ގިރިފުށީ

ތަމްރީނު ހިންގުން އެހެން ތަނަކަށް ބަދަލު ކުރަން ނުފެންނަ ކަމަށް ފާސްކޮށްފި

ސިފައިންގެ އަސްކަރީ ތަމްރީނުތައް ހިންގުން ގިރިފުށި ނޫންތަނަކަށް ބަދަލުކުރަން ހުށައަޅާފައިވާ މައްސަލާގައި ތަމްރީނު ހިންގުން އެހެން ތަނަކަށް ބަދަލު ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ނިންމައިފި އެވެ. އަސްކަރީ ތަމްރީނުތައް ހިންގުން ގިރިފުށި ނޫންތަނަކަށް ބަދަލުކުރަން ހުށައެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ނޮވެންބަރު 14، 2019 ގައި ނަސީމް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ނޮވެންބަރު 6، 2019 ގައި ކ. ހިންމަފުށީގެ ހުޅަނގު ފަރާތުގައި އޮތް ސަފާރީއެއްގައި ހުރި އުމުރުން 41 އަހަރުގެ ޖަރުމަންވިލާތަށް ނިސްބަތްވާ ފަތުރުވެރިއެއްގެ ކަރަށް ގިރިފުށިން ދޫކޮށްލި ވަޒަނެއް އަރާފައިވާ ކަމަށާ އަދި އޭގެ ކުރިން ދެ ފަހަރެއްގެ މަތިން ހިންމަފުށީގެ ގެއެއްގެ ދޮރޯއްޓާއި ގެސްޓް ހައުސްއެއްގެ ކުޑަ ދޮރަށް ވަޒަން އަރާފައިވާ ކަމަަށެވެ.

އެހެން ކަމުން ހިންމަފުށީގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށްޓަކައި އަސްކަރީ ތަމްރީންތައް ހިންގުން ގިރިފުށި ނޫންތަނަކަށް ބަދަލު ކޮށްދޭން އެ މައްސަލާގައި ވަނީ އެދިވަޑައިގެންފައެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ ސުވާލުކޮށް އެ ހާދިސާތަކާއި ގުޅޭ މައުލޫމާތު ސާފުކޮށްފައެވެ. އަދި ޑިފެންސް މިނިސްޓްރީއާ ސުވާލުކޮށް ތަމްރީނުތައް އެހެން ތަނަކަށް ބަދަލު ކުރުމާމެދު މިނިސްޓްރީގެ އިސްވެރިންގެ ހިޔާލު ވަނީ ހޯދާފައެވެ. އަދި އަސްކަރީ ތަމްރީންތައް އެހެން ރަށަކަށް ބަދަލު ކުރެވިދާނެތޯވެސް ކޮމެޓީން ވަނީ ބަލާފައެވެ.

ސިފައިންގެ އަސްކަރީ ތަމްރީނުތައް ހިންގުން ގިރިފުށި ނޫންތަނަކަށް ބަދަލުކުރަން ހުށައަޅާފައިވާ މައްސަލާ އެންއެންޑީއެފުން ވަނީ ސިފައިން ހިންގާ ހުރިހާ އަސްކަރީ ތަމްރީނުތަކަކީވެސް ރައްކާތެރިކަމުގެ ގޮތުން ވަރަށް ހަރުދަނާ ފިޔަވަޅުތައް އެޅިގެން ގެންދެވޭ ތަމްރީންތަކެއް ނަމަވެސް ތަމްރީނުތަކުގެ ތެރޭގައި ދިމާވި އެކިއެކި ހާދިސާތަކާއި ގުޅިގެން ތަމްރީނުތައް ގިރިފުށި ނޫން އެހެން ތަނަކަށް ބަދަލު ކުރުމާބެހޭ ގޮތުން ކުރީންވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެފައެވެ.

ގިރިފުއްޓަކީ ސިފައިންގެ ތަމްރީނުތައް ހުއްޓުމެއްނެތި އަހަރުގެ ހުރިހާ ދުވަހަކު ކުރިއަށް ގެންދެވޭ އަދި ދުވާލަކު އެތަށް ފަހަރަކު ހަތިޔާރުގެ އެކިއެކި ތަމްރީނުތަކަށް ސިފައިން ގޮސް އައިސް ހަދަންޖެހޭ ރަށަކަށްވާތީ މާލެއާ ދުރު ހިސާބަކަށް އަސްކަރީ ތަމްރީން ރަށް ބަދަލުކޮށްފިނަމަ ތަމްރީނަށް ބޭނުންވާނެ ސާމާނާއި ސިފައިން އެތަނަކަށް ގޮސް އައިސްވުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމެއް ކަމުން އެކަން އެގޮތަށް ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިތުރު ހާދިސާއެއް ހިނގުމުގެ ފުރުސަތު ނުދިނުމަށް އަދި އެކަންކަން ބެލެހެއްޓުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާ ކޮމެޓީގެ ލަފާގެ މަތިން ހަތިޔާރުތަކުގެ ތަމްރީނުތަކަށް ބޭނުންކުރެވޭ ގިރިފުށި ފަޔަރިން ރޭންޖަށް ބަދަލު ގެނެސްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ވަނީ މައްސަލަ ބެލުމަށްފަހު ގިރިފުށި ނޫންތަނަކަށް އަސްކަރި ތަމްރީނު ބަދަލުކުރަން މިވަގުތު ނުފެންނަ ކަމަށް ނިންމާފައެވެ. އެ ނިންމުން ނިންމީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީގެ މުގައްރިރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ނާއިބު މުގައްރުރަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ދެން ކޮމެޓީގައިި ހިމެނިވަޑައިގަންނަވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލ ނިޔާޒު އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ވިލިނގިިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންގެ އިތުރުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މި މަހުގެ 8 ވަނަ ދުވަހު ކޮމެޓީން ރިޕޯޓް އެކުލަވާލާ މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

ގިރިފުއްޓަކީ 1986 ވަނަ އަހަރުން ފެށިގެން ސިފައިންގެ އަސްކަރި ތަމްރީނުތައް ކުރިއަށް ގެންދާ ރަށެވެ.