ވާހަކަ

ބޭނުންވަނީ ޔާރާ

އެޑިޓަރުގެ ނޯޓް: މިއީ ލިޔުންތެރިޔާ، ފާތިމަތު ނީނާ، ލާރާ 2010 ވަނަ އަހަރު އޭނާގެ އަމިއްލަ ބްލޮގްގައި ޝާއިއު ކުރަން ފެށި ވާހަކަ އެކެވެ. އަދި މި ވާހަކަ ނިންމާލީ 2011 ވަނަ އަހަރު އެވެ. މި ވާހަކަ އަލުން ޕަބްލިޝް މި ކުރަނީ ގިނަ ކިޔުންތެރިންގެ އެދުމުގެ މަތިން އެވެ.
----

"ކޯޒް އައިމް ޖަސްޓް އަ ޓީނޭޖް ޑާޓްބޭގް ބޭބީ..." ކޮޓަރީގައިވަނީ މަންހާގެ ރީތި އަޑު ހަރުލާފަ އެވެ. ސުކޫލް ކުދިންގެ ލަވަ މުބާރާތް ހުއްޓާލުމާއެކު މަންހާގެ ލަވަ ކިޔުމުގެ ފުރުޞަތުވަނީ ގެއްލިފަ އެވެ. މިއުޒިކާ އެއްވަރަށް ބޯޖަހަމުން އަތުގައި އޮތް ފަންސުރު ދެއިނގިލި ދޭތެރޭ ތަޅުވާލަ ތަޅުވާލާ އިންއިރު އޭނާގެ ދެފައިވަނީ ސްޓަޑީ ޓޭބަލްގެ މަތީގަ އެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން އިންއިރު އޭނާގެ ފައިތިލަ ވެސް ދިޔައީ ކުރިމަތީ ހުރި ކޮމްޕިއުޓަރުން ޖަހަމުން ދިޔަ މިއުޒިކާ އެއްވަރަށް ތަޅުވަމުންނެވެ. ފުރޮޅުލާފައި ހުރި ގޮނޑީގައި އިނދެ މަޑުމަޑުން ގޮނޑި ދެފަރާތަށް އަނބުރަމުން ދިޔައިރު މަންހާ ފިލާވަޅު ދަސްކުރަން ނެގި ފޮތް އޭނާގެ އުނގުމަތީ އޮތެވެ.

"ދަރިފުޅާ! ދަރިފުޅާ! ބަލަ މަންހާ! މަންހާ!" ކުއްލިއަކަށް ދޮރުހުޅުވާލި ވަސީމާ، އޭނާއަށް ފުރަގަސްދީގެން އިން މަންހާއަށް ގޮވަމުން އައިސް އޭނާގެ ކޮނޑުގައި ޖަހާލި އެވެ.

"މަންމާ!" ސިއްސައިގެން ދިޔަ މަންހާއަށް ބުނެލެވުނެވެ. އަދި އަވަސް އަވަހަށް ދެފައި ތިރިކުރަމުން ލަވަ ނިއްވާލަން މަސައްކަތް ކުރި އެވެ.

"ތި ފިލާވަޅު ދަސްކުރަނީތަ؟ މަންމައަށް ހިޔެއްނުވޭ އަދި ތިފޮތުން އެންމެ އަކުރެއް ވެސް މަންހާއަށް ކިޔުނުހެނެއް، ބަލާބަލަ މިއޮއް ކޮޓަރިއެއް ވެސް، ބޯހަލާކު" ވަސީމާ "ޕިސްޕިސް" ލައްވާލަމުން މަންހާ އަށާއި މުޅިކޮޓަރިއަށް ނަޒަރު ހިންގާލި އެވެ.
"އެއްކަލަ މަންމަ، އަޅުގަނޑު ކޮޓަރި ރީތި ކުރާނަމޭ، ފިލާވަޅު ވެސް ދަސްކުރާނަމޭ، ދެން ކަމޯން މަމް، އަޅުގަނޑަށް
ޓްރަސްޓު ކޮށްބަލަ، ކުރާނަމޭ ބުނެފަ އަޅުގަނޑު ކުރަމެއްނު" މަންހާ ތިރީ ކާޕެޓުމަތީ އޮތް ފޮތްދަބަހާއި ޖިންސަކާއި ނަގާ އެނދުމައްޗަށް އެއްލަމުން ބުނެލި އެވެ.

"މައްސަލައެއްނެތް، ކޮންމެސް ފިލާވަޅު ދަސްކުރާތި އިނގޭ، އޭރުން ޓެސްޓަށް ދިޔައީމަ ޓެސްޓު ފަސޭހަވެފަ ރަނގަޅު ފެންވަރެއްގައި ފާސްވާނީ، އަނެއްކޮޅުން ދެވަނަ އިމްތިޙާން ފެށެން ހަފްތާއަކަށް ވީ" ވަސީމާ ކަންބޮޑުވުމުގެ ނަޒަރަކުން މަންހާއަށް ބަލާލަމުން ބުނެލިއެވެ. އެކަމަކު އެއީ އޭނަގެ ދަރިފުޅަށް އިތުބާރު ނުކުރާތީއެއްނޫނެވެ.

އައިމިނަތް މަންހާ ސަޢީދަކީ، ވަސީމާ އާއި ސަޢީދަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅެވެ. އަދި ތިންކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާވެސް މެއެވެ. މަންހާއަކީ އަދި ކިޔަވާކުއްޖެކެވެ. އަމީނިއްޔާ ސްކޫލް ގްރޭޑް ނުވައެއްގައި ތަޢުލީމް ހާޞިލް ކުރަމުންއަންނަ މޮޅު ދަރިވަރެކެވެ. ސްކޫލްގެ ކަންތައްތަކުގައި ފާހަގަކޮއްލެވޭ ދަރިވަރެކެވެ. ޚާއްޞަކޮއް ބޭންޑާއި ސްކޫލް ލަވަ މުބާރާތުގައެވެ. ސްކޫލް ޕްރިފެކްޓަކަށް ވުމާއިއެކު ޓީޗަރުންގެ ލޯތްބާއި އިޙްތިރާމުގެ އިތުރުން އެއްކޮއް އުޅޭ ކުދިންގެ އެކުވެރިކަމާއި ލޯބިވެސްވަނީ މަންހާ ހޯދާފައެވެ. ތަޢުލީމީ އަހަރުގެ ދެވަނަ އިމްތިހާން ކަރުދާސް ހެދުމަށް ހުރިހާ ކުދިންނެކޭ އެއްފަދައިން މަންހާވެސް ދަނީ ތައްޔާރުވަމުންނެވެ. މިފަހަރުވެސް އޭނަގެ މައިންބަފައިން ފަޚުރުވެރިވާނޭވަރުގެ ރަންވަނައެއް ސްކޫލުން ގެންނަން އޭނާ ބޭނުމެވެ.

ހެނދުނުގެ ނާސްތާކުރަމަށް ކާމޭޒު ދޮށުގައި ސަޢީދުގެ އިތުރުން ދޮށީ ދަރިފުޅު ޝިމާދުއާ، ހަގު ދަރިފުޅު މަންހާ ވެސް އިނެވެ. އެމީހުން އޮފީހަށް ދާން ތައްޔާރުވެފައިވާއިރު މަންހާ އިނީ އަމީނިއްޔާ ސްކޫލް ޔުނީފޯމްގައި ސްކޫލަށް ދިއުމަށް ތައްޔާރުވެގެންނެވެ. ޝިމާދު އާއި ޖެހިގެން ހުންނަ ކުއްޖާ ޝަރަފްވީ ރާއްޖޭން ބޭރަށް މަތީ ތަޢުލީމް ހާޞިލްކުރަންގޮހެވެ. ދެން އެންމެ އަވަހަށް އެފަދަ ފުރުޞަތެއް ލިބޭނީ މަންހާއަށްކަން އޭނައަށް އެނގެއެވެ. އެކަމަކު އޭނަ ހާޞިލް ކުރަން ބޭނުންވާ ކަންތައްތައް ވަރަށްގިނައެވެ. އެކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު ކަންތައްތައް ވަކިކުރާކަށް މަންހާއަކަށް އަދި ނޭނގެއެވެ. އެކަމާއި މާބޮޑު ވިސްނުމެއް ވެސް އޭނާ ނުގެންގުޅެއެވެ.

އެންމެ ކުޑައިރުއްސުރެން ވެސް މައިންބަފައިންނާއި އެކު ސްކޫލަށް ދިއުމަށް އާދެވެފައިވާ މަންހާ މިހާރު ވެސް ސްކޫލަށްދަނީ އޭނާގެ މައިންބަފައިންނާއިއެކުއެވެ. އެކަމަކު މިހާރު ދަނީ ދާހިތަކުންނޫނެވެ. މައިންބަފައިންނާއި އެކު ސްކޫލަށް ދިއުންވެފައިވަނީ "ކަޓު" ކަމަކަށެވެ. އެހެންވާންފެށީ، މަންހާއަށް އޭނާ ބޮޑުވެއްޖެ ކަމުގައި ހީވުމެވެ. އޭނާ ވެސް ބޭނުންވަނީ ރައްޓެހި ރަޙްމަތްތެރިންނާއެކު ސްކޫލަށް ގޮސް ގެއަށް އަންނާށެވެ. އެހެންނޫޅެވިފައި މިހާތަނަށް އޮތީ ހައްތަހާ ވެސް ވަސީމާގެ ވަރުންނެވެ. އޭނައަށް އަދިވެސް މަންހާއަކީ ކުޑަކުއްޖެކެވެ.

މިއަދުވެސް މަންހާ ގެއިން ނުކުތީ މަންމަ ވަސީމާއާއެކު ސްކޫލަށް ދިއުމަށެވެ. އާދައިގެ މަތިން ހަމަކޮންމެ ދުވަހަކުމެ ސްކޫލަށް ދަނީ ވެސް އަންނަނީ ވެސް އެއްމަގަކުންލާފައެވެ. މަންހާއަށް އެމަގުތަކާއި އެހިސާބު ގަނޑުގެ ގެތަށް ހިތުދަސްވާހާ ވެއްޖެއެވެ. ހަމައެކަނި ނޭނގެނީ އެ ގޭގޭގައި އުޅޭ މީހުންނެވެ. ވަސީމާއާއެކު މަންހާ ހިނގަމުން އައިކަމުގައި ވިޔަސް އޭނާގެ ސިކުނޑީގައިވަނީ ތަފާތު ޚިޔާލުތަކެވެ. އަމިއްލަ ދުނިޔެއެއްގައި ހުރެގެން ރީތި ދިވެހިލަވައެއް މަޑުމަޑުން ކިޔަމުން އޭނާ ދިޔައެވެ. ވަސީމާއަށް ކޮންމެވެސް ވަރަކަށް އަޑުއިވުނެއްކަމަކު އެކަން ހުއްޓުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އެއީ މަންހާގެ އާދަކަމަށް ވާތީއެވެ. ލަވައަށް ލޯބިކުރަން އޭނާ ފެއްޓީ އިއްޔެއަކު މިއަދަކު ނޫންވީމައެވެ.

މަންހާގެ ހިނގުން ކުއްލިއަކަށް ހުއްޓޭގޮތްވިއެވެ. ވަސީމާ އޭނައަށް ބަލާލަމުން ނިތްއެއްލީ ކިހިނެއްތޯވީ އަހާލާ ފަދަ ގޮތަކަށެވެ. މަންހާ ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. އެއާއެކު އަނެއްކާ ވެސް އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ނަޒަރުދޫކޮށްލިއެވެ. މަގުމަތީ ޕާކުކޮށްފައި އޮތް ކާރުން ފައިބައިގެން ގޮސް ދިހަވަރަކަށް ބުރިއަށް ނަގާފައިވާ ގޭގައި ހުރި ގަރާޖުގެ ދޮރުލައްޕާލުމަށް ފަހު އަނެއްކާ ވެސް އޭނާގެ ކާރާ ދިމާއަށް އަންނަ ޒުވާނާ މަންހާއަށް ފެނުނެވެ. އެއީ މީގެ ކުރިން މަންހާއަށް އެމަގުން ފެނުނު މަންޒަރެއްނޫނެވެ. އެހެންނަމަވެސް އެ ޒުވާނާގެ ގައިގާ މަންހާގެ ހިތް ޝައުގުވެރިކުރުވާ ފަދަ ސިފަތަކެއް ހުއްޓެވެ. އެހެންނޫނީ ހަމަގައިމު ވެސް އެ ހިތުގައި އެ ޒުވާނާ ފެނިގެން އާވިންދެއް ޖަހާކަށް ނުފަށާނެއެވެ.

މަޑުނޫކުލައިގެ އަތްދިގު ގަމީހާއި ގުޅުވާލާފައިވާ ޓައީގައި އެޒުވާނާ އަންނަ މަންޒަރު މަންހާއަށް ހީވީ ހިންދީ ފިލްމެއްގެ މަންޒަރުހެންނެވެ. ފިލްމުގެ ހީރޯ ފުރަތަމަ ފަހަރަށް ލަސް ހިނގުމުގައި އަންނަ މަންޒަރެއް ކަހަލައެވެ. މަންހާގެ ތުންފަތަށް ރަކި ހިނިތުންވުމެއްވެރިއެވެ. މަންހާގެ ނަޒަރުން އެއީ ނުހަނު ރީތި ފިރިހެނެކެވެ. މިއަދު ސްކޫލަށް ގޮސް އެންމެ ގާތް ރަޙުމަތްތެރިންނާއެކު ދައްކާނެ އައު ވާހަކައެއް ވެސް ލިބުނީއެވެ. އެ ޒުވާނާ ކާރަށް އެރިވަގުތާއި މަންހާ ކާރު ކައިރިން ހުރަސް ކަނޑާލިވަގުތާވީ އެއްވަގުތަކަށެވެ. ބޭއިޚްތިޔާރުގައި މަންހާއަށް ކާރުގެ ތެރެއަށް ބަލާލެވުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅިބައްދަލު ވެގެން ދިޔައެވެ. އެވަގުތު މަންހާގެ އަތުގައި އޮތް ލޮގްފޮތް މެޔާޖައްސާ ބާރުކޮއްލެވުނެވެ. ހިތުގެ ހިނގުމާއިއެކު ފައިގެ ހިނގުން ވެސް އަވަސްކޮށްލެވުނީ ކީއްވެކަމެއް ނޭނގެއެވެ.

މަންހާ ހުރީ ސްކޫލަށް ނުވަދެވިގެންނެވެ. ހަމަވަދެވުމާއެކު އޭނާ އިންތިޒާރު ކުރަމުން ދިޔައީ ކުލާހަށް ދެވޭނެއިރަކަށެވެ. އޭނާގެ އެންމެ ގާތް އެކުވެރިންކަމަށްވާ އަމާނީ އާއި ޝިޕްނާ އަދި އަލީޝާ އާއި ބައްދަލުކުރުމަށެވެ. އެ ތިން ކުދިންނަކީ ވެސް މަންހާއާއި އެއްކުލާހުގައި ތަޢުލީމު ހާޞިލްކުރަމުން އަންނަ ތިން ކުދިންނެވެ. އަމީނިއްޔާ ސްކޫލުގައި ތަޢުލީމު ހާޞިލްކުރަން ފެށީސުރެން މަންހާ އޭނާގެ ހުރިހާ އިޙްސާސްތަކެއްމެ ހިއްޞާކުރަމުން އައީ އެތިންކުދިންގެ މެދުގައެވެ.

"ހާއި އެލީ" އެހެން ދުވަސް ދުވަހާ ޚިލާފަށް ވަކިން ބޮޑަށް ހިނިއައިސްފައި ހުރެ ކުލާހަށް ވަން މަންހާ އަލީޝާއަށް ގޮވާލިއެވެ. އަލީޝާގެ ފަރާތުން ފެނުނީ ހައިރާންކަމެވެ.

"ހާދަ ހިނިއައިސްފަ، އަނެއްކާ މަންމަ ކޮންކަމަކާ އެއްބަސްވީ" އަލީޝާގެ ކައިރީގައި އައިސް ހުއްޓުނު އަމާނީ އަހާލިއެވެ.

"ނަތިންގ..." މަންހާ ބޭނުންވީ އޭނާގެ އެކުވެރިންލައްވާ އިތުރަށް އާދޭސްކުރުވާށެވެ. އެކަމުގެ ސަބަބުން ވެސް އޭނައަށް އިތުރު ހިތްހަމަޖެހުމެއް ލިބޭތީއެވެ.

ތާވަލާއެއްގޮތަށް ކުލާސްތަކުގެ ކިޔެވުން ކުރިއަށްދިޔައެވެ. ކުލާހުގެ ދެވަނަގޮޑިބަރީގައި އިށީނދެތިބި ކުދިންގެ ތެރޭގައި މަންހާ އާއި އޭނާގެ އެކުވެރިން ތިއްބެވެ. އިރުއިރުކޮޅާ މަންހާއަށް ގޮވާލަމުން އާދޭސްކޮށްލާނެއެވެ. މަންހާގެ ޚަބަރު އޮޅުންފިލުވުމުގެ ބޭނުމުގައެވެ. މަންހާ ލާނެތް ހިނިތުންވުމެއް ނޫނީ ނުދެއެވެ. އެހެންނަމަވެސް އެގޮތަށް މަންހާއަށް ހިފަހައްޓާލެވުނީ "ބްރޭކް" ގަޑި ޖެހެންދެންނެވެ.

"އައި ސޯ ސަމްވަން" ވަރަށް ލަދުރަކި ފާޑަކަށް ހިނިއައިސްފައި ހުރެ އެންމެ ފަހުން މަންހާ ބުނެލިއެވެ. އެއާއެކު ކައިރީގައި ތިބި ތިންކުދިން ގެ މޫނުމަތިން ހައިރާންކަން ފެނުނެއްކަމަކު އެމޫނުތައް އުޖާލާވެގެންދިޔައެވެ.

"ކާކު...އަނެއްކާ ކާކުތަ އެއީ" ކެތްތެރިކަން ކުޑަ ގޮތަކަށް ޝިފްނާއަށް އަވަހަކަށް އަހާލެވުނެވެ.

"އިޒް ހީ ރިއަލީ ހެންޑްސަމް" ހަމައެވަގުތު އަމާނީއަށް ވެސް އަހާލެވުނެވެ. ތިން ކުދިން އެކަކު އަނެކަކަށް ބަލާލަމުން ހޭންފެށިއެވެ.

"ކަމޯން އައި ޖަސްޓް ސޯ ހިމް، އިޓް ވޯސް ނަތިންގ" މަންހާއަށް އޭނާގެ ރަޙުމަތްތެރިންގެ ހިތަށް އެއެރީ ކީކޭކަން އެނގުނީ ކަންނޭނގެއެވެ.

"ދެން ކިޔާދީބަލަ، ކޮންތާކުންތަ ފެނުނީ، ވަރަށް ސަޅިތަ.... އެންމެ ފަހުން.... ފައިނަލީ މަންކޮއަށްވެސް ކަމުދާ ކަހަލަ ފިރިހެނެއް ފެނިއްޖެ ދޯ" އަލީޝާ ހެމުން ހެމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

"ވަރަށް ސަޅި، ވަރަށް ސްމާޓް، ފެނިފަ އަހަރެން ހިތަށް އެރި މަގޭ ދެފައި ވެސް އޮޅިދާނެޔޭ، އޯ ގާރލްސް! ދުވަހަކުވެސް ނުދެކެން އެފަދަ ފިރިހެނެއް، ހާދައޭ ފިރިހެންވަންތައީ...." މަންހާ ދެއަތް ޖޯޑުކޮށްލަމުން ގެނެސް މޭގައި ޖައްސާލަމުން އޮޅެމުން ކަހަލަ ގޮތަކަށް ބުނަމުންދިޔައެވެ.

"އަދިވެސް ނުބުނަމެއްނު އޭނާއާ ދިމާވީ ކިހިނެއް ކަމެއް؟" ޝިފްނާ ބުނެލިއެވެ.

"ސްކޫލަށް އައި މަގުމަތީގަ، ޕްރައިވެޓް ކާރަކުން ފައިބައިގެން ގޮސް އޭނާގެ ގޭގެ ގަރާޖު ލައްޕާފަ ކާރަށް އަރަން އަންނަނިކޮށް ފެނުނީ، އެހެރަ ހިނގުމެއް ޝިފޫ، އޭނާ ފެނުމުން އަހަރެންގެ ހިތަށް ނޭނގެ ވީގޮތް ވެސް، ހިތަށް އަރާ ސްކޫލް ނިންމާފަ ދާގަޑީގައި ވެސް ފެންނާނެ ނަމައޭ" މަންހާގެ ހިތުގައިވާ އެއްޗެއް ހާމަކޮށްލިއެވެ.

"ސާބަސް، އަދި ތިވަރު ވާކަށް ނުވެއެއްނު، މަންހާއަށް އަދި ނޭނގޭ އެއީ ކޮންނަމެއް ކިޔާ ކާކު ކަމެއް ވެސް، އަނެއްކާ މަންކޮއާ ބަލާފަ އޭނާ ކިހާ ބޮޑުވާނެ" އަމާނީ ބުނެލިއެވެ.

"އެއީ މައްސަލައެއް ނޫނެއްނު، އެ ބުނީނު ވަރަށް ސަޅިއޭ، މަށަށް އޯކޭ ވަރަށް ސްމާޓް ހެންޑްސަމް ގައިއެއް ލިބެނިކޮށް" އަލީޝާ އޭނަގެ ޚިޔާލު ފާޅުކުރިއެވެ. (ނުނިމޭ)