ހަބަރު

މާލޭގައި މަދިރި ގިނަވާތީ ނައްތާލުމުގެ މަސައްކަތް ފަށައިފި

Dec 3, 2018
3

މިދުވަސްވަރު މާލޭގައި އާދަޔާ ހިލާފަށް މަދިރި ގިނަވާތީ މަދިރި ނައްތާލުުގެ ހާއްސަ ޕްރޮގްރާމެއް ހެލްތު މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ފަށައިފި އެވެ.

އެޗްޕީއޭ، ހެލްތު މިނިސްޓްރީ އަދި ސިޓީ ކައުންސިލް ބައިވެރިވާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން، އެތަންތަނުގެ އިސް ބޭފުުޅުން މިއަދު ވަނީ މާލޭގެ ބައެއް ކާނުތައް ބަލައި، މަދިރި އާލާވާގޮތަށް ހުރި ގެވަޅުތަކަށް ގޮސް އެތަންތަން ބައްލަވާފަ އެވެ. އަދި އެ ތަންތަން ސާފުކުރުމުގެ މަސައްކަތް ވެސް ފައްޓަވައިދެއްވާފަ އެވެ.

އާދަޔާ ހިލާފަށް މަދިރި ގިނަވަމުންދާ މި ދުވަސްވަރު މަދިރިން ރައްކާތެރިވެ ތިބުމުގެ މުހިއްމުކަން ފާހަގުރައްވައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، މި މަސައްކަތް ފަރުވާތެރިކަމާއެކު ކުރުމަށް ކައުންސިލުން އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އާންމުންވެސް ފަރުދީ ފެންވަރުގައި މަދިރި ނައްތާލުމަށް ކުރެވެން ހުރި މަސައްކަތެއް ކޮށް، އެއްބާރުލުންދިނުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަދިރި އަކީ ޑެންގީ އާއި ތަފާތު އެނޫންވެސް ނުރައްކާތެރި ބަލިތައް ފެތުރުމުގެ މައިގަނޑު އަސްލެވެ. އެހެންކަމުން މި ދުވަސްވަރު މަދިރިން ރައްކާތެރިވެ ތިބުމަކީ ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަމެކެވެ.