ހަބަރު

ރައީސް ސޯލިހުގެ ފަހަތުގައި ހުރުމަކީ ލިބޭ ފަހުރެއް: ނަޝީދު

Dec 4, 2018
12

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތުގައި މަސައްކަތްޕުޅު ކުރައްވަނީ ފަހުރުވެރި ކަމާ އެކުގައި ކަމަށާއި ގައުމަށް ހިދުމަތް ކޮށްދޭން ކޮންމެހެން މަގާމެއްގައި ހުންނަން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ނުކުންނަވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ މައިދާނުގައި ފަހަތަށް ފިޔަވަޅު އެޅުމަކީ ހިކުމަތްތެރި ގޮތް ކަމަށާއި އެއީ ކުރިމަގު އުޖާލާ ވާނެ ގޮތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި އުފުލަން ޖެހޭ އެންމެ ބޮޑު ޒިންމާއަކީ އެތައް ލައްކަ ރައްޔިތުންނެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުން ކަމަށާއި އެކަމަށް ޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ ކަމަށެވެ.

ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ކުރިއަށް ނުނިކުމެ ފަހަތުގައި ހުރެގެން ވެސް ކުރެވޭނެ ކަމެއް ކަމަށާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުން ހުއްޓާނުލައްވާނެ ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެލ އަދި އެމްޑީޕީ އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުން އެދޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުން އެއީ މި ޕާޓީގެ އެންމެ ބޮޑު ވާޖިބު. އެކަމަށް ކުރާން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން. އެކަން އަބަދަކު މަގާމުގައި ތިބެން ޖެހޭކަމަށް ނުޖެހޭ. އެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފަހަތުގައި ތިބެގެން ވެސް. ކުރިއަށް އަރާކަށް ނުޖެހޭ. އަޅުގަނޑުގެ ޒަމާންވީ ރަހުމަތްތެރިޔާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތުގައި ހުންނަނީ ފަހުރުވެރި ކަމާ އެކު. ވަކި އެއަށް ވުރެ ބޮޑު ފަހުރެއް އަޅުގަނޑުގެ ހަޔާތުގައި ނުލިބޭ،" ރައީސް ސޯލިހުވެސް ބައިވެރިވަޑައިގެން ހަފްލާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ހެންވޭރަށް ވާދަކޮށް ހަސަން ލަތީފު ބަލިވި ކަމާ މެދު ހިތާމަ ކުރައްވާކަން ހާމަކުރައްވަމުން ނަޝީދި ވިދާޅުވީ، އެފަހަރު އެމްޑީޕީއިން ހޮވި ރީކޯ މޫސަގެ ބަދަލުގައި ހަސަން ލަތީފު އެ ގޮނޑިއަށް އައި ނަމަ ރާއްޖޭޣެ ސިޔާސީ މަޝްރަހު އެކީ ބަދަލުވާނެ ކަމަށެވެ. އެގޮތުން އުދަރެހުން ފެންނާނީ ރަންރީދޫ ކުލަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މި އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި ރާއްޖެ މި ދަތުރު ކުރަނީ އާ ޒަމާނަކަށް އަލިވިލެން ކަމަށެވެ.