ހަބަރު

ނަޝީދުގެ މަޖިލިސް ކެމްޕޭން ފެއްޓެވުން މައްޗަންގޮޅިން

Dec 3, 2018
3

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތިން މަޖިލިސް އިންތިހާބުގެ ކެމްޕޭން މާދަމާ ރޭ ފައްޓަވަން ނިންމަވައިފި އެވެ.

އެމަނިކުފާނު މިއަދު އިއުލާން ކުރެއްވި ގޮތުގައި، ރައްޔިތުން މަޖިލީހުގެ ކެމްޕޭން އެމަނިކުފާނު ފައްޓަވާނީ މާދަމާ ރޭ މައްޗަންގޮޅި ކާމިނީ މަގުގައި މާދަމާ ބާއްވާ ކެމްޕޭން ހަރަކާތަކުން އެވެ. މާދަމާ ރޭ 9:00 ގައި ބާއްވާ އެ ކެމްޕޭން ހަރަކާތައް ވީހާ ވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް އެމަނިކުފާނު ވަނީ ދައުވަތު އަރުވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ރައްޔިތުން މަޖިލީހަށް ވާދަކުރައްވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެގޮތުން އެމަނިކުފާނު ކުރިމަތިލައްވަނީ މައްޗަންގޮޅިއަށް އަލަށް އިތުރުވާ ދާއިރާއަށް ކަމުގެ އަޑުތައް ވެސް ގަދަވެފައިވެ އެވެ.

މައްޗަންގޮޅީގައި މިހާރު އޮންނަނީ ދެ ދާއިރާ އެވެ. އެއީ މައްޗަންގޮޅި އުތުރު ދާއިރާ އާއި މައްޗަންގޮޅި ދެކުނު ދާއިރާ އެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މާރިޔާ އަހުމަދު ދީދީ ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމުން އެ ގޮނޑި ވަނީ ހުސްވެފަ އެވެ. މީގެ އިތުރަށް އިލެކްޝަންސް ކޮމިޝަމުން ބުނެފައި ވަނީ މައްޗަންގޮޅިއަށް މިފަހަރު އާ ދާއިރާއެއް އިތުރުވާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ފެއްޓެވީ ވެސް 1999 ގައި ރައްޔިތުން މަޖިލީހަށް ވާދަކޮށް އޭރު މާލޭގެ ދެ ގޮނޑިން ކުރެ އެއް ގޮނޑި ކާމިޔާބު ކުރައްވައިގެން އެވެ. އެހެން ނަމަވެސް ވެލާނާގެއިން ލިޔުންތަކެއް ނެގި މައްސަލައެއް ސާބިތުވެ އެމަނިކުފާނުގެ މެންބަރުކަން އެފަހަރު ގެއްލުނެވެ.