އުމުރުން 65 އަހަރުގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އުވާލާ ކުރިން އޮތް ގޮތަށް ބަދަލު ކުރަން މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި ކުރިން ބުނެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް 2015 ވަނަ އަހަރުގައި އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއީދާއެކު 65 އަހަރުން މަތީ މީހުންނަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރި އެވެ. އެއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިހާރު މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ދޮރުތައް ބަންދުވި އެވެ.
ނަމަވެސް ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވަނީ ކުރިން އޮތް ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރަން ހުށަހަޅާފަ އެވެ. ހުށަހެޅި ބިލު އަވަހަށް ކުރިޔަށް ގެންދިޔުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓެއް ނަގާ ފާސް ކުރި އެވެ. އެއަށް ފަހު މަޖިލީހުން އެ ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާގައި ވެސް އޮތް ގޮތަށް ފާސްކުރަން ނިންމީ 15 މިނެޓު ތެރޭގަ އެވެ. އެއަށް ފަހު ގާނޫނު އަސާސީ ބަދަލު ކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނު އަސާސީއަކީ އެހާ ފަސޭހައިން ބަދަލު ކުރެވޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި އަވަސް އަރުވާލައިގެން ކުރިޔަށް ގެެންދިޔުމާ ދެކޮޅަށް ބައެއް އެމްޑީޕީގެ މެންބަރުން ވާހަކަދެއްކެވި އެވެ. އަދި އެގޮތަށް ގާނޫނު އަސާސީ ބަދަލު ކުރާތީ އެ މެންބަރުން ކަންބޮޑުވުން ފާޅު ކުރި އެވެ.