ބަޔާން މިއުނިކް

ކުރީގެ ކީޕަރު އޮލިވާ ކާން ބަޔާން މިޔުނިކުގެ މެނޭޖްމެންޓަށް

ބަޔާން މިޔުނިކްގެ މިހާރުގެ ސީއީއޯ ކާލް ހާންޒް ރަމަނައިޖްގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވުމުން، ބަޔާންގެ ސީއީއޯކަން، އެޓީމުގެ ކުރީގެ ގޯލްކީޕަރު އޮލިވާ ކާން އަށް ދޭން ބަޔާން މިޔުނިކްގެ ރައީސް އުލީ ހޫނެސް ތާއީދު ކޮށްފި އެވެ.

ކުރިން، ބަޔާން އަށް ކުޅުނު ރަމަނައިޖްގެ ކޮންޓްރެކްޓް އާ ކުރަން އޭނާ ބޭނުން ވާނަމަ، އިތުރު ދެ އަހަރަށް އޭނާގެ ކޮންޓްރެކްޓް އާ ކޮށްދޭން ބަޔާންގެ ބޯޑުން އޮތީ ތައްޔާރަށެވެ. އެހެންނަމަވެސް ރަމަނައިޖް ބުނީ އޭނާ ގޮތެއް ނިންމާނީ އާއިލާ އާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 1981 ވަނަ އަހަރު ހޯދި، ރަމަނައިޖް، ބަޔާން މިޔުނިކްގެ މެނޭޖްމެންޓަށް ދިޔައީ 1991 ވަނަ އަހަރު އެވެ. އޭނާ ވަނީ 2002 ވަނަ އަހަރާ ހަމައަށް ބަޔާންގެ ނައިބު ރައީސްކަން ކޮށްފަ އެވެ.

"އަހަންނަށް އެނގޭ ބޯޑުން އޮތީ އިތުރު ދެ އަހަރަށް އަހަރެންގެ ކޮންޓްރެކްޓް އާ ކޮށްދޭން ތައްޔާރަށް ކަން،" ރަމަނައިޖް،63 ބުންޏެވެ. "އެކަމަކު އެންމެ ފުރަތަމަ އަހަރެންގެ އަންހެނުންނާ މަޝްވަރާ ކޮށްފަ ގޮތެއް ނިންމާނީ، އަހަރެން އޭނާ ގާތު ބުނިން ކޮންމެވެސް ހިސާބަކުން އަހަރެން އަންނާނަމޭ އާއިލާއާ އެކު ގިނަ ވަގުތު ހޭދަ ކުރަން ފުރުސަތު ލިބޭ ގޮތަށް، އަހަރެންގެ އެބަތިބި ފަސް ދަރިން ތިން ކާފަ ދަރިން."

ރަމަނައިޖް ވެސް ވަނީ އޮލިވާ ކާން އަށް ތާއިދު ކޮށްފަ އެވެ. އޭނާ ބުނީ ކާން އަކީ އެ މަގާމަށް ޝައުގުވެރި ނަމެއް ކަމަށެވެ.

"އަހަރެމެން ބޭނުންވާ ހުރިހާ ކަމެއް އޭނާގެ ކިބައިގައި އެބަހުރި، އަދި އޭނާ އަކީ ވަރަށް މޮޅަށް ކުޅުނު ކުޅުންތެރިޔެއް، އަދި އޭނާ ވަނީ އިކޮނަމިކްސް ދާއިރާއިން ތައުލީމު ހާސިލު ކޮށްފަ،" ރަމަނައިޖްގެ ތާއީދު ކާން އަށް އޮތް ކަން ހާމަ ކުރި އެވެ. "ނަމަވެސް އޭނާ އެންމެ ފުރަތަމަ ޖެހޭ އޭނާ އަމިއްލައަށް ކުރިއަށްދާން."

ބަޔާންގެ ރައީސް އުލީ ހޫނެސް ގަބޫލު ކުރާ ގޮތުގައި ރަމަނައިޖްއަށް ފަހު، ބަޔާންގެ ސީއީއޯ ކަމަށް އެންމެ އެކަށީގެންވާ މީހަކީ އޮލިވާ ކާން އެވެ.

"ކާލް ހާންޒް [ރަމަނައިޖް] ކޮންޓްރެކްޓް ހަމަވުމަށް ފަހު އޮލިވާ ކާން އަކީ އަހަރެމެންނަށް ބަލައިގަންނަން ފަސޭހަ ނަމެއް." ހުލީ ހޫނެސް ވިދާޅުވި އެވެ.

ބަޔާންގެ ޓީމަށް 430 ހާ ގާތް ކުރާ އަދަދަކަށް މެޗު ކުޅެފައިވާ، ކާންގެ އެންމެ ބޮޑު ކާމިޔާބަކީ 2001 ވަނަ އަހަރު ޗެމްޕިއަންޝް ލީގް އޭނާގެ މޮޅު ކުޅުމާއެކު ބަޔާން އަށް ހޯދައިދިނުމެވެ. ފައިނަލުގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ޕެނަލްޓީތައް މަތަކޮށް އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.

ޖަރުމަންގެ ގައުމީ ޓީމަށް 1994 ން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ކުޅުނު ކާން ވަނީ 2002 ވޯލްޑް ކަޕުގެ ފައިނަލަށް ޖަރުމަން ގެންގޮސް ދިނުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ ފަހަރުގެ ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދީ އޭނާ އެވެ. އެ ފަހަރު ވޯލްޑްކަޕުގައި އޭނާގެ ގޯލަށް ވަނީ އެންމެ ތިން ގޯލެވެ. ގުރޫޕް ސްޓޭޖުގައި ވަނީ އެންމެ ގޯލެކެވެ. އަނެއް ދެ ލަނޑު އޭނާ ގޯލަށް ވައްދާލީ ފައިނަލު މެޗުގައި، ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ އެވެ.