ހަބަރު

ކޮމިޝަނަށް ބާރުދޭ ބިލާ ދެކޮޅަށް ޕީޕީއެމް މެންބަރުން އިހުތިޖާޖު ކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަންއަށް ބޮޑެތި ބާރުދޭ ބިލާ ދެކޮޅަށް ޕީޕީއެމް މެންބަރުން އިހުތިޖާޖު ކުރަން ފަށައިފި އެވެ. ޕީޕީއެމް މެންބަރުން ރިޔާސަތު މޭޒު ދޮށަށް ގެންދަވަނީ އަޑު އުފުއްލަވަމުންނެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭންގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް ސޯލިހު އުފެއްދެވި ކޮމިޝަންއަށް ބާރުތަކެއް ދޭ ބިލަކީ އެއީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ޕީޕީއެމް މެންބަރުން ވަނީ ބަހުސް މަރުހަލާގައި ވިދާޅުވެފަ އެވެ. އެ ބިލަށް ވޯޓަށް އެހުމަށް މިއަދު 1:30 ގައި މަޖިލިސް ފެށުމާއެކު ޕީޕީއެމް މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކޮށް އަޑުގަދަ ކުރަން ފަށައިފަ އެވެ. އަދި ބިލަށް ވޯޓަށް އަހުމަށް ހުރަސް އަޅާފަ އެވެ.

ނަމަވެސް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އެ ބިލްއަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ނޫން ކަމަށް މަޖިލީހުގެ ކައުންސިލާ ޖެނަރަލް އިން ލަފާ ދީފައިވާ ކަމަށެވެ. އަދި ގާނޫނާ ހިލާފު ކަމެއް އޮތްނަމަ އެ ބިލުގެ މަސައްކަތް ކުރިޔަށް ނުގެންދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޕީޕީއެމް މެންބަރުން އިހުތިޖާޖު ކުރުން ހުއްޓާލުމަށާއި ވޯޓަށް އަހަން ފުރުސަތު ދިނުމަށް ގާސިމް ތަކުރާރުކޮށް ގޮވާލި އެވެ. ނަމަވެސް މެންބަރުންގެ އިހުތިޖާޖު އެބަ ކުރިޔަށް ދެ އެވެ. ނަމަވެސް މަޖިލީހުގެ ޓީވީ ފީޑު މިހާރު ވަނީ ކަނޑާލައިފަ އެވެ.

އެ މައްސަލާގައި ގާސިމް މިހާރު އަންނަނީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރަމުންނެވެ. އެއަށް ފަހު މަޖިލީހުގެ ޖަލްސާއެއް ފަށާނެ އެވެ.