އުތުރު ލަންޑަންޑަންގެ ޑާބީގައި، ޓޮޓެންހަމް ލީޑްގައި ވަނިކޮށް އާސަނެލްއިން ދެ ވަނަ ހާފުގައި ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން 4-2 އިން މޮޅުވެ، އުތުރު ލަންޑަންގެ ރަސްކަމަށް އާސެނަލް ގަދަވެ ގަނެއްޖެ އެވެ.
މި ސީޒަންގައި އާސެނަލްގެ ކޯޗް ކަމާ ހަވާލުވި، އުނައި އެމްރީ އާ އެކު އާސެނަލް ވަރުގަދަވި ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގްގެ ވަރުގަދަ ހަ ޓީމު ބަލި ނުކުރެވޭތީ އާސެނަލްއަށާއި އެމެރީއަށް އޮތް ފުރައްސާރައަށް އޭނާ ޖަވާބު ދިނީ ވަރުގަދަ ހަ ޓީމުގެ ތެރޭގައި ހިމެނޭ ޓޮޓެންހަމް ބަލި ކޮށްލުމަށް ފަހު އެވެ.
މި މޮޅާއެކު، ހުރިހާ މުބާރާތެއްގައި ބަލި ނުވެ އާސެނަލްއިން ދަމަހައްޓަމުން އަންނަ ޓްރެކް 19 އަށް އެރީ އެވެ. މެޗުގައި އާސެނަލްގެ ޕިއާ އެމްރިކް އޮބާމެޔަންގް ވަނީ ދެ ލަނޑު ޖާހަފަ އެވެ. އުތުރު ލަންޑަންގެ ޑާބީ މެޗުތަކަކީ އޭހާ ވާދާވެރި މެޗުތަކެއް ނޫން ކަމަށް ދެކެވޭ ވާހަކަތަކަށް އެ މެޗުގައި ފެނުނު ފޯރި އާއެކު ޖަވާބު ލިބިގެން ދިޔަ އެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ، އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ އާސެނަލްއިންނެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އޮބާމެޔަންގް އެވެ. ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އެރިކް ޑަޔާ އެވެ. އޭގެ ހަތަރު މިނެޓް ފަހުން، ޓޮޓެންހަމްގެ ހޮން މިއުން ސަން އަށް އާސެނަލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގަން ޓޮޓެންހަމްއަށް ލިބުނު ޕެނަލްޓީގައި އެ ޓީމަށް ލީޑް ނަގައިދިނީ ހެރީ ކޭން އެެވެ.
ދެ ވަނަ ހާފުގައި ނިކުމެ އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮބާމެޔަންގް އެވެ. ލީގްގައި އޭނާ އެންމެ ފަހުން ގޯލަށް އަމާޒުކޮށް ފޮނުވާލި 10 ބޯޅަ ވެސް އޭނާ ވަނީ ގޯލަށް ވައްދާލާފަ އެވެ. އާސެނަލްއަށް ލީޑް ނަގައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އެލެގްޒެންޑާ ލަކެޒެޓް އެވެ. ޓޮޓެންހަމްގެ އެރިކް ޑަޔާއަށް ފުރުސަތު ނުދީ ލަކެޒެޓް ކޮންޓްރޯލްގެ ދަށަށް ގެންނަން އުޅުނު ބޯޅަ ޑަޔާ ގައި ނެއްޓި އަމާޒު ބަދަލުވެގެން ގޮސް ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ލޫކަސް ޓޮރޭރާ އެވެ.
ހުޅަނގު ލަންޑަންގެ ޑާބީގައި ފުލަހަމްއާ ދެކޮޅަށް ނިކުތް ޗެލްސީން މެޗު ކާމިޔާބު ކުރީ، 2-0 އިންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބު ކުރީ ޕެޑްރޯ ރޮޑްރިގޭޒް އާއި ރުބޭން ލޮފުޓުސް ޗީކް އެވެ.