެމްއަށް ނިސްބަތްވާ މެންބަރު، މަޑަވެލި ދާއިރާގެ މެންބަރު މުއާޒު ރަޝީދެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އެއްބަސްވުމަކީ މިހާރު ހިލާފުވުމުގެ ސަބަބުން އުވިފައިވާ އެއްބަސްވުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެހެންވެ، ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ގޮވާލައްވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިން ކަމަށް އަބަދުވެސް ހަނދާނުގައި ބަހައްޓަވާނެ ކަމަށެވެ. އަދި ކުރިއަށް ދާނީ އެންމެން އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ސޯލިހު ސޮއި ކުރައްވާފައިވާ އެއްބަސްވުމާ ހިލާފަށް ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އެހެން ޕާޓީތަކަށް ނުބަލާ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެ ޕާޓީއިން ވާދަ ކުރަން ނިންމާފަ އެވެ.

މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ބޭއްވި ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ވެފައިވާ އެއްބަސްވުމުގައިވާ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ. ހުރިހާ ވުޒާރާތަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމްތަކާއި ރުހުންދޭ އެންމެހާ މަގާމްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އަމަލު ކުރާނީ އެ ހަމައަށެވެ. އޭގެ އިތުރުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެއްބަސްވުމާ އޮތް ހަމައަށް ޕާޓީތަކުން އަމަލު ކުރާ ނަމަ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ. އެގޮތުގެ މަތިން އަދާލަތު ޕާޓީއިން ވާދަ ކުރާނީ 13 ދާއިރާއަށް ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އަނެއް ދެ ޕާޓީއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެހެން ޕާޓީތަކުން ދައްކާ އެއްބަސްވުމަކީ އެއްބަސްވުމެއް ނޫން ކަމަށް ރޭ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. ޖުލައި 12 ވަނަ ދުވަހު ކޯލިޝަންގެ ބައިވެރިން އެކުވެ މަޝްވަރާކޮށް ނިންމާފައި ވާނީ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ކުރިޔަށް ދާނެ ގޮތަކާ މެދު ކަމަށެވެ. އަދި އެ ހުށަހެޅުމުގައި އޭނާ އާއި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސޮއި ކުރެއްވި ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެއީ އެއްބަސްވުމެއް ކަމަށް ނުދެކޭ ކަމަށާއި ގޮނޑިތައް ބަހާނެ ގޮތަކާ މެދު ވެސް އެއްބަސްނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.

ރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއިން ކުރިމަތިލާން ޖެހޭނީ 35 ދާއިރާއަށް ކަމަށް
އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޭ ކަމަށެވެ. ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ އެމްޑީޕީއަށް ހައްގު މިންވަރު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.