ހަބަރު

މައުމޫން ސޮއި ނުކުރީ މަޖިލިސް ރައީސްކަމާއި 25 ޕަސަންޓު ނުލިބިގެން

ކޯލިޝަން އެއްބަސްވުމުގައި މައުމޫން ރިފޯމް މޫވްމަންޓުން (އެމްއާރްއެމް) ސޮއި ނުކުރީ ރައްޔިތުން މަޖިލިސްގެ ރައީސް ކަމާއި މަޖިލީހުގެ 25 ޕަސަންޓް ދާއިރާ ދިނުމަށް އެއްބަސްނުވުމުން ކަން "އަވަސް"އަށް އެނގިއްޖެ އެވެ.

ހަތަރު ޕާޓީއަށް ފޮނުވި ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން މަޖިލީހު ރައީސް ކަން ދޭނީ ޖުމްހޫރީ ޕާޓީ އިން ކަނޑައަޅާ ބަޔަކަށެވެ. އަދި ރައީސް މައުމޫންއަށް ދިނުމަށް ކަނޑައަޅާފައި ވަނީ 20 ޕަސަންޓު ދާއިރާތަކެވެ.

ހަތަރު ޕާޓީތަކަށް ފޮނުވި އެ ލިޔުމުގައި ޖޭޕީ އާއި އަދާލަތާއި އެމްޑީޕީގެ އިސް މަންދޫބުން ސޮއި ކުރި އެވެ. ނަމަވެސް އެމްއާރްއެމްއަށް ފޮނުވި ލިޔުމުގައި އެ މޫވްމަންޓުގެ ފަރާތުން އެއްވެސް ބޭފުޅަކު ސޮއިއެއް ނުކުރެ އެވެ. ކުރިން ފެންމަތިވެފައިވަނީ ރައީސް މައުުމޫން ސޮއި ނުކުރީ އެމަނިކުފާނު ޖަލުގައި އޮތުމުންނެވެ. ނަމަވެސް އެ އެއްބަސްވުމަކީ ލީޑަރުން ސޮއި ކުރަން ހެދި އެއްބަސްވުމެއް ނޫނެވެ. އޭގައި އެހެން ޕާޓީތަކުގެ ފަރާތުން ވެސް ސޮއި ކުރީ އެ ޕާޓީތަކުގެ އިސް މަންދޫބުންނެވެ.

"އަވަސް"އަށް އެނގިފައިވާ ގޮތުގައި "1819" ކޮމިޓީގައި ރައީސް މައުމޫންގެ ފަރާތުން ވަކާލާތު ކުރީ މަޖިލިސް ރައީސް ކަމާއި މަޖިލީހުގެ 25 ޕަސަންޓު ގޮނޑިތައް ދިނުމަށެވެ. އަދި މައުމޫންގެ ފަރާތްޕުޅުން ވާހަކަ ދެއްކީ ސަރުކާރުގެ މަގާމުތައް ހުރިހާ ޕާޓީއެއްގެ މެދުގައި ހަމަހަމަޔަށް ބަހާށެވެ. އަދި ރައީސް މައުމޫންގެ ފަރާތުން ސޮއި ނުކުރަން އެ މޫވްމަންޓުން ނިންމީ ވެސް އެކަންކަމަށް އެއްބަސްނުވެވިގެން އެވެ.

އެއްބަސްވުމަ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވެސް ރޭ ވިދާޅުވީ 1819 ކޮމިޓީއަށް ހުށަހެޅުއްވި ލިޔުމުގައި އެ ޕާޓީގެ ފަރާތުން ސޮއި ކުރި ނަމަވެސް އެ އެއްބަސްވުމަށް އެހެން ޕާޓީއަކުން ދެކޮޅު ހަދާ ކަމަށެވެ. އެހެންކަމުން އެއީ އެއްބަސްވުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.