ބާސެލޯނާ

ބާސާގެ ލެޖެންޑަރީ ރައީސް ނުނެޒް މަރުވެއްޖެ!

އެފްސީ ބާސެލޯނާގެ ރައީސް ކަމާ، ޖޯސެފް ލުއިސް ނުނެޒް ހަވާލުވީ 1978 ވަނަ އަހަރު އެވެ. އޭނާގެ އުފެންދުންތެރި އާ މެނޭޖްމެންޓް ސްޓައިލްވީ އޭރު ސްޕެއިންގެ ފުޓްބޯޅައަށް އާ ދިރުމެއް ގެނެސްދިން ތާޒާ އެއްޗެއްގެ ގޮތުގަ އެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި އޭނާގެ މެނޭޖްމެންޓް ސްޓައިލުން ބާސާ އެއް ކޮށް ޓްރާންސްފޯމް ކޮށްލި އެވެ.

އެއީ އޭނާ ގެންގުޅުނު، ތަފުސިލީ ޕްލޭންތަކާއި އޭނާ ގެނައި ބިޒްނަސް މޮޑެލްގެ ސަބަބުންނެވެ. ބާވިސް އަހަރު ވަންދެން ބާސާގެ ރައީސް ކަން ކުރުމަށް ފަހު އޭނާ ބާސާގެ ލީޑާޝިޕާ ދުރައް ޖެހިލީ 2000 ވަނަ އަހަރު އެވެ. އޭނާގެ ލީޑާޝިޕް ފާހަގަ ކުރެވެނީ ބާސާ އަށް ކާމިޔާބު ގެނެސްދިން ރަން ދުވަސްވަރެއްގެ ގޮތުގަ އެވެ. އޭނާގެ އެންމެ ޝަރަފުވެރި ކާމިޔާބަކީ، ބާސާގެ ލެޖެންޑް ޔޯހާން ކްރައިފްގެ ޑްރީމް ޓީމު އެކުލަވާލުމަށް ފުރުސަތު ދީ، އެ ޓީމު ހޯދި ކާމިޔާބު ތަކެވެ.

ބާސާއަށް އޭނާ ގެނައި އެންމެ މަޝްހޫރު ތަރިންނަކީ، ޑިއޭގޯ މެރަޑޯނާ، މައިކަލް ލޫޑްރުފް، ރޮނާލްޑޯ ނަޒާރިއޯ، ރިވާލްޑޯ އަދި ރޯމާރިއޯމެން ފަދަ ތަރިންނެވެ.

އޭނާގެ ލީޑާޝިޕްގައި، ބާސާގެ ރަސްމީ ސްޓޭޑިއަމް ކޭމްޕް ނޯ ދެ ފަހަރެއްގެ މަތިން ބޮޑު ކުރެވި ޖާގަ އިތުރު ކުރެވިގެން ދިޔަ އެވެ. ބާސާގެ އެއް ނަންބަރު އެކެޑެމީ އަކީ ބޯޑިން ސްކޫލެއްގެ ގޮތުގައި ފުޓްބޯޅައަށް ކުދިން ތަމްރީން ކުރާ އެކެޑެމީއެއް ކަމުގައި ހެދި އެވެ. އަދި ބާސެލޯނާގެ ތާރީހް އަރުޝީފް ކުރުމަށްޓަކައި ބާސާގެ ދާރުލްއާސާރު އުފެއްދި އެވެ.

ނުނެޒް ވަނީ، ޓީވީ ރައިޓްސް ކުލަބުތަކަށް ހޯދުމަށް ޓަކައި ގިނަ ދުވަސްތަކެއް ވަންދެން ވަކާލާތު ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ 1979 ވަނަ އަހަރު ސްޕެއިންގެ 'ޓީވީ އީ' ގެ ކެމެރާތައް ކޭމްޕް ނޯ ސްޓޭޑިއަމަށް ވެއްދުން ހުއްޓުވާފަ އެވެ. ކުލަބު ތަކާއެކު، ބްރޮޑްކާސްޓަރުން ކޮމާޝަލް އެގްރިމެންޓެއް ގާއިމު ކުރެވެންދެން އޭނާ އެގޮތުގައި އެކަން ހިފެއްހެއްޓި އެވެ.

ނުނެޒް އަކީ އޭނާގެ މިސާޖުގެ ގޮތުން، ޕަބްލިކުގައި އެހެން މީހުންނަށް ބޭއިހްތިރާމާއެކުވެސް ވާހަކަ ދައްކަން ކެރޭ މީހެކެވެ. ބާސާ އާއި ވާދަވެރި ރެއާލް މެޑްރިޑް ކޭމްޕް ނޯ ގައި ކުޅޭ މެޗުތަކުގައިވެސް އޭނާ ބަހުގެ ހަމަލާތައް ރެއާލް މެޑްރިޑްގެ އޭރުގެ ރައީސް ލުއިސް ޑީ ކާލޯސްއަށް އަމާޒު ކުރި އެވެ. އޭގެ ސަބަބުން ދެ ކުލަބުގެ ރައީސުންގެ މެދުގައި ވަރުގަދަ ދެކޮޅުވެރި ކަމެއް އުފެދުނެވެ.

ޔޯހާން ކްރައިފްއާ ފަހުން މައްސަލަ ޖެހި، ބާސާގެ ކޯޗު ކަމުން ކްރައިފް ވަކި ކުރި އެވެ. ކްރައިފްގެ މައްޗަށް އޭނާ ތުހުމަތު ކުރީ ކުުލަބުގެ ބިޒްނަސް އެހެން މީހުންނަށް ވިއްކާ ކަމަށެވެ. ކްރައިފްގެ ފަހުން، ބާސެލޯނާގެ ކޯޗް ކަަމަށް އޭނާ ގެނައީ، ހޮލެންޑްގެ ލުއިސް ވެންހާލް އެވެ. ވެންހާލް ވީ ނުނެޒްއާ ރަނގަޅު ގުޅުމެއް އުފެއްދި ކޯޗެއް ކަމުގަ އެވެ.

އުމުރުން 87 އަހަރުގައި، ރޭ ނުނެޒް ވަނީ މަރުވެފަ އެވެ. ބާސާގެ ރައީސް ކަން 2000 ވަނަ އަހަރު ދޫކޮށްލި ނަމަވެސް ބާސާގެ ހަރަކާތްތަކުގައި ގަވާއިދުން އޭނާ ދިޔައީ ބައިވެރި ވަމުންނެވެ. އޭނާ މަރުވުމުން ހިތާމައިގައި ބައިވެރިވުމަށް ހަތަރު ދުވަހަށް އެކަން ހާއްސަ ކުރުމަށް ބާސާއިން ވަނީ ނިންމާފަ އެވެ.