(2 ޑިސެމްބަރ 2018 އާ ގުޅޭ) -- "ބައްޕާ" ދަތްކުނޑިވިކާލައިގެން ހުރި މީކާޢިލް ފެނުމާއެކު އީޝަލްއަށް ބުނެލެވުނެވެ. މީކާއިލްގެ އަތް އޮތީ އީޝަލްގެ ކަނާތުފައިގެ ކުޑަހުޅުގައެވެ. އީޝަލްގެ ވަރައާ ބަލާފައި މީކާޢިލްގެ ވަރަ ބޮޑުވެފައި ދުރަށް ފެތުރިފައި އޮތެވެ. ހިތަށް ބިރުވެރިކަން ވަންނަހާ ވެއެވެ. އިސްކޮޅުން ވެސް ދިގުވެފައި ބިޔައެވެ.
"ހަމަ މިހާރު ފައިބާ" މީކާޢިލް ބުނެލިއެވެ. ވަގުތުން އީޝަލް ގޮނޑުދޮށަށް ތިރިވެލިއެވެ. އޭރު އެ ހިސާބަށް މިޒަރެން އައިސް ހަމަވީއެވެ.
"މީކާޢިލް... އަހަރެން... އީޝަލްގެ..." މީކާޢިލްގެ މޫނުގައިވާ ކުލަވަރު ފެނި މިޒަރެން އާގަންނަމުންދިޔައެވެ. ހަމައެވަގުތު މީކާޢިލް އަތްތިލަ ހިއްލާލި ގޮތުން އެ އިޝާރާތްކުރަނީ ހިމޭންވުމަށްކަން މިޒަރެން ދެނެގަތެވެ. އޭރު ކުށްވެރިއެއް ފަދައިން އީޝަލް އޭނާގެ ބައްޕަގެ ގާތުގައި ހުއްޓެވެ.
"މިޒަރެން، ކަލޭ ގެއަށް ދޭ. އަހަރެމެން ވެސް މިދަނީ" މީކާޢިލް ބުނެލިއެވެ. އަދި ފަޅިސުކުންތެއްގެ ތެރޭގައި އީޝަލްގެ އުނަގަނޑުގައި ހިފާލުމާއެކު މީކާޢިލް ޣައިބުވެއްޖެއެވެ. ނަމަވެސް ވަށައިގެން ބާރު ވައިރޯޅިއެއް ޖެހިލިކަމުގެ އިޙްސާސް މިޒަރެންނަށް ކުރެވުނެވެ.
ބޯގަސްތަކުގެ ތެރޭގައި އެކަހެރިކޮށް ހެދިފައި ހުރި ބިޔަ ބެރެބެދި ގަހުގެ ދޮށަށް މީކާޢިލް ފާޅުވިއެވެ. އޭނާގެ ގާތުގައި ހުރި އީޝަލް އިސްޖަހާލަމުން ހިނގައިގަތީ ގަހާ ދިމާއަށެވެ. އެހިނދު ގަހުގެ ތެރެއިން މަތިން ވާގޮތަށް ފިރިހެނެއްގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ.
"އަހަރެންގެ އީޝަލް އައީތަ؟... އަސްތާ! މިއަދުވެސް ކުށްވެރިވީތަ؟... މީކާޢިލް" ގަހުގެ ތެރެއިން އަނެއްކާ ވެސް އިވުނީ އިހު އިވުނު ފިރިހެން އަޑެވެ. އެ މީހަކު މީކާޢިލްގެ ނަން ދަމާލައި ބުނެލިގޮތުން އީޝަލްއަށް ކުޑަކުޑަ ހިތްވަރެއް ލިބި އިސްޖައިގެން ހުރެ ވެސް ސިއްރުން މީކާޢިލްއަށް ބަލާލިއެވެ.
"ވަދޭ އެތެރެއަށް" އީޝަލްގެ ކުޑަކުޑަ ހަރަކާތާއެކު މީކާޢިލް ބުނެލިއެވެ.
ކަށިފަޅާފައި ހުރި އެ ބިޔަ ގަހުގެ ތެރެއަށް އުނދަގުލެއް ނެތި އީޝަލް ވަނެވެ. އޭނާގެ ފަހަތުން މީކާޢިލް ވަނެވެ. ހަމަ އެވަގުތު އެތަނަށް މިޒަރެން ފާޅުވެއްޖެއެވެ. އޭނާ ފުންމައިގެން އެރީ ގަހުގެ މައްޗަށެވެ. އެ ބެރެބެދި ގަހަކީ ޒިޔަޒެލްގެ ގެ އެވެ. އެއީ ތަނަވަސް ބޮޑު ގެއެކެވެ. އެހެންނަމަވެސް އާދައިގެ އިންސާނެއްގެ ލޮލަށް އެ މަންޒަރުތައް އެގޮތަށް ފެނުމަކީ ވާނޭކަމެއްނޫނެވެ. އެ ސަރަޙައްދަކީ ޒިޔަޒެލްގެ ބާރު ހިނގާ ހިސާބެވެ. އެތަނުގައި ވަޒަންވެރިވެގެން ތަފާތު ނަސްލުގެ ޖިންނިތައް އުޅެއެވެ. ގިނައީ އެކި ކަންކަމުގައި އަނިޔާ ލިބި ޢާއިލާގެ އިތުރު މެންބަރަކު ނެތް ޖިންނީންނެވެ. އެކަނި އުޅުމަށްވުރެ ބައެއްގެ ތެރޭގައި އުޅުމަށް ޚިޔާރުކުރި ޖިންނީންނެވެ. ޒިޔަޒެލްގެ ތިލަފަތުގައި އިންސާފަކީ ނަސްލާއި ޤަދަރަށް ނޫނީ ނިސްބަތްވާ ޤަބީލާއަށް ހަމައެކަނި އޮންނަ އެއްޗެއްނޫނެވެ. ވެރިއަކަށްވުމަކީ އޭނާ އެއްވެސް އިރަކު ބޭނުންވި ކަމެއްނޫނެވެ. އެހެންނަމަވެސް މިއަދު އޭނާ ބޭނުންނުވި ނަމަވެސް އޭނާގެ ބަހަށް ތަބާވާ އެތައް ހާސް ޖިންނީންނެއް އެބައުޅެއެވެ. އޭނާގެ އިޝާރާތަކަށް ކެތްތެރިކަމާއެކު މަޑުކޮށްގެންނެވެ. ސަރަޙައްދު ހިމާޔަތް ކުރުމުގައެވެ. ޒިޔަޒެލްގެ ގެއާ ކައިރިވުމަށް އެބައިމީހުން ބިރުގަނެއެވެ. އިޚްތިރާމާއެކު ކުރުނީސްކުރުމަކީ އެ ގަސް ކައިރިން ހުރަސްކަނޑާ ކޮންމެ ޖިންނިއެއް ކުރާކަމެކެވެ. ޒިޔަޒެލް އެކަންކަން މަނައެއްނުކުރެއެވެ. އެ ސަރަޙައްދަކީ އަމާން ތަނެއްގެ ގޮތުގައި ބާއްވަން އޭނާ ބޭނުންވެއެވެ. ޖިންނީންނަކީ އެމީހުންގެ ތެރެއިން ބާރުގަދަ މީހާއަށް ތަބާވާ ބައެކެވެ. ޚުދު ޒިޔަޒެލް ވެސް އޭނާގެ މައްޗަށް އެހެން ޖިންނިއަކު ބާރުފޯރުވާކަށް ބޭނުމެއްނުވެއެވެ.
"ޒިޔަޒެލް އޭނާއަށް ފާޑުފާޑުގެ ވާހަކަތައް ކިޔައިދޭތީ އެހެންއެވަނީ" މީކާޢިލް ބުނެލިއެވެ. އޭރު މިޒަރެންނާއެކު އީޝަލް ގޭތެރެއަށް ވަދެއްޖެއެވެ. މީކާޢިލް މަޑުކޮށްލީ ޒިޔަޒެލްގެ ގާތުގައެވެ. އޭނާ އިނީ މުޅި ސަރަޙައްދު ފެންނަ ގޮތަށް ހުރި ގޮފިގަނޑެއްގައި ނިކަން ހަމަޖެހިލައިގެންނެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން އިންއިރު ވެސް ދިގު ފޭރާމުގެ ތެރެއިން އޭނާގެ ފައެއް ނުފެނެއެވެ. ވައަތުން ބިނާޓުނޮޅީގައި ހިފަހައްޓާލައިގެން އިނދެ ޒިޔަޒަލެއްގެ އަނގައިން ދުންގަނޑު ދޫކޮށްލިއެވެ. އަދި މީކާޢިލްއަށް ނަޒަރު ހުއްޓާލީ ހިނިތުންވެލައިގެން އިނދެއެވެ.
"މީކާޢިލް ހަނދާންނެތުނީތަ އަހަރެންގެ ވާހަކަތައް އަޑުއަހަން ފަހަތުން އުޅުނު ދުވަސްތައް" ޒިޔަޒެލް ބުންޏެވެ.
"އެދުވަސްތައް... ކިހިނެއް ހަނދާންނެތޭނީ... އަހަރެން..." މީކާޢިލްގެ މޫނަށް އެރި ކުލަވަރާއެކު އޭނާ ހިމޭންވިއެވެ. ޒިޔަޒެލް ފިނިނޭވާއެއް ދޫކޮށްލީ އެވީގޮތެއް އެނގިގެންނެވެ.
"އަހަރެންގެ ބޭނުމަކީ އެ ހަނދާންތައް އާކުރުވުމެއްނޫން، އީޝަލްއަށް ޓަކައި އަހަރެން ނުކުރާނެމެއް ނޯންނާނެ، ތި ދެބައިންނަކީ އަހަރެންގެ ލޮލުގެ ފިނިކަން، މީކާޢިލް، އީޝަލްއަކީ މިހާރު ކުޑަކުއްޖެއްނޫން... އޭނާ ބަންދުކޮށްގެންނެއް ނުގެންގުޅެވޭނެ، އޭނާ މިގަހުގައި ހައްޔަރުކޮށްފިނަމަ އެއީ އެކުއްޖާފުޅަށް ވެސް ދެވޭ ދެރައެއް، ވީ ހުރިހާކަމެއްގައި އީޝަލްގެ ކުށަކީ ކޮބާ؟" ޒިޔަޒެލް އިން ތަނުން ތެދުވެގެން މީކާޢިލްގެ ގާތުގައި އައިސް ހުއްޓިލިއެވެ. މީކާޢިލްގެ ބުރަކަށީގައި އެއްއަތުން ޖަހާލުމާއެކު އޭނާ ގޮވައިގެން ޒިޔަޒެލް ވަނީ ދިރިއުޅޭ ބަޔަށެވެ.
"އަހަރެން އެ ދަރިފުޅު އުފަންކުރީ... އޭރު ބައްޕަ ދެއްކި ވާހަކަތަކުގެ ބަރުދަން އިޙްސާސް މިވީ ޚުދު އަހަރެން ބައްޕައަކަށްވުމުން، ޒިޔަޒެލް... އަހަރެން ބިރުގަނޭ، އެ ދަރިފުޅު އަހަރެންގެ ހަޔާތުގައި ނެތްނަމަ އޭރުގެ އެ ކަންތައްގަނޑުގައި އަހަރެންގެ ބުއްދި ގޯސްވީސްކަން ޔަގީން، މަގުގެއްލި ހަލާކުގެ ތެރެއަށް އަހަރެން ވެއްޓުނީސް... އަދިވެސް ހީވަނީ އިއްޔެވީކަމެއްހެން، އަހަރެންގެ މިޝަލް... މި އަތުގެ ތެރޭގައި... ވޭނުން ފުރިގެންވީ..." މީކާޢިލްއަށް އިސްޖަހާލެވުނެވެ. އޭނާގެ ބުރަކަށީގައި ޒިޔަޒެލް އަނެއްކާ ވެސް ޖަހާލީ ހިތްވަރުދިނުމުގެ ގޮތުންނެވެ.
"ވާންހުރި ގޮތެއްވާނެ، އަހަރެމެން ކިތަންމެ ބާރުގަދަޔަސް ހައްދެއް ކަނޑައެޅިފައިވަނީ، އެކަންކަމަކީ އަހަރެމެންނަށް ވެސް ބާރުފޯރުވޭނޭ ކަންކަމެއްނޫން" ޒިޔަޒެލް ބުންޏެވެ.
"ދެން ތިހެން ނީނދޭ... ތި ބަލިކަށިކަން ފޮރުވާލައި، ތީ މީކާޢިލްގެ ފުށުން އަހަރެން ދުށުމަށް އެދޭ ސިފައެއްނޫން، މީކާޢިލް... ކޮބާތަ ޚަބަރަކީ؟ ތިޔައީ އެ މީހުންގެ ގާތަށް ގޮސްފައެއްނު، އަހަރެންގެ އުޚުތުގެ ޚަބަރަކީ ކޮބާތަ؟ އައިޒަންގެ ހާލު ރަނގަޅުތަ؟" ޒިޔަޒެލް މައުޟޫޢު ބަދަލުކޮށްލިއެވެ.
"މަންމައާއި ބައްޕަ ވެސް ރަނގަޅު، ދެކެވުނީ ބަލްޤިސްގެ ކައިވެނީގެ ވާހަކަ، އަހަރެން ގެންދިޔައީ ބަލްޤިސްގެ ބަހަށް ބާރުދޭން، އޭނާ ބޭނުންވަނީ ދުވަސްކޮޅަކަށް ކައިވެނި ލަސްކޮށްލަން... މަންމައާއި އަހަރެން ބަލްޤިސްއާ އެއްކޮޅަށް އެރުމުން ބައްޕައަށް މަޖުބޫރުވީ ބަލްޤިސްގެ އެދުމަށް އާނބަސްކިޔަން، ޒިޔަޒެލްއާއި އީޝަލްގެ މަތިން މަންމަ ވަރަށް ހަނދާންކުރޭ، މަންމަ އެދުނު އީޝަލް ގޮވައިގެން އެމީހުންގެ ތެރެއަށް އެނބުރި އައުމަށް، އެކަމަށް ބައްޕަ ބަހެއްނުބުނި... އަހަންނަށް ވިސްނޭ ކީއްވެކަން، ބައްޕަގެ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް ލިބޭކަށް އަހަރެން ވެސް ބޭނުމެއްނޫން، މިހާރު ވެއްޖެއްޔާ އެންމެން ޤަބޫލުކުރަނީ އަހަރެންގެ ނުކިޔަމެންތެރިކަމާ ހެދި ގަނޑުވަރުން ބޭރުކޮށްލައި އެ މީހުންނާ ދުރަށް އަރުވާލައިފައި ހުރީކަމުގައި... ކޮއިލުތެރޭ ގަނޑުބަޑު އުފެދި ބައިބައިވުމަށް މަގުފަހިވެއްޖެނަމަ ބައްޕައަށް ވާނޭގޮތް އެނގޭ" މީކާޢިލް އޮޅުން ފިލުވައިދިނެވެ.
"އައިޒަންއަށް ދިގު އުމުރެއް ދެއްވާށި، އޭނާ ފާޅުނުކުރި ނަމަވެސް މީކާޢިލްއާއި އީޝަލް ދުރުގައި އުޅުމުގެ ސަބަބުން އޭނާއަށް ލިބޭ ހިތްދަތިކަން ވަކި ކުޑައެއްނޫން... އަހަރެން ކިތަންމެ ފަހަރަކު ދުށީން އޭނާ އީޝަލްގެ ޅައުމުރުގައި ދުރުގައި ބަލަން ހުއްޓާ، އޭނާ އެގޮތަށް އަންނަފަހަރު ފެނުމަކީ ވަރަށް ކުޅަދާނަ ޖިންނިއަކަށްނޫނީ ހިލަންނުވާނޭކަމެއްނޫން" ކުޑަކޮށް ހިނިއައިސްފައި ހުރި ޒިޔަޒެލް ބުންޏެވެ.
އީޝަލް ނިދުމަށް ޓަކައި ޚާއްޞަކޮށްފައި ހުރި ބައިގައި އޭނާ އިނެވެ. ތަންމަތީގައި ދެފައި ވަށްކޮށްލައިގެން އިންއިރު ބުރަކަށި ފަހަތުގައިވާ ބިތުގައި ޖައްސާލައިގެން މައްޗަށް އީޝަލްގެ ނަޒަރު ހުއްޓާލައިފައިއެވެ. އެލުވާފައިވާ ކުދިކުދި އަގީދުތައް ކުޑަދޮރުގެ ތެރެއިން ވަންނަ ވައިރޯޅިއާއެކު ހެލިލައެވެ. އޭނާ ކުޑައިރު ޒިޔަޒެލް ގެންގުޅޭ ތަފާތު ހިލަކޮޅުތައް ނަގައިގެން ކުޅެން އިންނަތަން ފެންނާތީ އޭނާ ތައްޔާރުކޮށްދިން ހަދިޔާއެކެވެ. އެ ހިލަކޮޅުތަކާއި ގުޅުވައި ޒިޔަޒެލް އޭނާއަށް ވާހަކަ ކިޔައިދެއެވެ. އެ ވާހަކަތަކުގެ ތެދު ދޮގެއް ނޭނގެއެވެ. ކިހާވަރަކަށް ފޮނިތޮށިކާފޫރުތޮޅި ލައިފައިކަން ހުންނަނީ ދެނެގަންނާކަށް އީޝަލްއަކަށް ވެސް ނޭނގެއެވެ. އެހެންވިޔަސް އޭނާ އެ ވާހަކަތަކަށް ޝައުގުވެރިވެއެވެ. ކައުނުގައި ދަތުރުކޮށް ތަފާތު ދިރުންތައް ދެނެގަނެ ޒިޔަޒެލް ފަދައިން ކަންކަން ދަސްކުރަން އީޝަލް ޝައުގުވެރިވެއެވެ. ޚިޔާލީދުނިޔެއެއްގައި މީހާ ބަނދެވިފައި ހުންނަނީ އެހެންވެއެވެ. ދިމާވެދާނެ ނުރައްކަލަކާ މެދު ވިސްނުން ހިނގުމުގެ ދާއިރާ ހަންޏެވެ. އެއްވެސް ވަރަކަށް އެކަމާމެދު އީޝަލް ފިކުރެއް ނުކުރެއެވެ. ބޮޑުވަމުން އައިއިރު ބިރުވެރި އެތައް މޫނެއް އޭނާ ދުށްޓެވެ. އެކަމަކު އެކަންވީ އާދަޔާ ޚިލާފު އަޖައިބުކުރުވަނިވި ކަމަކަށެވެ. އެ ސިފަތަކުގެ ހަޤީޤަތާ ގުޅޭ ގޮތުން އޭނާ ޒިޔެޒެލްއާ ސުވާލުކުރެއެވެ. އެއީ ކޮން ނަސްލަކުން އައި ޖިންނިއެއްތޯއާއި އޭނާއަށް ލިބިފައިވާ ބާރަކީ ކޮބައިތޯއެވެ.
"އީޝަލް" ދޮރުމަތީ މީކާޢިލް ހުރިކަން އީޝަލްއަށް އެނގުނީ އޭނާ ގޮވާލުމުންނެވެ. އަވަހަށް ހަށިގަނޑު ތެދުކޮށްލައި ފައިވާ އެތެރެއަށް ޖައްސާލަމުން އީޝަލް އިސްޖަހާލިއެވެ.
"މާމައާއި ބޮޑުދައިތަ ވަރަށް ސަލާމްބުނި" މީކާޢިލް އައިސް އީޝަލްގެ ތަންމަތީގެ އެއްފަރާތުން އިށީނދެ ވާހަކަދެއްކިއެވެ.
"ކޮންއިރަކުން ބޮޑުދައިތަ މިތަނަށް އަންނާނީ... ކާފަ ނުރުހުންވީތަ ބޮޑުދައިތަ މިކޮޅަށް އައީމަ" އީޝަލް މަޑުމަޑުން އަހާލިއެވެ.
"ވަރަށް އަވަހަށް އަންނާނެ، ކާފަ މަނައެއްނުކުރޭ އީޝަލްގެ ގާތަށް އަންނާކަށް، މިހާރު ބޮޑުދައިތަގެ ޒިންމާތައް ވަރަށް ގިނަ، ބަލަހައްޓަންޖެހޭ ކަންކަން ވެސް ގިނަ، ކާފައަށް ބޮޑުދައިތަގެ އެހީ ބޭނުންވާނެއެއްނު... އެބައޮތް މާމަ ދިން ހަދިޔާއެއް" މީކާޢިލްގެ މުށުގެ ތެރޭގައި އޮތް ރަތުރަނުގެ ކެވެލިކޮޅެއް ދައްކާލިއެވެ. އެ ކެވެލިކޮޅު ހަދާފައިވަނީ ތަފާތު ބައްޓަންތަކަށް ހުރި ބޮލިންނެވެ. ވަގުތުން އީޝަލްގެ މޫނުން ފާޅުވި ހިނިތުންވުމާއެކު އެ މޫނު އުޖާލާވެގެން ހިނގައްޖެއެވެ. ނިކަން އަވަހަށް ވައަތްތިލަ ކުރިއަށް ދަމާލައި މީކާޢިލްއަށް ދައްކާލިއެވެ. ހިނިތުންވެލި މީކާޢިލް ވެސް ދަރިފުޅުގެ އަތުގައި ކެވެލި ކޮޅު އަޅުވާލަ ދިނެވެ.
"ބައްޕާ... އަޅުގަނޑަށް މަޢާފުކޮށްފިންތަ؟" އީޝަލް އަހާލިއެވެ. އެއާއެކު މީކާޢިލް ބޯޖަހާލިއެވެ.
"އީޝަލް އެކަނި ދާކަށް ބައްޕައަކަށް ހުއްދައެއް ނުދެވޭނެ، މިޒަރެންނަށް ދަރިފުޅާ އެއްވަރެއް ނުކުރެވޭނެ، އޭނާއަށް ކުރެވޭ ކަންތައްތަކާއި ދަރިފުޅަށް ކުރެވޭ ހުރިހާކަމެއް އެއްގޮތެއްނުވާނެކަން އެނގެއެއްނު، ގެއްލުމެއް މެދުވެރިވާނީ އެނގިފައެއްނޫން، އީޝަލްގެ ސަބަބުން މިޒަރެންނަށް ކަމެއްވެއްޖެއްޔާ ދެން ކީއްކުރާނީ" މީކާޢިލް ވިސްނައިދޭ ފަދައިން ވާހަކަދެއްކިއެވެ. އީޝަލް މަޑުމަޑުން ބޯޖަހާލަ ޖަހާލައި އިނީ އެކަމާ އެއްބަސްވާކަން އެންގުމަށެވެ.
"ދެން އެހެން ނުހަދާނަން... މީ ހާދަ ރީތި ބޮލިތަކެކޭ، މާމައަށް ޝުކުރުއަދާކުރަން ބޭނުން، ވަރަށް ރީތި މިކެވެލިކޮޅު، ހާދަ އޮފޭ... މި ހުރިހާ ބޮއްޔެއް ވެސް ލިބޭނެތަ މޫދުން، މި ބޮލި އަދިވަކިން ރީތި" އަތުގައި އޮތް ކެވެލިކޮޅުގައި ފިރުމަމުން އޭގެ ޖާދޫގައި ޖެހިފައި އިން ކަހަލަ ގޮތަކަށް އީޝަލް ވާހަކަދެއްކިއެވެ. އެ ދަރިފުޅުގެ މައުސޫމްކަން އެ ވާހަކަތަކުން މީކާޢިލްއަށް އިޙްސާސް ކުރެވުނެވެ. އެއާއެކު ދަރިފުޅުގެ މަންމަގެ މަތިން މީކާޢިލް ހަނދާންވިއެވެ.
"އަތިރިމަތިން ފެނެއެއްނު ބައެއް ބޮލި، ގިނައިން ފެންނާނީ ފަރުމަތިން... އެކަމަކު ބުނަން، އެ ދިމާއަށް ނުދާތި، މޫދަށް އަދި އެރޭކަށްނުވޭ" މީކާޢިލް ބުނެލިއެވެ. ނިކަން ފަސޭހައިން އީޝަލް ބޯޖަހާލިއެވެ.
"ވިހިވަނަ އުފަންދުވަސް ކައިރިވަނީނު، އެ ދުވަހުން އީޝަލްއަށް އެއްކަންތައް ކުރުމުގެ ހުއްދަ ދޭނަން، އެހެންވީމަ މިހާރުއްސުރެ ވިސްނާފަ ބާއްވާފައި ދަރިފުޅު އެންމެ ބޭނުންވާކަމެއް... ހަމަ އެންމެ ފުރުޞަތެއް އިނގޭ އޮންނާނީ" މީކާޢިލް ބުނެލިއެވެ. އުފަލުން އީޝަލްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
"ޔަގީންތަ؟" ހެވިފައި އިނދެ އީޝަލް އަހާލިއެވެ.
"ހަމަޔަގީން... ދެން ހިނގާ ކާން، ދަރިފުޅު ސުފުރާމަތި ތައްޔާރުނުކުރާތީ ޒިޔަޒެލް އިނީ ނުކާން" މީކާޢިލް ބުންޏެވެ. ހީނލަމުން އީޝަލް ތަންމަތިން ފައިބައި މީކާޢިލްއާއެކު ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. (ނުނިމޭ)