މި އަހަރު ބަޖެޓުގެ ހަރަދު ފެންނަނީ މިދިޔަ އަހަރަށް ވުރެ ވެސް މަތިވަމުންދާ ތަނެވެ. އެންމެ ފަހުން ފިނޭންސް މިނިސްްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ލިބުނު އާމްދަނީއަށްވުރެ ދެ ބިލިއަން ރުފިޔާ އިތުރަށް ވަނީ ހޭދަކޮށްފަ އެވެ. އަދި މިހާތަނަށް ޖުމްލަ 12 ބިލިއަން ރުފިޔާ ވަނީ ބަޖެޓުން ހޭދަ ކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު 34 ބިލިއަން ރުފިޔާ ހޭދަ ކުރަން ފާސް ކޮށްފައިވާއިރު މިހާތަނަށް 12 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. ހަރަދު ބަޖެޓުގެ 75 ޕަަސެންޓް ހޭދަ ކޮށްފައި ވަނީ ރިކަރަންޓް ހަރަދު ނުވަތަ ސަރުކާރު ހިންގަން ހިނގި ހޭދައެވެ. އަދި ބާކީ އޮތް 25 ޕަސެންޓަކީ ކެޕިޓަލް ހަރަދުތަކެވެ.
ހަރަދު ބެހިފައިވާ ގޮތް
- ރިކަރަންޓް ހޭދަ: 9.2 ބިލިއަން
- މުސާރަ އާއި ޕެންޝަނަށް: 3.6 ބިލިއަން
- އެޑްމިން ހަރަދު: 5.6
- ރައިޓް އޮފް: 4.2 މިލިއަން
މި އަހަރުގެ މިހާތަނަށް ރިކަރަންޓް ހޭދައަށް 9.2 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް މި ހޭދަ އުޅެނީ އަށް ބިލިއަން ރުފިޔާ އެވެ. އަދި މުސާރަ އާއި ޕެންޝަނަށް މިހާތަނަށް 3.6 ބިލިއަން ހޭދަކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި ހަރަދު އުޅުނީ 3.4 ބިލިއަން ރުފިޔާގަ އެވެ.
ބަޖެޓުން މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ އިންފްރާސްޓްރަކްޗާ އެސެޓްއަށެވެ. އެ ބަޔަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި މިހުރިހާ ހަރަދުތަކެއް ހިމައިގެން ބަލާނަމަ ކެޕިޓަލް އަދި ރިކަރަންޓް ހޭދަ 13 ބިލިއަން ރުފިޔާ ފަހަނަ އަޅަ އެވެ.