މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކީ މިނިސްޓްރީން އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިންނެވެ.
ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުގައިވާ ގޮތުން މި އަހަރުގެ ބަޖެޓުން ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ތިން ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ވަނީ ހޭދަކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓުގައި މިނިސްޓްރީން އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް 3.9 ބިލިއަން ރުފިޔާ ދީފައިވާއިރު ބަޖެޓުން މިހާތަނަށް ތިން ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ވަނީ ހޭދަކޮށްފަ އެވެ.މި އަހަރުގައި ބާކީ ފަސް މަސް ދުވަސް އޮތްއިރު މިހާރު ބެލެވޭ ގޮތުގައި ޕްލޭނިން މިނިސްޓްރީން މި އަހަރު ދިން ބަޖެޓަށްވުރެ އިތުރަށް ހޭދަ ކުރާނެ އެވެ.
ބަޖެޓުން ދެން އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އިންނެވެ. އެ މިނިސްޓްރީން 1.9 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ތިން ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ.
ހޭދަ ކުރުމުން މަތިވެގެން ގޮސްފައިވާއިރު ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 21.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި އަހަރު 34 ބިލިއަން ރުފިޔާ ހަރަދު ކުރަން ކަނޑައަޅާފައިވާއިރު މިހާތަނަށް ކުރި ހޭދައިގެ ބޮޑު ބަޔަކީ ރިކަރަންޓް ހަރަދަށް ކުރި ހޭދައެވެ.