ހަބަރު

ޕްލާސްޓިކް ފުޅި ދޫކޮށް، ފޮރިންގެ މުވައްޒަފުން ބިއްލޫރި ފުޅިއަށް

ޕްލާސްޓިކާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމެއްގެ ދަށުން ރައީސް އޮފީހުން މިއަދު ފެށި ޕްލާސްޓިކާ ދެކޮޅު ކެމްޕޭނަށް ހިއްވަރު ދިނުމުގެ ގޮތުން ފޮރިން މިނިސްޓްރީ އިން ވެސް ޕްލާސްޓިކާ ދެކޮޅު ހަރަކާތެއް ފަށައިފި އެވެ.

އެ މިނިސްޓްރީން މިއަދު ވަނީ ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލައި މިނިސްޓްރީ ތެރޭގައި ބިއްލޫރި ފުޅި ބޭނުންކުރަން ފަށާފަ އެވެ. އެގޮތުން މިނިސްޓްރީގައި ކޫލަރު ބަހައްޓައި، މިނިސްޓްރީގެ ފަރާތުން ކޮންމެ މުވައްޒަފަކަށް ބިއްލޫރި ފުޅި އެއް ވަނީ ހަދިޔާކޮށްފަ އެވެ.

ގިނަ އަދަދަކަށް މުވައްޒަފުން ތިބޭ ފޮރިން މިނިސްޓްރީ އިން ޕްލާސްޓިކާ ދެކޮޅަށް މިއަދު ގެނައި ބަދަލާ ބެހޭގޮތުން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ދައުރަކަށް ކުރިމަތިލާއިރު މި ފަދަ ބަދަލަކަށް އެންމެ ފުރަތަމަ އެ މިނިސްޓްރީ އިން މަރުހަބާ ކިޔުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މި ބަދަލާއެކު ފޮރިން މިނިސްޓްރީ އިން އަހަރެއްގެ މައްޗަށް ބޭނުންކުރާ ޕްލާސްޓިކް އެތައް ގުނަ ކުޑަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން މިހާރުވެސް އަހަރެއްގެ މައްޗަށް 27،000 އަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެ މިނިސްޓްރީ އިން ކުނީގެ ގޮތުގައި އުކާލަ އެވެ.

ފޮރިން މިނިސްޓްރީގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން މިއަދު ހުއްޓާލާފައިވާއިރު، ރައީސް އޮފީހުން ވެސް ވަނީ އެއްފަހަރު ބޭނުންކޮށް އެއްލައިލާ ޕްލާސްޓިކް ކޮތަޅާއި ފުޅި ބޭނުންކުރުން ހުއްޓާލާފަ އެވެ. އާ ސަރުކާރުގެ މެނިފެސްޓޯގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑިތަކާ އެއްގޮތަށް މި ބަދަލު ލަސްނުކޮށް ސަރުކާރުގެ ހުރިހާ އިދާރާއަކުން ފެނިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މިއަދު ވިދާޅުވެފަ އެވެ.