ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ މިނިސްޓަރުންގެ ތެރެއިން އެ މިނިސްޓަރަކު ހިންގަވާ މިނިސްޓްރީއަކާ މަސްލަހަތު ފުށުއާރާނެ ވިޔަފާރިއެއްގައި ހިއްސާ އޮތް ނަމަ އެ ހިއްސާއެއް ދޫކޮށްލަން ޖެހޭ ގޮތަށް ހަދަން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
މިނިސްޓަރުންނަށް ރުހުން ދިނުމާ ބެހޭ މައްސަލަ ދިރާސާ ކުރާ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ވަނީ އެ ފަރާތްތަކުގެ ވިޔަފާރިތަކާ ގުޅޭ ލިޔުންތައް އިކޮނޮމިކް މިނިސްޓްރީ ފަރާތުން ހުށަހަޅާފަ އެވެ. އެ ލިޔުންތަކުގައިވާ ގޮތުން ބައެއް މިނިސްޓަރުން މިހާރު ހަވާލުވެ ހުރި މިނިސްޓްރީތަކާ މަސްލަހަތު ހުރި ވިޔަފާރިތަކުގެ އެ މިނިސްޓަރުންގެ ހިއްސާ އޮވެ އެވެ.
އެ މައްސަލާގައި ކޮމިޓީއިން ނިންމާފައި ވަނީ އެއްވެސް ކުންފުންޏެއްގެ މަގާމެއްގައި ނުވަތަ އެފަދަ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރާނަމަ އެ ފަރާތެއް ކުންފުނިން ވަަކިވާން ޖެހޭނެ ކަމަށާއި ހަވާލުވެ ހުރި މިނިސްޓްރީތަކާ މަސްލަހަރު ފުށުއަރާ ކުންފުންޏެއްގައި ހިއްސާ އޮތް ނަމަ، 14 ދުވަސް ތެރޭގައި ހިއްސާ ދޫކޮށްލަން ހުށަހެޅުމެވެ.
ކޮމިޓީގައި ބައިވެރިވި މެންބަރުންގެ ހިޔާލު އެކަމަށް އެއްގޮތްވެފައިވާތީ އެ ކޮމިޓީއިން ވަނީ އެގޮތަށް ނިންމައިފަ އެވެ. އަދި ހުރިހާ މިނިސްޓަރުންނަށް ރުހުންދިނުމަށް ވެސް އެ ކޮމިޓީއިން މިއަދު ވަނީ ނިންމައިފަ އެވެ.