ހަބަރު

ތައްޔާރު ނުވެވިގެން ކޮމިޓީއިން އާދަމް ޝަރީފާ ސުވާލެއް ނުކުރި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބެހޭ ކޮމިޓީއަށް މިރޭ ހާޒިރުވި ކަމަށާއި، އެހެން ނަމަވެސް ކޮމިޓީއިން ނިންމީ މިރޭ އޭނާއާ ސުވާލު ނުކުރަން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބެހޭ ކޮމިޓީއަށް އާދަމް ޝަރީފު ހާޒިރުކުރަން ނިންމާފައި ވަނީ ސިފައިން މަޖިލީހުގެ އިދާރާތެރެއަށްވަދެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުން ނެރެފައިވާތީއާއި، މަޖިލީހުގެ ސެކުއުރިޓީ ބެލެހެއްޓުމުގައި މަޖިލީހުގެ މެމްބަރުންގެ ވާޖިބަށް ހުރަސްއަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

އާދަމް ޝަރީފް ފޭސްބުކްގައި ވިދާޅުވީ، މަޖިލިސް ކޮމިޓީއަށް މިރޭ ހާޒިރު ކުރުމަށް ނިންމާފައި އޮތީވެސް އޭނާ އެކަނި ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ އިދާރާއިން އެންގީ މިރޭ ކޮމިޓީއިން އޭނާއާ ބައްދަލު ނުކުރާގޮތަށް ނިންމާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ބައްދަލު ނުކުރަން ނިންމި ސަބަބެއް ކަމަށް އާދަމް ޝަރީފް ވިދާޅުވީ އެކަށީގެންވާ ވަރަށް ކޮމިޓީއަށް ތައްޔާރުވެވިފައި ނުވާތީކަމަށް މަޖިލިސް އިދާރާއިން ބުނި ކަމަށެވެ.

އުމްމީދު ކުރައްވަނީ މަޖިލިސް އިންތިހާބު ފެށުމުގެ ކުރިން މަޖިލީހުގެ އިމްތިޔާޒުތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުވުމަށް ފުރުސަތު ދެއްވުން ކަމަށް ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.

މިރޭ ކޮމިޓީއިން އާދަމް ޝަރީފާ ބައްދަލު ނުކުރި ނަމަވެސް، މިރޭ ކޮމިޓީ ބައްދަލުވުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް، ކޮމިޓީ ސިއްރުން ކުރިއަށް ގެންދިޔުމުން ބައްދަލުވުމުގެ ތަފްސީލްތަކެއް ނުލިބުނެވެ.

ސިފައިން މަޖިލީހުގެ ތެރޭގައި ކޮށްފައިވާ ކަންކަމާއި ގުޅިގެން "އަވަސް ހުކުރު" ޕްރޮގްރާމްގައި އާދަމް ޝަރީފާއި ސުވާލު ކުރެއްވުމުން ވިދާޅުވެފައިވަނީ ގާނޫނު އަސާސީން މަޖިލީހުގެ ރައީސަށް ބާރުތަކެއް ދީފައިވާ ކަމަށާއި، މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މަޖިލީހުގެ ރައީސަކަށް ހުންނަ ބޭފުޅަކަށް ސިފައިންގެ މައްޗަށް އަމުރު ހިންގުމުގެ ބާރު ގާނޫނުން ދީފައިވާ ކަމަށެވެ.