ވިކްޓަރީ

ވިކްޓަރީ ހިންގުން އަނެއްކާވެސް ކެނެރީގެއަށް ބަދަލު ވަނީ!

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާޕާސަން ކަމަށް، ކުރިން އެ ކުލަބުގެ ޖެނަރަލް ސެކެޓްރީކަން ކުރެއްވި ޑރ. އިބްރާހިމް ނާޝިދު 'ނާޝް' ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑރ. ނާޝިދު އަކީ ވިކްޓަރީގެ ލެޖެންޑަރީ ޗެއާމަން، ގ. ކެނެރިގޭ އަބްދު ސައްތާރުގެ ބޭފުޅެކެވެ. އަށްޑިހައިގެ އަހަރުތަކުގައި ވިކްޓަރީގެ ޓީމު ބައްދަލުވުންތަކާއި ޓީމު މެޗަށް ތައްޔާރުވެގެން ދަނޑަށް ދާން އަންނަނީ ކެނެރީގެއިން ނިކުމެގެންނެވެ. ޑރ. ނާޝިދުއަށް ބޮޑުބޭބެ ވިދާޅުވާ ވިކްޓަރީގެ ކުރީގެ ޗެއާޕާސަން އިވާ އަބްދުﷲ ދައުރުގައިވެސް ވިކްޓަރީން ވަނީ ގ. ކެނެރީގެއިން ނިކުމެގެން ދަނޑަށް އައިސްފަ އެވެ.

ނާޝިދު އަލުން ވިކްޓަރީގެ ބޯޑަށް އަންނަން ތައްޔާރު ވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، ދަނޑަށް ވަޑައިގެން ޑރ. ނާޝް ވަނީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލު ކޮށްފަ އެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން، ސީޒަންގެ ފަހު ކޮޅުގައި ވިކްޓަރީއަށް ކޯޗް ކޮށްދިން މުހައްމަދު ނަޒީހް ބުނީ، ވިކްޓަރީއަށް ބޭނުން ވަނީ ޕެޝަން ހުރި ލީޑާޝިޕެއް ކަމަށާއި ނާޝްގެ ވިސްނުން ރަނގަޅު ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި ވިކްޓަރީއަށް ހަވާލުވަނީ ރައީސް ނަޝީދުގެ ބޭބެ ނާޝް، މިއަދު މެޗުގެ ކުރިން ދިމާވެގެން ވާހަކަ ދައްކާލިއިރު ވަރަށް ޕޮޒިޓިވް، އެއީ މެދުމިނުގެ ޓީމެއް ހަދަން ވިސްނުން ހުރީ،" ނަޒީހް ކިޔައިދިނެވެ.

"ކުއްލިއަކަށް ބޮންތިއަކަށް ނޭރޭނެ، އެވަރުގެ ހަރަދެއް ކޮށްގެން ކާމިޔާބު ނުލިބުނީމަ ވާނެ ގޮތް މި ފެންނަނީ، ކުޅުންތެރިންނަށް ޕޭވެސް ނުކުރެވިގެން މި އުޅެނީ، އެހެން ނަމަވެސް ދެވޭ ވަރު އެއްޗެއް ހިފައިގެން ނިކުމެ ހަރަދު ކުރަން އުޅުނު ނަމަ މިއެއް ނޫން ނިކުންނާނެ ނަތީޖާއަކީ."

ވިކްޓަރީގެ ބޯޑު މެންބަރަކު ބުނީ، މި މަހު މެދުތެރޭގައި އިންތިހާބެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ޑރ. ނާޝިދު ބޭނުންވާ ގޮތަކަށް ބޯޑު އެކުލަވާލަން މިހާރު އޮތް ބޯޑުން ފުރުސަތު ދޭނެ ކަމަށެވެ.

މިއީ ވިކްޓަރީގެ ތާރީހްގައި އެ ޓީމަށް ކުރިމަތިވި އެންމެ ލަދުވެތި ސީޒަނެވެ. ލީގްގައި ކުޅެން އޮތް ދެ މެޗު އެ ޓީމުން ވަނީ ނުކުޅެ ދޫކޮށްލާފަ އެވެ. ވިކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް، މިއަހަރު އެ ޓީމުގެ ޗެއާމަން ކަމަށް، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން ކަމަށް ކެލޭ ދާއިރާގެ މެންބަރު އަލީ އާރިފް ވަޑައިގެންނެވި އެވެ.

ނަމަވެސް، ސީޒަން ދެބައިވި ފަހުން ވިކްޓަރީއަށް އެ ދެބޭފުޅުންގެ އެއްބާރުލުން ނުލިބޭކަމަށް ވިކްޓަރީން ބުނެފައިވެ އެވެ. ވިކްޓަރީގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ވަގުތު ދެ ބޭފުޅުން ވަނީ ވިކްޓަރީގެ މާގަމުތަކުން އިސްތިއުފާ ދީފަ އެވެ.