ހަބަރު

ސިޓީ ކައުންސިލް ތަކަށް ބާރުތައް ދޭން ނިންމައިފި

Dec 4, 2018
2

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޓީ ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް އަލުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމީ ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކޮށްފައިވާ ބާރުތަކާއި ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރުމުގައި، ކަމާ ގުޅޭ އިދާރާތަކާއި ކައުންސިލްތަކާ ދެމެދު ސޮއިކުރާ އެއްބަސްވުމެއްގެ ދަށުން ބާރުތައް ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ކަމަށެވެ.

އެގޮތުން ކެބިނެޓުން މިއަދު ނިންމެވީ، ސިޓީ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުން ދޭ އަސާސީ ހިދުމަތްތަކާ ގުޅޭ ކަންކަމާއި ޕާކްތަކާއި ގުޅޭ ކަންކަން އަދި ކުނިނެގުން ފަދަ ކަންކަން ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރާށެވެ. މި ބަދަލާ އެކު ސިޓީ ކައުންސިލަކީ ގިނަ ހިދުމަތްތަކެއް ދޭ ތަނަކަށް ބަދަލުވެގެން ދާނެ އެވެ.

ސިޓީ ކައުންސިލްތަކަށް ދޭ ބާރުތައް:

- ވިހާ މަރުވާ ރެކޯޑު ބެލެހެއްޓުން.
- ސަރުކާރުގެ އަންގާ ގޮތަކަށް ތަފާސްހިސާބު ބެލެހެއްޓުން.
- ސިޓީގައި ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން.
- އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުން.
- ސިޓީގެ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.
- ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި އާންމު މާރުކޭޓުތަކުގެ ކަންކަން ފުރިހަމަވެފައި ހުރޭތޯ ބެލުން.

ކައުންސިލްތަކަށް އަލުން ބާރުތައް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.