ކުޅިވަރު

ސެވިއްޔާއަށް މޮޅު ނުވެވުމުން ބާސާ އަލުން އެއްވަނަ މަގާމަށް

ވިޔަ ރެއާލްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ކާމިޔާބު ކޮށް، ސްޕެނިޝް ލީގްގެ ތާވަލުގެ އެއް ވަނައަށް އެފްސީ ބާސެލޯނާ ޖެހިލައިފި އެވެ.

ބާސާއަށް އަލުން އެއްވަނަ މަގާމު ލިބުނީ، ބާސާ އާއި ވިޔަރެއާލް ކުޅުނު މެޗަށް ފަހު ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށް ކުޅުނު މެޗުން ސެވިއްޔާއަށް މޮޅު ނުވެވުމުންނެވެ. ސެވިއްޔާ އާ އަލަވޭޒްގެ މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

ބާސާގެ ފުރަތަމަ ލަނޑު، މެޗުގެ 36 ވަނަ މިނެޓްގައި، ޑިފެންޑަރު ޖެރާޑް ޕީކޭ ބޮލުން ކާމިޔާބު ކުރީ، އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ބޯޅައިންނެވެ.

އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓްގައި ޒުވާން ކުޅުންތެރިޔާ ކާލޭސް އަލީނިއާ ކާމިޔާބު ކުރީ މެސީ ދިން ހިތްގައިމު ތުރޫ ޕާހަކުންނެވެ.

އަލަވޭޒް އާ ސެވިއްޔާ ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ، އަލަވޭޒްއިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖޯނީ އެވެ. ސެވިއްޔާ އެއްވަރު ކުރި ލަނޑު 78 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވަސީމް ބެން ޔާޑެރު އެވެ.

ރޭ ޖިރޯނާއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިދިޔަ ސީޒަންގައިވެސް، ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗުގައިވެސް އެތުލެޓިކޯއަށް ޖިރޯނާ އަތުން މޮޅު ވެވިފައެއް ނުވެ އެވެ.