ޓޫރިޒަމް ސިނާއަތުގެ "އޮސްކާ" ގެ ގޮތުގައި ބަލާ ވޯލްޑް ޓްރެވަލް އެވޯޑުގައި ރާއްޖޭގެ ނަން މި އަހަރު ވެސް ވިދާލައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ޕޯޗްގަލްގެ ލިޒްބަންގައި މި މަހު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑު 2018 ގައި ރާއްޖެ އަށް އެވޯޑުތައް ލިބިފައިވަނީ އެންމެ ވާދަވެރި ދެ ގައުމު ކަމަށްވާ ސީޝެލްސް އާއި މޮރޮޝަސް އާ ވާދަކޮށް ކަމަށެވެ.
ނަވާރަ ސަތޭކަ ތިން ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއްނެތި ބާއްވަމުން އަންނަ މި އެވޯޑުގެ އެކި ބައިތަކުގައި ރާއްޖޭގެ ގިނަ ރިސޯޓުތަކަށް އަބަދު ވެސް ގިނަ އެވޯޑު ތަކެއް ދަނީ ލިބެމުންނެވެ. މި އަހަރުވެސް ރާއްޖެއަށް ފަސް ކެޓަގަރީއަކުން ވަނީ އެވޯޑުތައް ލިބިފަ އެވެ.
އެވޯޑު ލިބުނު ފަސް ބައި:
- ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް: އެޗްއައިއެޗް
- ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް: ޖުމެއިޔާ ވިތަވެލި
- ވޯލްޑް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް: ޝެވަލް ބްލޮންކް ރަންދެލި
- ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: ސަން އަކުވާ ވިލު ރީފް
- ވޯލްޑް މޯސްޓް ރޮމޭޓިން ރިސޯޓް: ބަރޮސް މޯލްޑިވްސް
ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ލިބެމުންދާ އެވޯޑުތައް ވެގެންދަނީ ރާއްޖެއަކީ އެ ރިސޯޓުތައް އިޝްތިހާރު ވާން ލިބޭ މުހިންމު ފުރުސަތަކަށެވެ. މި އިޝްތިހާރުތަކުގެ ސަބަބުން މިދިޔަ އަހަރު 1.3 މިލިއަން މީހުން ވަނީ އައިސްފަ އެވެ. މިގޮތުން ރާއްޖެއަށް އަންނަ މީހުންގެ 65 ޕަސެންޓު އަންނަނީ ރާއްޖޭގެ މޫދު އަޑީގެ ރީތިކަން ދެކެލުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރި ދިރާސާއަކުން ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރު މަހުގެ ނިޔަަލަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 1.2 މިލިއަން ފަހަނަ އަޅައި ގޮސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 1.1 މިލިއަން މީހުންނާ އަޅާ ބަލާއިރު 7.3 ޕަސެންޓް އިތުރު ވުމެކެވެ.