ހަބަރު

ކޭލަކުނު، ނޭކުރެންދޫ އަދި ބާރަށު ކުޅި ހިމާޔަތް ކުރަން މަޝްވަރާކޮށްފި

ހދ. ކޭލަކުނާއި އެއަތޮޅު ނޭކުރެންދޫގެ ކުޅި ހިމެނޭ ސަރަހައްދާއި ހއ. ބާރަށުގެ ކުޅިހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ފައްޓަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ކޭލަކުނާއި ނޭކުރެންދޫ އާއި ބާރަށު ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުށަހެޅުއްވި ކަރުދާހާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.

އެގޮތުން ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި ނޭކުރެންދޫގެ ކުޅިއާ ފާ އަދި ޗަސްބިން ސަރަހައްދާއި ބާރަށުގެ ކުޅިއާ ފާ އަދި ޗަސްބިން ސަރަހައްދަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޒުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއްކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

މިއަދުގެ މަޖިލީހުގައި އިގްތިސޯދީ ތަރައްގީއަށް ރަށްތައް ކަނޑައަޅާއިރު، ތިމާވެށީގެ ހާއްސަ މާހައުލުތައް އެކުލެވޭ ބައެއް ރަށްރަށާއި ސަރަހައްދުތައް އަންނަން އޮތް ޖީލުތަކަށްޓަކައި ހިމާޔަތްކުރެވި ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްކަން ވަޒީރުން ފާހަގަ ކުރެއްވި ކަމަށެވެ. އަދި ތިލަދުންމައްޗަކީ ތިމާވެށީގެ ގޮތުން މުއްސަނދި މާހައުލުތަކެއް އެކުލެވިގެންވާ ސަރަހައްދެއް ކަމަށާއި ތިމާވެށި ގާނޫނުގެ ދަށުން މި ދެ އަތޮޅުގައި މިހާތަނަށް އެއްވެސް ސަރަހައްދެއް ނުވަތަ ތަނެއް ހިމާޔަތް ކުރެވިފައި ނުވާކަންވެސް ވަޒީރުން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޭލަކުނާއި ނޭކުރެންދޫ އާއި ބާރަށުގެ ކުޅިހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައެޅުމަކީ ރާއްޖޭގެ ތިމާވެށީގެ ތަރިކަ ރައްކާތެރި ކުރުމަށްޓަކައި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ މުހިންމު ވައުދެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.