ޓޫރިޒަމް ރިއަލް އެސްޓޭޓް

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަށްތަައް ކަނޑައަޅައިފި

ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ހިންގާނެ ރަށްތައް ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޑަކްޓް ވެގެން ދާނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ވަށައި ޖައްސަން ފަށާ މުހިންމު މަސައްކަތަކަށް ކަމަށެވެ. އަދި އެކަން ފެށުމަށްޓަކައި ރަށްތައް ފާހަގަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ރަށްތައް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.

"އަންނަ މަހު ރަށްތައް ދޫކުރަން އިއުލާނު ކުރެވޭނެ. އެކަމަކު މި [ރިއަލް އެސްޓޭޓް ޓޫރިޒަމް] ކަން ފެށިނަމަވެސް މީހުން އަންނަން ދުވަސް ކޮޅެއް ނަގާނެ. މިހާރު ރަށްތައް ވަނީ ކަނޑއެޅިފަ. އެހެންވެ އިދާރީ ގޮތުން ކޮށްލަން ޖެހޭ މަސައްކަތްތައް ކޮށްލީމަ އެ ނިމުނީ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ބޭނުންވާ އެންމެ މުހިންމު ކަންތައް ވެސް ނިމިފައިވާ ކަމަށެވެ.

"ރެސިޑެންސީ ވިސާ ލިބޭ ގޮތަށް އެއޮތީ ވެދަ. ދިވެހިންނަކީ މި ކަހަލަ ކަންތައްތަކަށް ވަރަށް ކުޅަދާނަ ބައެއް. އެހެންވީމަ ޓޫރިޒަމްގައި އިންވެސްޓްކޮށްގެން އެބައި ކުރިއަށް ގެންގޮސް ދޭނެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އަންބްރެއްލާ ތެރޭގައި އިތުރު ޕްރޮޑަކްޓްތައް ވެސް އެބަހުރި،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޑަކްޓްތައް ވެސް ހިމެނޭނީ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ތެރޭގައި ކަމަށެވެ.

"ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޑަކްޓަކީ ވަރަށް އެކްސައިޓިން ޕްރޮޖެކްޓެއް. މި ބަލަނީ އޮގަސްޓް މަހު އިއުލާނު ކުރެވޭނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ތަކެއް ގެނެސްގެން ރާއްޖެއަށް ތައާރަފުކުރާ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ދަށުން އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެން ދިއުމެވެ. އަދި ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަށްތަކެއް އިއުލާނު ކުރަން ތައްޔާރުވާއިރު، ހއ. އަތޮޅު ދައްޕަރުގައި ސެކަންޑް ހޯމް ތަކެއް ހަދަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމުން މި އަހަރު 154.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައި އެވެ.