ހަބަރު

އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ޔާމީން އަދިވެސް ބޭނުންފުޅެއް ނޫން

ތޭވީސް ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އަދިވެސް ގަބޫލު ނުކުރާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް ޕްރައިމަރީ އަކާ ނުލައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ޓިކެޓް ދިނުމަށް މިރޭ ބޭއްވި ރައްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސްތައް ނައްތައިލީ ޕީޕީއެމުން ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. ނަމަވެސް އެއަށް ބެލުމެއް ނެތި ވޯޓު ކަރުދާސް ނައްތާލުމުން އީސީގެ މަގްސަދާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކަންކަން އިލެކްޝަން ކޮމިޝަނުންކޮށްފައިވަނީ "ދުރާލައި ރާވައިގެން" ކޮށްފައިވާ ކަމެއްގެ ގޮތުގައި ކަމަށެވެ.

"މިއީ މިނިވަން އިންތިހާބެއް ނޫން. އިންސާފުވެރި އިންތިހާބެކޭވެސް ދަންނަވާކަށް އަޅުގަނޑަކަށް ފަސޭހައެއް ނޫން. މިނިވަން އިންތިހާބަކަށް ނުވާ ސަބަބަކީ މިހާ ބޮޑެތި ކަންކަން އޮޅުވާލައިގެން ކޮށްފައިވާތީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން ދިޔަ އިރު، އެއިން އެއްވެސް ކަމެއް ތަހުގީގުކޮށްފައި ނުވާކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ތުހުމަތުތަކާ ގުޅިގެން އިންތިހާބު ސައްހަކަން ޔަގީންކޮށްދިނުމަށް، އިންތިހާބުގެ ފަހުން އެކަށައަޅަން ކުރި މަސައްކަތުން ވެސް އެއީ މިނިވަން އިންސާފުވެރި އިންތިހާބެއްކަން ޔަގީންކޮށްދެވިފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިން. ސުޕްރީމް ކޯޓުން ހުށަހެޅި މައްސަލަތައް ރިއާޔަތްކުރެއްވި. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނިންމެވުމުގަ ވިދާޅުވެފަ އޮންނަނީ، ތަހުގީގުކުރެވިފަ ނެތީމަ ތަހުގީގަށް ފުރުސަތު ދެއްވާފަ އޮތީ. އެހެން ނަމަވެސް އަޅުގަނޑުމެން މައްސަލަ ހުށަހަޅާފައި އޮތް ހުސަހެޅުމަށް ބަލާއިރު، ވޯޓުގެ ނަތީޖާއަށް ބަދަލު އަންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުން ނިންމެވި. އެކަން، އެއާ އެކީވެސް ފަނޑިޔާރުން ވިދާޅުވެފަ އޮތީ، ތަހުގީގުކުރަން ޖާގަ އެބައޮތް ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ތަހުގީގެއް ކުރެވިފައި ނެތުމުން އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނާނީ ކިހާ ވަރަކަށް ކަން ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ނިމިދިޔަ އިންތިހާބަކީ އެއްވެސް ގޮތަކުން މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކުރެވޭނެ ގޮތެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.