ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އާމްދަނީ ހޯދަން އާ ކަންތައްތަކުގެ ލިސްޓު ކުރެ އެވެ. "ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ"ގެ ނަމުގައި ފޮނި ވާހަކަތައް ދައްކަ އެވެ. މިދިޔަ ސަރުކާރަށް ބަލާއިރު އެ ސަރުކާރުގެ ފަސް އަހަރު ނިންމާލީ ބޮޑެތި މަޝްރޫއުތައް އެއް ބަޖެޓުން އަނެއް ބަޖެޓަށް "ދަތުރުކޮށްކޮށް" ތިއްބަ އެވެ. ކޮންމެ އަހަރެއް ނިމުމުން އެ މަޝްރޫއު ޖެހިގެން އަންނަ އަހަރުގެ ބަޖެޓަށް ގެންދެ އެވެ. އެހެންވެ މި ސަރުކާރުން ކެނޑި ފޮންޏަކީ ނުވާވަރު ކަންތައް އަލަށް އާމްދަނީ ހޯދަން ހަދާ ލިސްޓުގައި ނުޖެހުމެވެ. އެހެންވީއިރު މިހާރު އާމްދަނީ ހޯދަން ބަޖެޓުގައި ޖެހި ކަންކަން ކާމިޔާބުވޭ ހެއްޔެވެ؟ އެކަމަށް ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟ މިމަހުގެ ނިޔަލަށް އާ ބަޖެޓު ފޮނުވަން ޖެހޭއިރު އާމްދަނީ ހޯދުމުގެ ކަންތައްތަކުގެ ކިތަށް ޕަސެންޓް ކާމިޔާބުވާނެ ހެއްޔެވެ؟
"އާމްދަނީ ހޯދަން އަލަށް ލަފާކުރި ކަންކަމަށް މިދަނީ ތައްޔާރު ވަމުން. އެކަމަށް ރެގިއުލޭޓްރީ ފްރޭމްވޯކް ފުރިހަމަ ކުރަން ޖެހޭ- އެކަމަށް ހާއްސަ ގާނޫނުތައް މިދަނީ ހަދަމުން. އަބަދުު ވެސް އާމްދަނީ ހޯދުމުގެ އާ ކަންތައްތަކަކީ ވަގުތު ނަގާ ކަމެއް،" ބަޖެޓު ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް، އަހުމަދު ޝަރުވަޝް އާދަމް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ސަބަބުން މި އަހަރުވީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރީ ހިލޭ އެހީ ހިމަނައިގެން 17.8 ބިލިއަން ރުފިޔާ އެވެ. މީގެތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 9.8 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް އަންދާޒާކުރި 5.8 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީއަށް ލިބޭނެކަމަށް އަންދާޒާކުރި 2.2 ބިލިއަން ރުފިޔާ އެވެ. އަދި އަލަށް ތައާރަފު ކުރާ ކަންކަމުން 1.2 ބިލިއަން ރުފިޔާ ހޯދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އާމްދަނީ ހޯދަން ހުށަހެޅި އާ ކަންކަން
- ޓެލްކޮމް ލައިސަންސް ފީއަށް ބަދަލު ގެނެސް، އާ އޮޕަރޭޓަރަކާއެކު ފްރިކުއެންސީ ސްޕެކްޓަމް ޗާޖުން 300 މިލިއަން ރުފިޔާ
- ޓޫރިޒަމަށް ބިން ދޫކޮށްގެން: 154 މިލިއަން ރުފިޔާ
- މާލެ ސަރަހައްދުން ކޮންޖެކްޝަން ޗާޖެއް / ޕާކިން ފީ އިން: 37 މިލިއަން ރުފިޔާ
- ދިވެހިންނަށް ބިން ވިއްކައިގެން: 300 މިލިއަން ރުފިޔާ
- ރިއަލް އެސްޓޭޓް ޓޫރިޒަމުން: 154 މިލިއަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓްތައް ބަދަލުކޮށްގެން: 273 މިލިއަން ރުފިޔާ
މި އަހަރު އާމްދަނީ ހޯދަން އަލަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެންނަން ގާނޫނަށް ގެނައި ބަދަލު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީ އަންނަ އަހަރުން ފެށިގެން ބޮޑުވާނެ އެވެ. އެހެންވެ އާމްދަނީ ހޯދަން ހުށަހެޅި މިކަން ކާމިޔާބުވި ކަމަށް ބުނެވިދާނެ އެވެ.
މީގެ އިތުރުން ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަަށްތައް ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް މި ރަށްތައް މިހާތަނަށް އަދި އާއްމުކޮށްފައި ނުވާއިރު މި ދާއިރާއިން މި އަހަރުގެ ބަޖެޓަށް 154.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މީގެ އިތުރުން އާ ރިސޯޓުތައް ނެރުމުގެ ގޮތުން ރިސޯޓުތަކެއް ދޫކޮށް، މިހާރު ވަނީ އެވޯޑު ކުރުމުގެ މަރުހަލާ ގައެވެ. ނަމަވެސް މި ރަށްތަކުގެ އަގު ކޮވިޑް-19ގެ ސަބަބުން ކަމަށް ބުނެ ދަށްކޮށްފައިވާތީ މި ދާއިރާއިން ލިބޭނެ އާމްދަނީ 30 ޕަސެންޓު ވަރު މަދުވާނެ ކަމަށް ބެލެވެ އެވެ. މި ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.
އާމްދަނީ ހޯދުމަށް ޖެހި އަނެއް އާކަމަކީ ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އާ ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމެވެ. ނަމަވެސް މިކަން ދެން ނުވާނެ ކަމަށް ބެލެވެ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން އޮޕަރޭޓަރުންނާއެކު ހެދި "ޑީލުގައި" އިތުރު އޮޕަރޭޓަރެއް ނުގެނައުމަކީ ޝަރުތެކެވެ. އަދި އާއްމުންނަށް ބިން ވިއްކުމާއި ލެގޫން ތަރައްގީ ކުރުމުގެ މަސައްކަތްތަކަށް ބައެއް ޕްލޭންތައް، ޕްލޭން މިނިސްޓްރީން ދަނީ ކުރަމުންނެވެ. ނަމަވެސް މި އަހަރު ނިމޭއިރު މި ދާއިރާއިން ލަފާކުރި އާމްދަނީ ލިބިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ.
މީގެ އިތުރުން ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ބޭރުގެ ފަރާތްތަކާއެކު ދިރާސާ ހަދަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ޕްރައިވެޓައިޒް ކުރަނީ ކޮން ކުންފުނިތަކެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. މިހާތަނަށް ޔަގީންވެފައިވަނީ ޕްރައިވެޓައިޒް ކުރާ އެއް ކުންފުންޏަކީ މޯލްޑިވިއަން ކަމެވެ. އެ ކުންފުނިން މެދުއިރުމަތީގެ އެއާލައިންއަކާ އެކު ޖޮއިންޓްވެންޗާ ހަދަން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މި އަހަރު ނިމި މިމަސް ނިމުގެ ކުރިން އާ ބަޖެޓެއް އަނެއްކާވެސް މަޖިލީހަށް ހުށަހަޅާނެ އެވެ. އާ ބަޖެޓު ހުށަހަޅަން ދާއިރު އަލަށް އާމްދަނީ ހޯދަން ހުށަހެޅި ގިނަ ކަންތައް ކާމިޔާބުވެފައިވޭތޯ ނުވަތަ ނޫން ތޯ އެނގޭނެ އެވެ. އެނގޭ ކަމަކީ އަންނަ އަހަރަށް ވެސް އާމްދަނީ ހޯދަން އަނެއްކާ އާ ލިސްޓެއް ސަރުކާރުން ހުށަހަޅާނެ ކަމެވެ. ސުވާލަކީ އާމްދަނީ ހޯދުމަށް ހުށަހަޅާ އާ ލިސްޓު ކާމިޔާބު ވޭ ހެއްޔެވެ؟ އެކަން ކާމިޔާބު ވަނީ ކިހާ ވަރަކަށް ހެއްޔެވެ؟