ކުޅިވަރު

ޔޫރަޕުގެ ގިނަ ކުލަބުތަކަށް ފުރުސަތު ދޭން "ޔޫރޮޕާ ލީގް 2"

ޔޫރަޕްގެ އިތުރު ގައުމު ތަކުގެ ކުލަބުތަކަށް، ޔޫއެފްއާ ކުލަބު މުބާރާތްތަކުން ފުރުސަތު ދޭން "ޔޫރޮޕާ ލީގް 2" ގެ ނަމުގައި އެ ބައްރުގެ މައި ފުޓްބޯޅަ އިދާރާ ޔޫއެފާއިން ތިން ވަނަ ކުލަބު މުބާރާތެއް ތައާރަފުކޮށްފި އެވެ.

ޔޫރަޕުގެ އާ ކުލަބު މުބާރާތް ފަށާނީ 2021 ވަނަ އަހަރު އެވެ. މިހާރު އޮތް ގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް އެ މުބާރާތް ކުރިއަށް ދާނެ އެވެ. އެ ކުލަބު މުބާރާތުގެ ނަމަށް "ޔޫރޮޕާ ލީގް 2" ނަމުން ނަން ދީފައި ވީނަމަވެސް އެ މުބާރާތުގެ ނަން ބަދަލު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޔޫއެފާއިން ބާއްވާ ކުލަބު މުބާރާތްތަކުގެ ތެރެއިން މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ޝަރަފުވެރި ކުލަބު މުބާރާތް ޔޫއެފާ ޗެމްޕިއަންސް ލީގްގައި 32 ކުލަބުން ވާދަ ކުރެ އެވެ. ޔޫއެފާގެ ދެ ވަނަ ފަންތީގެ މުބާރާތް، ޔޫރޮޕާ ލީގްގައި 48 ޓީމު މިހާރުވެސް ވާދަ ކުރެ އެވެ. އާ ކުލަބު މުބާރާތް ފެށުމުން ޔޫރޮޕާ ލީގްގައިވެސް ވާދަ ކުރާނީ 32 ޓީމެވެ. އަދި އަލަށް ފަށާ ކުލަބު މުބާރާތުގައިވެސް ހިމެނޭނީ 32 ޓީމެވެ.

ޔޫއީއެލް 2 ކުރިއަށް ދާނީ ކިހިނެއް؟

ގުރޫޕް ސްޓޭޖުގައި ހިމެނޭނީ އަށް ގުރޫޕެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ގުރޫޕްގެ އެއް ވަަނައަށް ދާ ޓީމު ދާނީ ސީދާ ގަދަ 16 ބުރަށެވެ.

ގަދަ 16 ގެ ބުރުގެ ކުރިން، ގުރޫޕްތަކުގެ ދެ ވަނަ އަށް ދާ ޓީމުތަކަށް އިތުރު ފުރުސަތެއް ދިނުމަށް ޓަކައި އެހެން ބުރެއް ކުޅެވޭނެ އެވެ. އެ ބުރުގައި ގުރޫޕްގެ ދެ ވަނަ މާގަމުގައި ހިމެނުނު ޓީމުތަކާ ވާދަ ކުރަން އަންނާނީ ޔޫރޮޕާ ލީގްގެ ގުރޫޕް ސްޓޭޖުގެ ގުރޫޕްގެ ތިން ވަނަ ހޯދާ ޓީމު ތަކެވެ.

އާ ކުލަބު މުބާރާތުގެ މެޗުތައް ކުޅޭނީ ބުރާސްފަތި ދުވަހު އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ޖެހިގެން އަންނަ އަހަރުގެ ޔޫރޮޕާ ލީގުން ޖާގަ ލިބިގެންދާނެ އެވެ.

ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފްރިން ވިދާޅުވީ އާ ކު ލަބު މުބާރާތް ތައާރަފު ކުރީ ގިނަ ކުލަބުތަކަށް ފުރުސަތު ދިނުމަށް ގިނަ ފަރާތްތަކަކުން ހުށަހަޅަމުންދާތީ ކަމަށެވެ. އަދި ޔޫރަޕްގެ ކުލަބުތަކަށް ވީހާވެސް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.