އަންނަ އަހަރުގެ ބަޖެޓަށް ބައެއް ދާއިރާތައް އިތުރުވުމާއެކު އަންނަ އަހަރުގެ ބަޖެޓުގެ ދަރަނި 4 ބިލިއަން އަށް އިތުރު ވެއްޖެ އެވެ.
ބަޖެޓު ދަރަނި 3.6 ބިލިއަން ރުފިޔާއިން ހަތަރު ބިލިއަން ރުފިޔާއަށް އިތުރުވިކަން ހާމަކޮށްދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު އިއްޔެ ވިދާޅުވީ ބަޖެޓުގެ ދަރަނި އިތުރުވި މައިގަނޑު ސަބަބަކީ ދައުލަތުގެ ހަރަދު 26.7 ބިލިއަން ރުފިޔާ އިން 27.3 ބިލިއަން ރުފިޔާ އަށް އިތުރު ވެގެން ދިއުން ކަމަށެވެ.
"އާމްދަނީގެ ގޮތުގައި ހުށަހެޅި 23 ބިލިއަން ރުފިޔާ ވަނީ 23.33 ބިލިއަން ރުފިޔާއަށް އިތުރުވެފައި. މިއީ 300 މިލިއަން ރުފިޔާގެ އިތުރުވުމެއް. މި 300 މިލިއަން އިތުރުކޮށްފައިވަނީ ހިލޭ އެހީ އިތުރުކޮށްފައިވާތީ. އެހެންވުމުން އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭތީ،" އަމީރު ވިދާޅުވި އެވެ.
ބަޖެޓް އިތުރުކުރި ބައެއް ދާއިރާތައް:
- ފޮރިން މިނިސްޓްރީއަށް 25 މިލިއަން ރުފިޔާ
- ފުރަތަމަ ޑިގްރީ ޕްރޮގްރާމަށް 100 މިލިއަން ރުފިޔާ
- ކުރީގެ ރައީސުންގެ އިނާޔަތަށް އެއް މިލިއަން ރުފިޔާ
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ދެ މިލިއަން ރުފިޔާ
- ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 35 މިލިއަން ރުފިޔާ
- ޕީއެސްއައިޕީއަށް 452 މިލިއަން ރުފިޔާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޮފީހުގެ ލަފާގެ މަތުން މިދިޔަ ސަރުކާރުން މަޖިލީހަށް ފުރަތަމަ ފޮނުވީ 29.6 ރުފިޔާގެ ބަޖެޓެކެވެ. އެއީ އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ނަމަވެސް ބަޖެޓް ކޮމިޓީގެ ޖަލްސާތަކުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނެސް، 600 މިލިއަނެއްހާ ރުފިޔާ ބަޖެޓްގެ ހަރަދުތަކުގެ ތެރެއަށް ވަނީ އިތުރުކޮށްފަ އެވެ. އެއާއެކު މިހާރުގެ ބަޖެޓު އަރަނީ 30.25 ބިލިއަން ރުފިޔާ އަށެވެ.