ހަބަރު

އެމްޑީޕީގެ ނިންމުމާ އެކު އެމްއާރުއެމް، ޖޭޕީއިން ރައީސް ސޯލިހުގެ އަރިހަށް

ޖުމްހޫރީ ޕާޓީ އާއި މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރަން ނިންމައިފި އެވެ.

"އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި ޖޭޕީ އާއި އެމްއާރްއެމް ރައީސް ސޯލިހުއާ ބައްދަލު ކުރަން ނިންމީ، ކޯލިޝަން އެއްބަސްވުމާއި، އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ. އަދި އެމްޑީޕީއިން މަޖިލީހުގެ 87 ދާއިރާއަކަށް ވާދަކުރަން ރޭ ނިންމި ނިންމުމާ މެދު މަޝްވަރާކުރުމަކީ މައިގަނޑު ބޭނުމެވެ.

ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން ޕާޓީތަކުން މަޖިލިސް އިންތިހާބަށް ވެސް ނިކުންނާނީ ގުޅިފައިވާ އިއްތިހަދެއް ގޮތުގަ އެވެ. އެގޮތުން އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓު ދިނުމަށް ޕާޓީތަކުން ވަނީ އެއްބަސްވެފަ އެވެ.

ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތުން ވަނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ވާދަ ކުރަން ނިންމައިފަ އެވެ. ނަމަވެސް އެމްޑީޕީ އިން ރޭ ވަނީ އެ އެއްބަސްވުމާ ހިލާފަށް، ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމައިފަ އެވެ. ކޯލިޝަންގެ އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ކޯލިޝަންގެ މުސްތަގުބަލާ މެދު ސުވާލު އުފައްދަމުންނެވެ.

ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް އަދި ކެމްޕެއިން ތެރޭ ތަފާތު ޕްލެޓުފޯމްތަކުގައި އެމަނިކުފާނު ވަނީ ކޯލިޝަން އެއްބަސްވުމެއް އެބައޮތް ކަމަށާއި ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.