ވިޔަފާރި

އުރީދޫ އެމް- ފައިސާގެ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލަށް

Dec 4, 2018

އުރީދޫގެ އެމް-ފައިސާ ހިިދުމަތް މެދުވެރިކޮށް، ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފަސޭހަކަމާއި އެކު ފައިސާ ދެއްކޭނެ ނިޒާމެއް، އުރީދޫ މޯލްޑިވްސް އާއި ޓްރީޓޮޕް ގުޅިގެން ތައާރަފްކޮށްފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ވެބްސައިޓް އަދި އުރީދޫ އެމް-ފައިސާގެ މޮބައިލް އެޕް މެދުވެރިކޮށްވެސް، ޓްރީޓޮޕް ކަސްޓަމަރުންނަށް އެމް-ފައިސާގެ ހިދުމަތް ބޭނުންކުރެވޭނެއެވެ. މިގޮތުން، އެޕޮއިންޓްމަންޓް ހެއްދެވުން، އޯޕީޑީގެ ހިދުމަތްތައް، އަދި ބޭސްފަރުވާ ފަދަ ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ އެންމެހާ ހިދުމަތްތަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި، ކުރިއެރުން ގެނެސްދިނުމަށްޓަކައި އުރީދޫ އިން ގިނަ ގުނަ އިންވެސްޓްމަންޓުތަކެއް ކުރަމުންދާ ކަމަަށެވެ.

"އަޅުގަނޑުމެން ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނީ، އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯއްދެވުން ޑިޖިޓަލްކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް. މިއަދު ޓްރީޓޮޕް އާއި އެކު ފެށުނު މި ގުޅުން އިތުރަށް ވަރުގަދަކޮށް، އެމް-ފައިސާ އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުން ފަދަ ބޭނުންތެރި ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." އުރީދޫ މޯލްޑިވްސްގެ ނަޖީބް ވިދާޅުވިއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، އެމް.ޑަބްލިއު.އެސް.ސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މޯލްޑިވްގޭސް ބިލްތައްވެސް ހިމެނެއެވެ. އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓަރ ކޮށްގެން، މި ފަސޭހަ ޚިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެއެވެ. މި އެޕް ޑައުންލޯޑު ކުރެއްވުމަށް، ore.do/mm އަށް ޒިޔާރަތް ކުރައްވާށެވެ. ހަމައެހެންމެ، އެމް-ފައިސާ ޚިދުމަތާއި ބެހޭ އިތުރު މައުލޫމާތް ހޯއްދެވުމަށް، އުރީދޫ ވެބްސައިޓް (www.ooredoo.mv/mfaisaa) އަށް ޒިޔާރަތް ކުރައްވާށެވެ.