ގަވާއިދާ ހިލާފަށް އަމަލު ކޮށްފައިވުމުން، ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' އަށް އެފްއޭއެމުން ނަސޭހަތްތެރި ވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ، ދިވެހި ޕްރިމިއާ ލީގްގެ ފަހު މެޗަށް ފަހު ޓީސީ ސްޕޯޓްސް ކުލަބުން، ލީގްގެ ޗެމްޕިއަން ޝިލްޑް އުފާލަލިރު މޯ ވަނީ ޓީސީގެ "ޗެމްޕިއަން ޓީޝާޓް" ލައިގެން ހުރެ ޓީސީގެ ސަފުގައި ހުރެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރި ވެފަ އެވެ.
އެކަމާ ގުޅިގެން، މޯ އަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. އެފްއޭއެމުން މިއަދު އާންމު ކުރި ބަޔާނުގައި ބުނީ އެ މައްސަލައާ ގުޅިގެން "އެފަދަ ކަމެއް ދެ ވަނަ ފަހަރު ތަކުރާރު ނުކުރުމަށް އަންގައި، މުހައްމަދު އީސާ އަށް ނަސޭހަތްތެރި ވެފައި ވާނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އެފްއޭއެމުން އެފަދަ މައްސަލަތައް ބާލާނެ ކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މޯ އަކީ ކުރިން ޓީސީގެ މެނޭޖަރެވެ. މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް މުބާރާތް ކާމިޔާބު ކުރިއިރު މޯ ވަނީ އެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. މިދިޔަ އަހަރު ގައުމީ ޓީމުގެ މެނޭޖަރު ކަމުގެ މަގާމާ އޭނާ ހަވާލުވީ ޓީސީގެ މެނޭޖަރު ކަމުން އިސްތިއުފާ ދިނުމަށް ފަހު އެވެ.
ކުލަބު ތަކުގެ ހަރަކާތްތަކުގައި ގައުމީ ޓީމުގެ އޮފިޝަލުން ބައިވެރިވުމުން ފާޑު ކިޔުން އަމާޒު ވެއެވެ. ގައުމީ ޓީމުގެ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމާ ގައުމީ ޓީމު ކަންކަމުގައި އިންތިޒާމުތައް ހަމަޖެއްސުމަށް އެފްއޭއެމުން ވާނީ "ނޭޝަނަލް ޓީމުސް ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދާފަ އެވެ.
އެ ކޮމިޓީގެ ރައީސްކަން ކުރައްވާ އަލީ ނާޝިދު "އޮގަރު އައްޔަ" ވެސް ކުލަބުތަކުގެ ހަރާކަތްތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައިވެރިވެ އެވެ. މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އާލީ ނާޝިދު ވަނީ އެ މުބާރާތުގައި ވާދަ ކުރި ޖޭޖޭ ސްޕޯޓްސް ކުލަބުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް އޭނާ އާ މެދު އެފްއޭއެމުން ފިޔަވަޅެއް އަޅާފައި ނުވެ އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ، ހުސައިން ޖަވާޒު ވިދާޅުވީ މުހައްމަދު އީސާ އަށް ފިޔަވަޅު އަޅާފައި ވަނީ އޭނާ އަކީ ފުލް ޓައިމްކޮށް ގައުމީ ޓީމުގެ މަސައްކަތަށް ހާއްސަކޮށްފައިވާ މީހެއް ކަމަށް ވުމުން އޭނާގެ ޒިންމާ ބޮޑުވުމުން ކަމަށެވެ.
ނެޝަނަލް ކޮމީޓީގެ ޗެއާމަން އާލީ ނާޝިދު އާ މެދު ފިޔަވަޅު އަޅާފައި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ޖަވާޒު ވިދާޅުވީ، އޭނާ މަސައްކަތް ކުރީ ދެ ވަނަ ޑިވިޝަންގައި ކަމަށެވެ. އަދި ގޯލްކީޕަރު ޓްރެއިނަރުން ފަދަ މުހިންމު ޓެކްނިކަލް މަގާމުތަކުގައި ތިބި މީހުން ރާއްޖޭގައި މަދުވުމުން ކުލަބުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ އެ ފަރާތްތަކަށް އޮންނަ ކަމަށެވެ.