ހަބަރު

ދީނީ ޗެނަލް ހަދަން ދިން ފައިސާތަކެއް ވެސް ގެއްލިފައި

Dec 3, 2018
1

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އުފެއްދި ދީނީ ޗެނަލް، މުންނާރު އުފައްދަން މިނިސްޓްރީން ދޫކުރި ފައިސާތަކެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ. އެ ފައިސާއަކީ ޒަކާތު ފަންޑުން ދޫކުރި ފައިސާތަކެކެވެ.

ދީނީ ޗެނަލްގެ އިކްއިޕްމެންޓް ގަތުމަށް މިނިސްޓްރީން ޕީއެސްއެމްއަށް 7.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށް 2017 ވަނަ އަހަރުގެ އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ ފައިސާގެ ތެރެއިން 1.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ވީގޮތެއް ނޭނގޭ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.

ރިޕޯޓްގައިވާ ގޮތުން އިކްއިޕްމެންޓް ގަތުމަށް ހަރަދުކޮށްފައިވަނީ 1.6 މިލިޔަން ރުފިޔާ އެވެ. އެހެންކަމުން ޕީއެސްއެމްއިން އެ ފައިސާ ޖަމާކުރި އެކައުންޓްގައި ބާކީ 6.2 މިލިއަން ރުފިޔާ ހުންނަން ޖެހޭނެ އެވެ. ނަމަވެސް އެ އެކައުންޓްގައި ހުރީ 4.8 މިިލިޔަން ރުފިޔާ ކަމަށް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި އިތުރަށް ފާހަގަކުރި ގޮތުގައި މިނިސްޓްރީން ދޫކުރި 7.9 މިލިއަން ރުފިޔާ ޕީއެސްއެމްއިން ހަރަދުކުރި ގޮތް ހޯދުމަށް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ދީނީ ޗެނަލް އުފެއްދި ގޮތް ވެސް ރަނގަޅު ނޫން ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ ޗެނަލް އުފެއްދީ ޕީއެސްއެމްއިން ބޭނުން ކުރަމުން ދިޔަ ޗެނަލެއްގެ ނަން "މުންނާރު ޓީވީ" އަށް ބަދަލުކޮށްލައިގެންކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އަދި ކުރިން ބޭނުން ކުރަމުންދިޔަ "ދީނުގެ އަޑު" ރޭޑިއޯ ޗެނަލްގެ ނަން ބަދަލުކޮށްލައި އެއްވެސް ދީނީ ރޭޑިއޯ ޗެނަލްއަށް ހެދި ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.

މިކަން ހިނގިއިރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޑރ. އަބްދުﷲ ޒިޔާދެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އިބްރާހިމް ހަލީލެވެ.