ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭންގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަންއަށް ބާރު ދޭ ބިލުގައި ތާރީހު ކަނޑައަޅާފައިވާ ގޮތާ ހެދި ޕީޕީއެމްގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން، ހުށަހަޅާފައިވާ "ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް"ގައިވާ ގޮތުން އެ ދެ ކޮމިޝަނުން ބަލާނީ 1 ޖެނުއަރީ 2012 އިން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް މަރާލާފައިވާ ފަރާތްތަކާއި ގެއްލުވާލާފައިވާ ފަރާތްތަކުގެ ތެރެއިން އެކަށީގެން މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތަކާއި އެ މުއްދަތުގައި ދައުލަތުގެ އިސްވެރިން ހިޔާނާތްވި މައްސަތައް ކަމަށެވެ.
އެ ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބިލު ފަރުމާކޮށްފައި ވަނީ ހަމައެކަނި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރޭގައި ހިނގާފައި ހުރި ކަންކަން ތަހުގީގު ކުރުމަށް ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ރައީސް މައުމޫން ސަރުކާރުގައި ހިނގާފައި ހުރި އެފަދަ ކަންކަން ތަހުގީގު ނުކުރާތީ ކަންބޮޑުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. "އެމްޑީޕީގެ ބަޔަކު ތިބި" އެ ކޮމިޝަންތަކުން ބަލާ މައްސަލަތައް އިންސާފުވެރިވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ތާރީހު މި އޮތް ގޮތުން މިއީ މަޖިލީހަށް ބަލައިގަނެވޭނެ ބިލެއް ވެސް ނޫން، ކީއްވެގެންތޯ މީގައި ރައީސް މުހަައްމަދު އަމީން ސަރުކާރާއި ރައީސް އިބްރާހިމް ނާސިރު ސަރުކާރާއި ރައީސް މައުމޫން ސަރުކާރު އަދި ނަޝީދު ސަރުކާރުގައި ހިނގި ކަންކަން ތަހުގީގު ނުކުރަނީ އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުން ވެސް އަދިވެސް ދުނިޔޭގައި އެބަތިބި، އެހެންވެ މި ބިލު ހުށަހަޅާފައިވާ މަގްސަދާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވިދާޅުވީ މިއީ ސީދާ ރައީސް ޔާމީން ސަރުކާރުގެ އިސްވެރިން ޖަލަށް ލުމަށް ހުށަހެޅި ބިލެއް ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާނެ ބޭފުޅުން އެ ކޮމިޝަނުން ހައްޔަރު ކުރުމުގެ ބޭނުމުގައި ކުރާ ބިލެއް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ މި ބިލު ހުށަހަޅާއިރު އެންމެ ކުރީގައި ރައީސް ޔާމީންގެ ނަމާއި އަބްދުއްރަހީމްގެ ނަމާއި އަޅުގަނޑުގެ ނަން ވެސް ހިމަނާލައިގެން މި ބިލު ފާސް ކުރަން، ދެން އެނޫނީ ވަކި ތާރީހެއް ކަނޑައެޅުމަށް ވެސް ފަސޭހަ ވާނެ ނޫންތޯ،" ފަލާހު ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވީ ބިލަކީ އުފެދުމުގައި ވެސް ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. އަދި ބިލު މަޖިލީހަށް ބަލައިގަނެވިގެން ވެސް ނުވާނެ ކަމަށާއި އެގޮތަށް ވަކި ބަޔަކަށް އަމާޒުކޮށް ތާރީހުތަަކެއް ކަނޑަނޭޅޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
ދެ ކޮމިޝަނަށް ބާރު ދޭ ބިލާ ދެކޮޅަށް ޕީޕީއެމް އިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އަދި އެ ބިލު ބަލައިގަަތުމަށް ވޯޓަށް އެހުމަށް ވެސް ހުރަސް އަޅާ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށްފަ އެވެ.