ވިޔަފާރި

ތައިލެންޑުގެ މަހުޖަނަކު ރާއްޖޭން ރިސޯޓެއް ގަނެފި

Dec 3, 2018
2

މުނިފޫހި ފިލުވުމުގެ އިންޑަސްޓްރީގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ ތައިލެންޑުގެ މަހުޖަނެއް ކަމަށްވާ ވިޗާ ޕޫލްވަރަލަކް ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ގަނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން ތައިލެންޑުގެ ސިނަ ޕްލެކްސް ގްރޫޕު ވެރިޔާ ވިޗާ ރާއްޖޭން ގަނެފައިވަނީ 39 ލަގްޒަރީ ވިލާގެ ރިސޯޓެވެ. މި ރިސޯޓުގެ އިތުން ތައިލެންޑުގެ ޕުކެޓުން ވެސް ރިސޯޓެއް ގަނެފައިވެ އެވެ.

ވިޗާ ވިދާޅުވީ އޭނާ ގަނެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ބުކިން ވެބްސައިޓް ކަމަށްވާ ޓްރިޕްއެޑްވައިޒާގައި އެންމެ މަތިން ރޭޓްކޮށްފައިވާ ލަގްޒަރީ ރިސޯޓެއް ކަމަށެވެ. ނަމަވެސް، ރާއްޖޭން ވިޗާ ގަތް ރިސޯޓުގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އަހަރެން ވަރަށް އުފާވެ ވާދެވެރި މާކެޓެއްގައި މި ވިޔަފާރި ކުރަން. ބޭނުންވަނީ ޓޫރިޒަމް ސިނާއަތަށް އާ ހިޔާލުތަކުގެ ބަދަލެއް ގެންނަން،" ވިޗާ ވިދާޅުވެފައިވެ އެވެ.

ތައިލެންޑުގެ ވިޔަފާރިވެރިއެއް ރާއްޖޭގެ ރިސޯޓެއް ގަތްއިރު، ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސިންގަ ގްރޫޕާއި އެ ގައުމުގެ ޓޫރިޒަމްގައި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސެންޓާރާ ގްރޫޕުން ވެސް ރާއްޖޭގައި އިންވެސްޓްކޮށްފައިވެ އެވެ.

ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ގަތް ވިޗާ ޕޫލްވަރަލަކްއަކީ ފޯބްސް އިން އެކުލަވާލި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ލިސްޓުގެ 49 ވަނާގައި ހިމެނޭ މަހުޖަނެކެވެ. އަދި ތައިލެންޑުގެ އެންމެ މުއްސަނދި 50 މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާގެ ރައުސުލްމާލު 469 މިލިއަން ޑޮލަރަށް އަރަ އެވެ.