ކުޅިވަރު

ޕްރިމިއާ ލީގަށް ޔޫރަޕްގެ ނުފޫޒާއި ބާރު!

އެއް ގައުމެއްގެ ޓީމުތައް، ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ވާދަ ކޮށްފައި ވެއެވެ. ފަހުގެ ތާރީހަށް ބަލާނަމަ، ސްޕެއިންގެ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ވަނީ ދެ ފަހަރަށް ޗެމްޕިއަންސް ލީގް ފައިނަލުގައި ބައްދަލު ކޮށްފަ އެވެ. ޖަރުމަންގެ ބަޔާން މިޔުނިކާއި ވާދަވެރި ބްރޫޝިއާޑޯޓަމުންޑްވެސް ވަނީ 2013 ގެ ފައިނަލުގައި ވާދަ ކޮށްފަ އެވެ.

ދިހަ ވަރަކަށް އަހަރު ފަހަތަށް ބަލާނަމަ، މެންޗެސްޓާ ޔުނައިޓަޑާއި ޗެލްސީ ވަނީ 2008 ގެ ފައިނަލުގައި ވާދަ ކޮށްފަ އެވެ. އޭސީ މިލާން އާއި ޔުވެންޓަސް 2003 ގެ ފައިނަލުގައި ކުޅުނެވެ. ރެއާލް މެޑްރިޑާއި ވެލެންސިއާ 2000 ވަނަ އަހަރުގެ ފައިނަލުގައި ވާދަ ކުރި އެވެ. ޔޫރޮޕާ ލީގަށް ބަލާއިރު އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ކުލަބް ބިލްބާއޯ ވަނީ 2012 ވަނަ އަހަރުގެ ފައިނަލުގައި ވާދަ ކޮށްފަ އެވެ.

އެހެންނަމަވެސް ... ރެގެ ނިޔަލަށް އެ ހުރިހާ ނަންބަރުތަކެއްގެ ވާހަކަ ނިމުނީ އެވެ. އެ ރެކޯޑްތަކާއި ތަފާސް ހިސާބުތަކުގެ ބުރަދަނެއް މިހާރު ނެތެވެ. ޔޫރަޕްގެ އެންމެ ބޮޑު ދެ ފައިނަލަށް އެއް ގައުމެއްގެ ހަތަރު ޓީމެއް މީގެކުރިން ދަތުރު ކޮށްފަ އެއް ނުވެ އެވެ. އެ ސޮފްހާ ލިއުނީ އިނގިރޭސި ޕްރިމިއާ ލީގުންނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ފައިނަލު ފުރަތަމަ ފަހަރަށް އެއް ގައުމަކަށް ނިސްބަތްވާ ހަތަރު ޓީމު ދަތުރު ކުރީ އެވެ.

އިނނގިރޭސި ކުލަބުތަކުން ޔޫރަޕް ފަތަހަ ކޮށްފި އެވެ. ވޭތުވެދިޔަ ފަސް ވަރަކަށް އަހަރަކީ، ޔޫރަޕްގައި ސްޕެއިންގެ ޑޮމިނެސް ދެމެހެއްޓި ފަސް އަހަރެވެ. ޗެމްޕިއަންސް ލީގްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އެވެ. ޔޫރޮޕާ ލީގްގައި އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ އެވެ.

އިނގިރޭސި ލީގަކީ، މުޅި ދުނިޔޭގައިވެސް މާކެޓިންއަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ލީގެވެ. މާކެޓިން ބަޖެޓް ބޮޑުވިޔަސް މީގެ ކުރިން އިނގިރޭސި ލީގްގެ ކުލަބުތަކަށް ނުކުރެވި އޮންނަ ކަމަކީ ޔޫރަޕް ފަތަހަ ކުރުމެވެ. ޗެމްޕިއަންސް ލީގްގެ 2013 އާއި 2015 ގައި ދެ ވަނަ ބުރަށް ވުރެ ދުރަށް އިނގިރޭސި އެއްވެސް ޓީމަކަށް ދެވިފައެއް ނުވެ އެވެ.

އިނިގިރޭސިން ޓާނިންޕޮއިންޓް ގެނައީ، އެހެން ގައުމުތަކުން ހުނަރު އިމްޕޯޓް ކޮށްގެންނެވެ. ސްޕެއިން އާއި ޖަރުމަނާއި އިޓަލީގެ އެންމެ ހުނަރުވެރި ކޯޗުން އިނގިރޭސި ޓީމުތަކުގައި މަސައްކަތް ކުރަން ފެށުމުން އިނގިރޭސި ފުޓްބޯޅަ ބޮޑުތަނުން ކުރިއަށް ޖެހުނެވެ. އިނގިރޭސިން ކުޅޭ ސްޓައިލް ބަދަލުވި އެވެ. އެ ބަދަލު ފެނުނީ ހަމައެކަނި އިނގިރޭސި ކުލަބުތަކުން އެކަންޏެއް ނޫނެވެ. އިނގިރޭސި ގައުމީ ޓީމުގައިވެސް އެ ސްޓައިލަށް ބޯޅަ ކުޅެން ފެށި އެވެ.

މިއަދު ފުޓްބޯޅައިގެ އެންމެ ވަރުގަދަ ހުނަރުތައް ފެންނަމުން ދަނީ އިނގިރޭސި ލީގުންނެވެ. ޗެލްސީގެ ކޯޗް އިޓަލީގެ މައުރީޒިއޯ ސާރީ އެކަން ފާހަގަ ކުރި އެވެ.

ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނިކުންނަ، އާޖެންޓީނާގެ މައުރީސީއޯ ޕޮޗެޓީނޯ ބުނީ، އަޔެކްސް އާ ދެކޮޅަށް ނިކުތް އިރު އޭނާ އަށް އިތުރު ހިތްވަރެއް ލިބުނީ ލިވަޕޫލުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ފެނިފައި ކަމަށެވެ. ލިވަޕޫލާއި ޓޮޓެންހަމްވެސް ފައިނަލަށް ދަތުރު ކުރީ ދެ ވަނަ ލެގްގައި އާދަޔާހިލާފް ގޮތަކަށް ނަތީޖާ އަނބުރާ ލައިގެންނެވެ. ޕޮޗެޓިނޯއަކީ ސްޕެއިންގެ ގްރެޖުއޭޓެކެވެ، އޭނާގެ ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމްތައް ފުރިހަމަ ކުރީ ސްޕެއިންގައި ބޭސްވެގެން ހުރެ އެވެ. އޭނާގެ ކޯޗިން ކެރިއާ ފެށި ސްޕެއިންގެ އެސްޕަންޔޯލްއިންނެވެ.

ލިވަޕޫލްގެ ކޯޗް، ޖަރުމަންގެ ޔާގަން ކޮލްޕް ބުނީ، މިދިޔަ އަހަރުގެ ފައިނަލުގައި ރެއާލް މެޑްރިޑު އަތުން ހިތްދަތި ގޮތަކަށް ބަލިވެގެން ދިއުމުން، އާ ހިތްވަރަކާއެކު އޭނާގެ ޓީމުން މަސައްކަތް ކުރި ކަމަށެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ލިވަޕޫލަށް މައްސަލަ ކުރިމަތިވީ، ލިވަޕޫލްގެ މުހައްމަދު ސަލާހަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުމުންނެވެ.

މިފަހަރުގެ ފައިނަލަށް ލިވަޕޫލް ދަތުރު ކުރީ، ސަލާހް އާއި ރޮބާޓޯ ފިރުމީނޯގެ އިތުރުން ނެބީ ކެއިޓާވެސް ނުލަ އެވެ.