ކޮމަންވެލްތު ޖަމިއްޔާ

ސީއޭޕީއޭސީގެ ވައިސް ޗެއާއަކަށް ނާޝިޒް އައްޔަނުކުރައްވައިފި

ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީސް (ސީއޭޕީއޭސީ) ގެ ވައިސް ޗެއާގެ މަގާމަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އައްޔަނު ކުރައްވައިފި އެވެ.

އިއްޔެ ބޭއްވި ސީއޭޕީއޭސީގެ ޖެނެރަލް މީޓިންގައި އެކްޒެކެޓިވް ކޮމިޓީ މެމްބަރަކަށް ނާޝިޒް އައްޔަނުކުރެވިގެން ދިޔަ އެވެ. އެހެންނަމަވެސް ފަހުން ވަނީ އެކޮމިޓީގެ ވައިސް ޗެއާގެ މަގާމަށް އައްޔަނު ކުރައްވާފަ އެވެ. އޭނާ އަކީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރެވެ. އަދި ބަޖެޓް ކޮމެޓީގެ މުގައްރިރު ކަންވެސް ކުރައްވާފައިވެއެވެ.

ސީއޭޕީއޭސީ އަކީ 2015 ވަނަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެމްބަރުން އެގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާ އެކު ނިންމުންތައް ނިިންމުމަށް ހިތްވަރު ދިނުމަށް އުފެދިގެން އައި ކޮމިޓީއެކެވެ. އަދި މާލީ ގޮތުން ސަރުކާރުތައް ޒިންމާދާރު ކުރުމުގައި ފުރިހަމަ ގޮތްތަކެއް ނިންމަން ވެސް މިކޮމިޓީ އިން ބާރުއަޅައެވެ.

ސީއޭޕީއޭސީގައި މިވަގުތު 40 ގައުމަކުން ބައިވެރިވެފައި ވެއެވެ. އެކޮމިޓީގެ ޗެއާގެ މަގާމުގައި މިހާރު އިންނެވީ ޔޫކޭގެ ޕާލިމެންޓް މެމްބަރު މެގް ހިލާ އެވެ.