ދައުލަތުގެ ބަޖެޓް

2021 ބަޖެޓް: އާ ކަންކަމުން 1.2 ބިލިއަން ހޯދަނީ

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ އާ ކަންކަމުން އިތުރަށް 1.21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް މިއަދު ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ހުށަހެއްޅުވިއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ރައްޔިތުން މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓްގައިވާ ގޮތުން މި އަހަރު އާމްދަނީ އިތުރު ކުރަން ހުށަހަޅާ ކަންތައްތަކުން 1.21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވާއިރު، މީގެ ތެރޭގައި ގިނަ އާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.

2021 އާމްދަނީ ހޯދަން ހުށަހަޅާފައިވާ ކަންކަން

  • ޓެލްކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއެންސީ ސްޕެކްޓަމް ޗާޖުން 300 މިލިއަން ރުފިޔާ
  • ޓޫރިޒަމަށް ބިން ދޫކޮށްގެން: 154 މިލިއަން ރުފިޔާ
  • މާލެ ސަރަހައްދުން ކޮންޖެކްޝަން ޗާޖެއް / ޕާކިން ފީއިން: 37 މިލިއަން ރުފިޔާ
  • ދިވެހިންނަށް ބިން ވިއްކައިގެން: 300 މިލިއަން ރުފިޔާ
  • ރިއަލް އެސްޓޭޓް ޓޫރިޒަމުން: 154 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓްތައް ބަދަލުކޮށްގެން: 273 މިލިއަން ރުފިޔާ

އާ ބަޖެޓުގައި އާމްދަނީގެ މައިގަނޑު ބައިތަކަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 5.8 ބިލިއަން ރުފިޔާ އެވެ. ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ހިމަނާފައި ވެއެވެ.

އަމީރު ވިދާޅުވީ އާމްދަނީ އިތުރު ކުރުމަށާއި ސިޔާސަތު ތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތު ތަކަށް ބަދަލު ގެންނަން ރާވާފައިވާ ކަމަށާއި އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއާޕޯޓް ސާވިސް ޗާޖް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލް ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒު ކުރެވޭނެ ކަމަށެވެ.

ބަޖެޓުގައި އާމްދަނީ ހޯދޭނެ އިތުރު ކަންތައްތަކުގެ ތެރޭގައި ދެން ހިމެނެނީ ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކުރުމާއި، އުތުރާއި ދެކުނުން އައު ރިޒޯޓްތައް ތަރައްގީ ކުރުމާއި، ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމުގެ އިތުރުން އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމާއި ރާއްޖޭގެ ރަށްތަކުގެ ބިން، ވަކިން ޚާއްސަކޮށް ހިއްކާފައިވާ ބިންތަކުގެ ވަކި ޕަސެންޓެއް އާންމުނަށް ވިއްކުމެވެ.

އަދި ލެގޫން ލޭންޑް ކޮންސެޕްޓެެއް ތައާރަފުކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ރަށްރަށުގެ ފަޅުތައް ވެސް ބިމެކޭ އެއްގޮތަށް ތަރައްގީ ކުރުމުގެ އިތުރުން ޕާކިން ސްލޮޓްތައް ހަދައި ކުއްޔަށްދިނުމާއި ކޮންޖެޝަން ޗާޖެއް ތައާރަފުކުރުމަށް ވެސް ރާވާފައި ވެއެވެ.

ބަޖެޓަށް ހޯދާ ފައިނޭންސްގެ ބޮޑު ބައެއް ހޯދަން ރާވާފައިވަނީ ރާއްޖެއިން ބޭރުންނެވެ. އަންނަ އަހަރު ކުރިން އެއްބަސްވެފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ އިސްލާމިކް ސުކޫކާއެކު 100 މިލިއަން ޑޮލަރުގެ ގްރީން ބޮންޑެއް ވިއްކުމަށް މަސައްކަތް ކުރެވޭނެކަމަށް އަމީރު މިއަދު މިއަދު ހާމަކުރެއްވި އެވެ.

އަދި ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ބަޖެޓުގައި ވަނީ ރާވައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެތޭރޭގެ މާކެޓަށް ޓްރެޒަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިން ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދަން ހިމަނާފައި ވެއެވެ.

އަދި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ ކުޑަކޮށް، ޕްރައިވަޓައިޒްކޮށްގެން 462.6 މިލިއަން ރުފިޔާ އަންނަ އަހަރުގެ އާމްދަނީއަށް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު މިއަދު މަޖިލީހުގައި ވިދާޅުވި އެވެ