ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުން، މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެ ޖަމިއްޔާގެ އެހީތެރިކަމާއެކު ލުއި ލިބިގެންދާނެ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ކޮމަންވެލްތާއެކު ސާޅީހަކަށް އަހަރު ކުރި ބުރަ މަސައްކަތްތަކެއް ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކައި ކަނޑާލީ ރައްޔިތުންނަށް ލިބޭނެ އެއްވެސް ގެއްލުމަކަށް ނުވިސްނާ ކަމަށެވެ. އެ ޖަމިއްޔާގައި ރާއްޖެ އޮތުމުގެ ސަބަބުން އޭގެ ފައިދާ ރައީސް ޔާމީނަށް ވެސް ލިބި ވަޑައިގަންނަވާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނުގެ ބަންދަށް ލުއި ލިބިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު ރައީސް ޔާމީން ޖަލުގައި އޮންނެވި އިރު މި ގުޅުން މިގޮތަށް އޮތިއްޔާ އެ ބޭފުޅާއަށް ވެސް އޭގެ އެހީތެރިކަން ލިބޭނެ. މީގެ ދަށުން އެ ބޭފުޅާއަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ،" މުހައްމަދު ވިދާޅުވި އެވެ.
ރާއްޖެ ކޮމަންވެލްތާ ގުޅުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1982 ވަނަ އަހަރުގަ އެވެ. އޭގެ 34 އަހަރު ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ޖަމިއްޔާއިން ރާއްޖެ ވަކިވާން ނިންމީ ރާއްޖެއާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ ތިން ފަހަރުގެ މަތިން އެޖެންޑާގައި ހިމަނާފައި ވަނިކޮށެވެ. އޭރުގެ ސަރުކާރުން ބުނީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމީ އެ ޖަމިއްޔާގެ ޗާޓަރުން ބޭރުން ނުފޫޒު ފޯރުވާތީ އެވެ.
އެހެން ނަމަވެސް އަލުން ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖެއިން ވަނީ އެ ޖަމިއްޔާގައި އަލުން ބައިވެރިކޮށްފަ އެވެ.