މިއަަދު ފާހަގަކުރާ ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ނައިބު ރައީސް ފައިސަލް ނަސީމް، މާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގެތަކަށް ވަޑައިގެން އެފަރާތްތަކުގެ ހާލު ބައްލަވައިފި އެވެ.
ފައިސަލް ވަނީ ގެތަކަށް ވަޑައިގެން އެ ފަރާތްތަކާއި އާއިލާތަކުގެ ހާލަތު ބައްލަވާފަ އެވެ. އެގޮތުން މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ގެތަކަށް ވެސް ވަނީ ވަޑައިގެންފަ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް ނުކުލެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރެއްވި އެވެ. އަދި އަމިއްލަފުޅަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ވަރަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވާފައިވެ އެވެ.