ހަނދާން ކުރަންވީ މުހިންމު ކަމެއް އެބަ އޮތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމަށް ވަޑައިގެންނެވުނީ އެމަނިކުފާނުގެ ފަހަތްޕުޅަށް ސިޔާސީ ގޮތުން އެންމެ ބަސްވިކޭ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ލީޑަރުން ތިއްބެވުމުން އެވެ. މިއީ ބަދަލުކުރެވެން ނެތް ހަގީގަތެކެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، ގާސިމް އިބްރާހިމާއި، ޝައިހު އިމްރާން އަބްދުﷲ ތިއްބެވުމުން އެވެ. އަދި އެ ބޭފުޅުންނާއެކު އިންތިހާބު ކާމިޔާބުކުރުމަށް ވަރުބަލިކަމެއްނެތި ކެމްޕެއިން ކުރެއްވި ހީވާގި ޓީމުތަކުގެ މަސައްކަތުންނެވެ.
"ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓް ދެއްވި ސަބަބު އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑު ހިތުން ފޮހެވޮގެންނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓް ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެނޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް، މިކަން އަޅުގަނޑު އަބަދުވެސް ހަދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް އަދި އަޅުގަނޑުމެން އެންމެންވެސް ހަދާން ބަހައްޓަންވާނެ" މިއީ ރައީސުލް ޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމަށް ފަހު ރައީސް ސޯލިހު ދެއްވި ފުރަތަމަ ތަގުރީރުގައި ވިދާޅުވި ވާހަކަ އެވެ.
ރައީސް ޔާމީން ވަރުގަދަ ސަރުކާރު ބަލިކޮށްލުމުގެ މަސައްކަތް އެންމެ ގަދަޔަށް ފެށުނީ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ އެދިލެއްވުމުގެ މަތިން އެމްޑީޕީގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ދެބޭފުޅުން ފެއްޓެވި މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން އެވެ. އެ ހަރަކާތުގެ މަގުސަދަކަށް އޮތީ ހުދުމުހުތާރު، ޑިމޮކްރަސީއާ ބީރައްޓެހި ވެރިކަަމަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމެވެ. އެކަމަށްޓަކައި ތަފާތު ހިޔާލާއި ފިކުރުގެ ލީޑަރުން އެއްތަންކޮށް، "1819"ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައި ވަރަށް ގިނަ މަޝްވަރާތަކެއް ކުރި އެވެ.
އެމަޝްވަރާތަކުގެ އާހިރު ނަތީއްޖާއަކަށްވީ، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އެކުލަވާލެވިއްޖެ ނަމަ ސަރުކާރުގައި ކޮންމެ ބަޔަކުވެސް ތަމްސީލް ކުރާނެ މަގާމްތަކުގެ އަދަދާއި، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މެމްބަރުންގެ ދާއިރާތަށް ކޯލިޝަން ތެރޭގައި ބަހާލުމާއި، ލޯކަލް ކައުންސިލަށްވެސް އެ އުސޫލުން އަމަލު ކުރުމަށް އަހުދުވެ ހެދުނު އެއްބަސްވުމެވެ. މަޝްވަރާތަކުގެ އަލީގައި އެމްޑީޕީއަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދޭން އަހުދުވެވުނެވެ. އެ އަހުދުގައި ސިއްކަ ޖެހީ އޭރު ޕާޓީތަކުން އެ މަޝްވަރާތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން އިސް ވެރިންނެވެ. އެ އެއްބަސްވުން ފެންނަންވެސް އެބަ އޮތެވެ.
އެހެން ނަމަވެސް އެމްޑީޕީން ވަނީ އެ އެއްބަސްވުމާއި ހިލާފުވެ، މަޖިލީހުގެ ހުރިހާ ދާއިރާ، 87 ގޮނޑިއަށް ވާދަކުރަން ނިންމާފަ އެވެ. އެމްޑީޕީން ބުނަމުންދަނީ ވާދަ ނުކޮށްފިނަމަ އާންމު މެމްބަރުންގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެމްޑީޕީގެ ވެރިން ކުރިން ވިސްނާފައިނެތުމަކީ މައްސަލަ އެކެވެ. ބަޔަކާއި އެކު އަހުދެއްވެ، އެއްބަސްވުމެއް ގާއިމް ކުރުމުގެ ކުރިން އެކަންކަމާ ވިސްނަން ޖެހޭނެ އެވެ. އެފަދަ އެއްބަސްވުމެއް ނެތް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަންލަތީފު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ހަސަން ލަތީފު އެ އެއްބަސްވުމުގައި ސޮއެކޮށްފައިވާކަން އެއީ އެންމެނަށްވެސް އިނގޭ ކަމެކެވެ.
"ހުށަހެޅުމެއް އަޅުގަނޑުމެން ހުށަހެޅިން އެހެން ޕާޓީތަކުން އެއާ މެދު ދެކޭ ގޮތް ބަލަން، ކޯލިޝަންގެ ހުރިހާ ޕާޓީއަކުން އެއަކަށް އެއްބަހެއް ނުވި، އެކިއެކި ސަބަބުތަކާ ހުރެ އޭގެ ތެރެއިން ބައެއް ޕާޓީތަކަކަށް އެއްބަހެއް ނުވެވުނު، އެހެންވީމާ ކޯލިޝަންގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ ބެހޭ ގޮތުން އެއްވެސް އެއްބަސްވުމެއްގައި މި ޕާޓީން ސޮއި ކޮށްފައެއް ނުވާނެ،" ހަސަން ލަތީފު ވިދާޅުވިއެވެ.
ފުރަތަމަ ކަމަކަށް ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ބޭނުންވާ ބަޔަކު އެ ރައްޔިތުންގެ ބަސް އިއްވަން ހޮވާ މެމްބަރުންތަކެއް ތިއްބަވާ ތަނެކެވެ. އެތަންތަނަށް ކުރިމަތި ލާނީ ކޮން ކުލައެއްގެ މީހެއްތޯ؟ އެތަނުން ހޮވާނި ކާކުތޯ ނިންމާނީ ލީޑަރުންނެއް ނޫނެވެ. އެއީ ރައްޔިތުންގެ ހައްގެކެވެ. އެހެން ކަމުން އެ ރައްޔިތުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް ނިންމާފައިވާ ނިންމުމެއްގައި އެމްޑީޕީވެސް އަދި އެހެން ޕާޓީއެއްގެ ލީޑާޝިޕަކުންވެސް ސިއްކަ ޖެހުމަކީ ގޯހެކެވެ. ރައްޔިތުންގެ ހައްގަކަށް އަރައިގަނެވުނީ އެވެ.
ދެން އޮތީ އެފަދަ ކަމަކަށް އެއްބަސްވުމަށްފަހު އެ އެއްބަސްވުމަށް އަމަލު ނުކުރުމެވެ. އެއްބަސްވުމެއް ބައެއްގެ ތެރޭގައި ގާއިމް ކުރާނީ ކަމެއް ކަށަވަރު ކުރުމަށެވެ. އެ ދިން ޔަގީންކަމަށް ބަދަލެއް ގެނެސްފި ނަމަ، އެކަމައިގެން ކުރިޔަށް ދިއުންވާނީ އުނދަގޫ ކަމަކަށެވެ. ހާއްސަކޮށް ސިޔާސީ ގޮތުން އޮންނަ އަހުދެއް އުވާލައިފި ނަމަ، ރައްޔިތުންގެ ކުރިމަތީގައިވެސް އެބައެއްގެ އަގުވެއްޓޭނެ އެވެ. އެއީވެސް ގޯހެކެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކާއިމެދު ސިޔާސީ ޕާޓީޓަކުން ނިންމާފައިވާ މިކަންކަމަކީ މުޅިން ގޯހަށް ގޮސްފައިހުރި ކަންކަމެވެ. އަދި އެއްބަސްވުމާ ހިލާފު ވުމަކީ ސަރުކާރު ހިންގާ ކޯލިޝަނަށް ހީނަރުކަން އަންނާނެކަމެކެވެ.
ރައްޔިތުންނަށް އިއްޔެ ގެނެސްދިނީ އެ މާޔޫސްކަމެވެ. ސުވާލުތަކެއްގެ ތެރެއަށް އެ ރައްޔިތުން ގަންބާލި އެވެ. ކޯލިޝަނާއި ސަރުކާރުގެ ކުރިމަގާ މެދު ހިތުގައި ވަހުމްތައް އުފެދުނީ އެވެ. ނިދިން ހޭލެވުނު އިރު ފަލަ ސުރުޙީތަކުގައި އޮތީ އެމްޑީޕީގެ ނިންމުމާއެކު ކޯލިޝަން ރޫޅިގެންހިނގައިދާނެތޯ އުފައްދާ ސުވާލުތަކެވެ. ސުވާލު ނުއުފައްދަން ޖެހޭ ސަބަބެއްވެސް ނެތެވެ. އެހެން ނަމަވެސް ސިޔާސީ ބޭފުޅުންނަކީ ބަހުގެ އިތުބާރު ހިފޭ ބަޔަކަށް ވާން އެބަޖެހެ އެވެ. ރައްޔިތުން ނިންމަންޖެހޭ ކަންކަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވޭ ވަރުގެ ގާބިލް ބަޔަކަށްވެސް ސިޔާސީ މީހުން ވާން އެބަޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަށް ބަހަން ނިންމުމާއި، އެކަމުގެ އެއްބަސްވުމުގައި ސޮއެ ކުރުމާއި، އެއްބަސްވުމަށްފަހު އެއަށް އަމަލު ނުކުރުމަކީ ތަކުރާރުކޮށްގެން ވާނެ ފަަދަ ކަމެއް ނޫނެވެ. ކޯލިޝަން ރޫޅުނަ ނުދެއްވާނެ ކަމަށް ރައީސް ސޯލިހު 100 ޕަސެންޓް މަސައްކަތް ކުރައްވަން އެބަޖެހެ އެވެ.