ދުނިޔެ

ބާރުތައް ސަސްޕެންޑު ކުރުމުން ރާޖަޕަކްސާ ކޯޓަށް

Dec 4, 2018
1

ކޮލޮމްބޯ (ޑިސެމްބަރު 3) - މަހިންދަ ރާޖަޕަކްސައަށް ސްރީލަންކާގެ ބޮޑު ވަޒީރު ކަމުގެ މަގާމު އަދާކުރެއްވުމުގެ ބާރުތައް ކޯޓަކުން ސަސްޕެންޑް ކުރުމާއި ގުޅިގެން، އެ ނިންމުން އިސްތިއުނާފު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެ މަގާމަށް އައްޔަނުކުރުމާއި ގުޅިގެން، މުޅި ގައުމު ވަނީ ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފަ އެވެ.

އަދި ޕާލިމަންޓުގެ މެޖޯރިޓީ ރާޖަޕަކްސާއަށް ކަށަވަރު ނުވުމުން، މަޖީލިސް އުވާލައްވައި، އަލުން އިންތިހާބެއް ބޭވުމަށްވެސް ރައީސް މައިތިރިޕާލަ ސިރިސޭނާ ނިންމެވި އެވެ. އެ ނިންމެވުން އެ ގައުމުގެ އެންމެ މަތީ ކޯޓުން ބާތިލު ކުރުމާއެކު، ސްރީލަންކާގައި ބޮޑު ވަޒީރު ކަމުގެ ހުވާ ދާދި ފަހުން ކުރެއްވި ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ވަނީ ފާސްކޮށްފަ އެވެ.

އިތުބާރުނެތް ކަމަށް ފާސްކުރުމުންވެސް، މަގާމު ދޫކޮށްލެއްވުމަށް ރާޖަޕަކްސަ ދެކޮޅު ހައްދަވާފައިވާތީ، ރަނިލްގެ ޕާޓީގެ ޕާލިމަންޓް މެމްބަރުންތަކެއް ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި، ކޯޓުން ބުނެފައިވަނީ ރާޖަޕަކްސާގެ ކެބިނެޓުގެ ސައްހަކަން ކަށަވަރުކޮށްގެން މެނުވީ ކެބިނެޓުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިއެއްގެ ގޮތުގައި ރާޖަޕަކްސާ ހުންނަވައިފި ނަމަ ގައުމަށް އިޔާދަނުކުރެވޭ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރައްވާނެކަމަށް ރާޖަޕަކްސާ ވަނީ ވިދާޅުވެފަ އެވެ.