ހަބަރު

ވަގުފު ފަންޑަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި

Feb 23, 2020
2

ރާއްޖޭގެ މިސްކިތްތަކަށް ހަރަދު ކުރުމަށް ގާއިމްކޮށްފައިވާ ވަގުފް ފަންޑަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ސަރުކާރުން ގާއިމުކުރި އޮފީސް އިމާރާތް "ދާރުލް އީމާން"އަށް ކުލީގެ ގޮތުގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރި، އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2018 ވަނަ އަހަރުގެ ނިޔަލަށް މިނިސްޓްރީން ބަލަހައްޓާ ވަގުފު އިމާރާތުން ކުލީގެ ގޮތުގައި ޖުމްލަ 6،360،000 ލިބިފައިނުވާ ކަމަށެވެ.

އެގޮތުން، އެ އިމާރާތުގެ ހަ ވަނަ ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަނަށް އަށް މިލިއަން ރުފިޔާއަށް ދިނުމަށް އެއްބަސްވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އޭގެ ތެރެއިން ހަ މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެކަމަށް އޮތް ނަމަވެސް، އެ ކުންފުނިން ދައްކާފައިވަނީ އެންމެ ދެ މިލިއަން ރުފިޔާ އެވެ. އައިލެންޑް އޭވިއޭޝަނުން ދައްކަންޖެހޭ ބާކީ ހަ މިލިއަން ރުފިޔާ 2018 ގެ ނިޔަލަށް ދައްކާފައިނުވާކަމަށް ރިޕޯޓުގައި ބުންޏެވެ.

އައިލެންޑް އޭވިއޭޝަންގެ އިތުރުން އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުލީގެ ގޮތުގައި ދައްކަންޖެހޭ 360،000 ދައްކާފައިނުވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި އެފަދަ ފައިސާ ލިބެންޖެހޭ މުއްދަތުގައި ނުލިބިއްޖެނަމަ، ގަވައިދުގައި އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވީ ނަމަވެސް، އެ ފައިސާ ހޯދުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ނޫނީ ފިޔަވަޅެއްވެސް އިސްލާމިކް މިނިސްޓްރީން އަޅާފައިނުވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، ކުލި ނުދައްކާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް، އެ ފައިސާ ހޯދުމަށްޓަކައި ޝަރީއަތަށް ހުށަހެޅުމަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.

މާފަންނު މަދަރުސާއާ އިންވެގެން ހުޅަނގަށް އޮތް ބިމުގައި ބިނާކުރި 10 ބުރީގެ އިމާރާތް ހުޅުވީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ދައުލަތުގެ ބަޖެޓުން 23 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ބިނާ ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

ދާރުލް އީމާން ހުޅުވި އިރުވެސް އެ އިމާރާތުގައިވާ އޮފީސް އެޕާޓްމަންޓްތައް ވަނީ ދައުލަތުގެ އެކި އެކި އިދާރާތައް ހިންގުމަށް ކުއްޔަށް ދޫކޮށްފަ އެވެ. އިމާރާތަށް ކުލީގެ ގޮތުގައި ލިބޭ ފައިސާއިން އިމާރާތް ބެލެހެއްޓުމަށް ހަރަދު ކުރުމަށް ފަހު ބާކީވާ ފައިސާ ޖަމާކުރާނީ ވަގުފު ފަންޑަށް ކަމަށް އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މިނިސްޓްރީގެ އިތުރުން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ހަރުމުދަލުގެ ރަޖިސްޓްރީ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައިނެތުމުގެ ސަބަބުން، 2018 ވަނަ އަހަރު ނިމުނުއިރު، ހަރުމުދަލުގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިހުރި 350 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްހަކަން ކަށަވަރުކުރެވިފައިނުވާ ކަމަށެވެ.