ހަބަރު

ކޮމަންވެލްތާ އަލުން ގުޅޭ މައްސަލަ ކޮމިޓީއަށް

ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވުމާ ބެހޭ މައްސަލަ ރައްޔިތުން މަޖިލީހުން ބަލައިގަނެ، މަޖިލީހުގެ ދާއިމީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ކުރީ ސަރުކާރުން ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެގޮތަށް ފާސްކޮށްފައި ވަނީ އޮކްޓޮބަރު 19، 2016 ވަނަ އަހަރުގަ އެވެ. އެއީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވައި، ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުފޫޒު ފޯރުވާތީ ކަމަށް ބުނެ އެވެ.

ނަމަވެސް ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގަ ވައުދެކެވެ. އެގޮތުން މިދިޔަ މަހު 19 ވަނަ ދުވަހު އެމަނިކުފާނުގެ ކެބިނެޓުން ވަނީ ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފަ އެވެ. ނަމަވެސް ބޭރުގެ ޖަމާއަތްތަކާ ރާއްޖެ ބައިވެރިވެވޭނީ ރައްޔިތުން މަޖިލީހުގެ ރުހުން ހޯދައިގެނެވެ.

ސުލްހަޔަށާއި ޑިމޮކްރަސީ ހަރުދަނާކޮށް ހަމަހަމަކަން ގާއިމު ކުރުމަށްޓަކައި 1949 ވަނަ އަހަރު އިނގިރޭސިވިލާތުން އުފެއްދި ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1982 ވަނަ އަހަރުގަ އެވެ. އެ ޖަމާއަތުގެ މެންބަރެއްގެ ގޮތުގައި 34 އަހަރު ހޭދަ ކުރި އިރު ކޮމަންވެލްތުގެ ފިޔަވަޅު އަޅާ އެޖެންޑާގައި ރާއްޖެ ތިން ފަހަރު ހިމެނުނެވެ. އެއަށް ފަހު ހަރުކަށި ފިޔަަވަޅުތަކުގެ އިންޒާރުވެސް ދިނެވެ.

ނަމަވެސް ކޮމަންވެލްތަކީ ރާއްޖެއަށް ތައުލީމީ ދާއިރާއާ ކުޅިވަރު ދާއިރާއާ، ގާނޫނީ ދާއިރާގެ އިތުރުން ފަންނީ ދާއިރާގައި ވެސް ރާއްޖެއަށް ތަފާތު ގޮތްގޮތުން އެހީވާ ޖަމާއަތެކެވެ.